ރާއްޖެ އިން އެހީދޭ އައިއޭސީގެ ގުދަނަށް އިސްރާއީލުން ބޮން އަޅައިފި

ރާއްޖެ އިން އެހީދޭ އައިއޭސީގެ ގުދަނަށް އިސްރާއީލުން ބޮން އަޅައިފި

ފަލަސްތީނުގެ ޣައްޒާގައި ހުންނަ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) ގެ ގުދަނަކަށް އިސްރާއީލުން ބޮން އަޅައިފިއެވެ.

ދިވެހިން ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނަށް އެހީ ފޯރުކޮށްދެނީ، މައިގަނޑު ގޮތެއްގައި އައިއޭސީ ޖަމާއަތަށެވެ. ފަލަސްތީނަށް އެހީވުމަށް އައިއޭސީން މިހާރު ވެސް ފަންޑެއް ހުޅުވާފައިވާ އިރު، މިހާތަނަށް އައިއިރު ފަންޑަށް ހަތް މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވެއެވެ.

އައިއޭސީން ބުނީ އެ ޖަމިއްޔާގެ ގުދަނަކަށް ސީދާ އަމާޒުކޮށް، އިސްރާއީލްގެ ޔަހޫދީން ހަމަލާދީފައިވާ ކަމަށެވެ. އަދި މި ހަމަލާގައި ގުދަން އެއްކޮށް ހަލާކުވެފައިވާ ކަމަށް ވެސް އައިއޭސީން ބުނެފައިވެއެވެ.

އެތަނުގައި ހުރި ތަކެތީގެ ތެރޭގައި 2،000 ރަޖާ އާއި ވަގުތުން ކެވޭ ގޮތަށް ތައްޔާރު ކުރެވިފައިވާ 1،000 ޕެކްގެ އިތުރުން، އަންނައުނު 3،000 ޕެކް ހިމެނޭ ކަމަށް އައިއޭސީން ބުނެފައިވެއެވެ. އަދި އެ ޖަމިއްޔާގެ މުވައްޒަފުން ދަތުރު ކުރަމުންދިޔަ ވެހިކަލަކަށް ހަމަލާދީފައިވާ ކަމަށް ވެސް އައިއޭސީން ބުނެފައިވެއެވެ.

"އެއްވެސް މީހެއްގެ ފުރާނަޔަށް ގެއްލުން ވާވަރުގެ އަނިޔާއެއް ނުވޭ." އައިއޭސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.

މި މަހުގެ 7 ވަނަ ދުވަހު ފަލަސްތީނުގެ ހަމާސް ޖަމާއަތުގެ މުޖާހިދުން އިސްރާއީލުން ހިފާފައިވާ އަވަށްތަކަށް އަރައި ހައިރާން ކުރުވަނިވި ހަމަލާތަކެއް ވަނީ ދީފައެވެ. އެ ހަމަލާތަކުގައި ގިނަ ބަޔަކު މަރާލައި، އެތައް ބަޔަކު ވަނީ ރަހީނުކޮށްގެން ފަލަސްތީނުގެ ޣައްޒާ އަށް ގެންގޮސްފައެވެ.

އޭގެ ރައްދުގައި އިސްރާއީލުން ދަނީ ޣައްޒާގެ އެކި ހިސާބުތަކަށް ބޮން އަޅައި އެ ސިޓީގައި ތިބި އެތައް ބަޔަކު ޝަހީދު ކުރަމުންނެވެ. އަދި މިހާތަނަށް އައިއިރު، ޣައްޒާގެ ގިނަ އިމާރާތްތަކެއް ބިމާ ހަމަވެފައިވާ އިރު، 1،000 އަށް ވުރެ ގިނަ މީހުން އިމާރާތްތަކުގެ ދަށުގައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިސްރާއީލްގެ ހަމަލާތަކުގައި ފަލަސްތީނުން 2،700 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ އިރު، އަނިޔާ ލިބުނު މީހުންގެ އަދަދު ވެސް 10،000 އާ ގާތް ކުރެއެވެ. ހަމާސްގެ ހަމަލާތަކުގައި އިސްރާއީލުން މަރާލާފައި ވަނީ 1،400 މީހުންނެވެ. އޭގެ ތެރޭގައި 300 އާ ގާތް ކުރާ އަދަދެއްގެ ސިފައިން ހިމެނެއެވެ. ހަމާސް އިން ރަހީންކޮށްގެން ގެންދިޔަ މީހުންގެ ތެރޭގައި އިސްރާއީލް ސިފައިން ވެސް ހިމެނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *