ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް ޢަލީ ޒާހިރު، ކީރިތި ގުރުއާނުގެ ހުލާސާ ތަފްސީރު ފޮތެއް، ލިޔުއްވައި ނެރުއްވައިފިއެވެ.
މިއަދު ފާހަގަކުރާ ރާއްޖެ އިސްލާމްވިދުވަހާއި ދިމާކޮށް ފަނޑިޔާރު ޢަލީ ޒާހިރު ނެރުއްވާފައިވާ ފޮތަކީ "ކީރިތި ޤުރުއާނުގެ ޚުލާޞާ ތަފްސީރު" އެމަނިކުފާނުގެ ތަފްސީރުގެ ފުރަތަމަ ވޮލިއުމެވެ. 444 ސަފްހާގެ މި ވޮލިއުމް ނުވަތަ ބަޔަކީ މީގެ ހަ ވޮލިއުމްގެ ތެރެއިން ފުރަތަމަ ވޮލިއުމެވެ. މުޅި ތަފްސީރު ނިމޭނީ ޖުމްލަ ހަ ވޮލިއުމަށެވެ. ކޮންމެ ވޮލިއުމެއްގައި ގުރުއާނުގެ ފަސް ފޮތް ހިމެނޭނެ ކަމަށް މަހާޒް ބްލޮގްގައި ލިޔުއްވާފައިވެއެވެ.
މަހާޒް ވިދާޅުވެފައިވާ ގޮތުގައި މިއީ 2015 ވަނަ އަހަރު އޭނާ ފެއްޓެވި މަސައްކަތެއްކަމަށާއި، އެއީ މަހާޒްގެ ކޮއްކޮ ނިހާޒް ގުރުއާން ތަރުޖަމާއާ އެކު ނެރުނު މޯބައިލް އެޕް "ގުރުއާން އެމްވީ" ގައި ހިމެނި ތަރުޖަމާއާ ގުޅޭ ގޮތުން ދީނީ އިލްމުވެރިންނާއި އެކި ފަރާތްތަކުން ލިބެމުން ދިޔަ ހިޔާލާއި ޝަކުވާތަކާ ގުޅިގެންކަމަށެވެ.
ކީރިތި ޤުރުއާނަކީ ހަމައެކަނި ލަފުޒީ ތަރުޖަމާއަކުން ފުއްދައިލެވޭނެ އެއްޗެއް ނޫންކަމުގައި ވިސްނެން ފެށުމުން އާޔަތްތަކުގެ މާނަ ގެނެސް ދިނުމުގައި ކޮންމެވެސް ވަރަކަށް އާޔަތުގެ ތަފްސީރު ގެނައުމުގެ މުހިންމުކަމާ އެކު ހުލާސާ ތަފްސީރެއް ލިޔަން ނިންމެވީ ކަމަށް މަހާޒް ބްލޮގްގައިވެއެވެ.
މި ފޮތް ލިޔުއްވުމުގައި، ސައޫދީ ސަރުކާރުން ޝާއިއު ކޮށްފައިވާ، "އައްތަފްސީރުލް މުޔައްސިރު" އާއި "އަލްމުޚްތަޞަރު ފީ ތަފްސީރިލް ޤުރާނިލްކަރީމް" އަށް ބަރޯސާވުމާ އެކު ކަޘީރުގެ ތަފްސީރާއި ތަފްސީރު ޤުރުޠުބީ ފަދަ ތަފްސީރުތައް ވެސް އެކި މައުލޫއުތަކުގައި ބަލާފައި ވާނެކަމަށްވެސް މަހާޒް ވިދާޅުވެފައިވެއެވެ.
މި ތަފްސީރު ތަފާތުވަނީ ކޮންމެ އާޔަތެއްގެ ތަފްސީރު ފަރުވާތެރިކަމާ އެކު އެ އާޔަތުގެ ތަފްސީރު ކުރުކޮށް ދިވެހިން ބުނެދީފައިވާތީކަމަށްވެސް ފަނޑިޔާރު މަހާޒް ވިދާޅުވެފައިވެއެވެ.
މާލެ އާއި ހުޅުމާލޭގެ ނޮވެލްޓީ ބުކްޝޮޕުން މިހާރު ލިބެން ހުންނާނެކަމަށާއި، އަގަކީ 390 ރުފިޔާކަމަށްވެސް މަހާޒް ވިދާޅުވިއެވެ.