ޔޫއެފާ ޗެމްޕިއަންސް ލީގުގައި މޮޅަކާއެކު އިނގިރޭސިވިލާތުގެ މެންޗެސްޓަރ ސިޓީން ގުރޫޕް ސްޓޭޖުގެ މެޗުތައް ނިންމާލާއިފިއެވެ.
އަމިއްލަ ދަނޑުގައި ފްރާންސްގެ އޮލިންޕިކް މާސޭގެ މައްޗަށް ކުރި ހޯދީ 3-0 ލަނޑުންނެވެ. މެޗުގައި ސީޓީގެ ލަނޑުތައް ދެވަނަ ހާފްގައި ކާމިޔާބުކޮށްދިނީ ފެރަން ޓޮރޭސް، ސާޖިއޯ އަގުއޭރޯ އަދި ރަހީމް ސްޓާލިންއެވެ. މިއީ އަނެއްކާވެސް އަނިޔާއިން އެނބެރުއިއަސް އަގުއޭރޯ ސިޓީއަށް ކުޅުނު ފުރަތަމަ މެޗެވެ.
އަގުއޭރޯގެ މިލަނޑާއެކު އޭނާ ޖެހި ޗެމްޕިއަންސް ލީގުގެ ލަނޑުގެ އަދަދު ވަނީ 41 އަށް އަރާފައެވެ. މިސީޒަންގައި މިހާތަނަށް އަގުއޭރޯ ވަނީ ސިޓީއަށް ފަސް މެޗު ކުޅެފައެވެ. ޓޮރޭސް ވަނީ މުބާރާތުގައި ސިޓީއަށް ކުޅުނު ފަސްމެޗުން ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ. ރަހީމް ސްޓާލިންގް ވަނީ މި ސީޒަންގައި ސިޓީއަށް 7 ލަނޑު ކާމިޔާބުކޮށްދީފައެވެ.
ރޭގައި ޖެހި ތިން ލަނޑާއެކު ސިޓީން ވަނީ ޔޫރަޕުގައި 100 ލަނޑު ހަމަކޮށްފައެވެ. އެއީ ގާޑިޔޯލާގެ ކޯޗުކަމުގައި ޔޫރަޕުގައި ކުޅުނު 43 ވަނަ މެޗުންނެވެ. ރޭގައި ޓޮރޭސް ޖެހި ލަނޑާއެކު ސިޓީން ވަނީ އިތްހާދް ސްޓޭޑިއަމްގައި 1000 ލަނޑު ހަމަކޮށްފައެވެ. އެއީ މިދަނޑުގައި ކުޅުނު 445 މެޗުންނެވެ. އެންމެ ފުރަތަމަ މި ދަނޑުގައި ސިޓީން ލަނޑެއް ކާމިޔާބުކުރީ 2003ވަނަ އަހަރު ޔޫއެފާ ކަޕް ފުޓްބޯޅަ މުބާރާތުގައެވެ. މުބާރާތުގައި ސިޓީ ކީޕަރު އެންޑަސަން ވަނީ ގުރޫޕްގައި ކުޅުނު ފަސްމެޗުގައި ބައިކޮޅަށް ވައްދާނުލާ ނިންމާލީ ފުރަތަމަ އިނގިރޭސި ކުލަބެއްގެ ކީޕަރައް ވެފައެވެ. ކުރިން މި ރެކޯޑް އިތީ ލިވަޕޫލްގެ ކީޕަރު ޕެޕޭ ރެއިނާގެ އަތުގައިއެވެ.
ރޭ މި ގުރޫޕްގައި ޕޯޓޯ އާއި އޮލިންޕިއާކޯސް ވާދަކުރި މެޗު 2-0 ލަނޑުން ކާމިޔާބުކުރީ ޕޯޓޯއެވެ. މި ނަތީޖާއެކު ސިޓީން ގުރޫޕް ސްޓޭޖު ނިންމާލީ 6 މެޗުން 16 ޕޮއިންޓް ހޯދައިގެންނެވެ. މިއީ މުބާރާތުގެ ތާރީހުގައި ގުރޫޕް ސްޓޭޖުގައި ސިޓީން އެންމެ ރަނގަޅު ނަތީޖާއެއް ހޯދިފަހަރުއެވެ. ސިޓީ އަކީ ގުރޫޕްސްޓޭޖުން 16 ޕޮއިންޓް ހަމަކުރި އިނގިރޭސި ހަތަރުވަނަ ކުލަބެވެ. މީގެކުރިން މެންޗެސްޓަރ ޔުނައިޓެޑާ ، އާސެނަލްގެ އިތުރުން ޓޮޓްނަމް ވަނީ ގުރޫޕް ސްޓޭޖުގައި 16 ޕޮއިންޓް ހޯދައިފައެވެ.
އެންމެފަހުން ކުޅުނު ހަތަރު މުބާރާތުގައި ސިޓީ ވަނީ ގުރޫޕްގެ އެއްވަނަގައި ގޮތުގައި މުބާރާތުގެ ދެވަނަ ބުރުން ޖާގަހޯދާފައެވެ.
ކޮމެންޓު ފޮނުވާ