ސިނަމާލެ ބުރިޖުގައި ދުއްވަން އޮންނަ ސްޕީޑަށްވުރެ ބާރަށް އެއްގަމު އުޅަނދު ދުއްވައިގެންނާއި، ގަވާއިދާ ޚިލާފަށް ލޭން ބަދަލުކޮށްގެން އިއްޔެ އެކަނިވެސް 68 މީހަކަށް ނަސޭހަތުގެ މެސެޖު ފޮނުވައިފިއެވެ.
ސިނަމާލެ ބުރިޖުގައި ދުއްވަން އޮންނަ ސްޕީޑަށްވުރެ ބާރަށް އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކަށާއި ގަވާއިދާ ޚިލާފަށް ލޭން ބަދަލުކުރާ ފަރާތްތަކަށް ފުލުހުން މެސެޖު ފޮނުވަން ފެށީ އިއްޔެއެވެ.
ފުލުހުން ބުނީ ޤަވާއިދާއި ޚިލާފުވެގެން އިއްޔެ 15:30އާއި ހަމައަށް 68 މީހަކަށް މެސެޖު ފޮނުވިކަމަށެވެ.
މެސެޖު ފޮނުވަނީ އުޅަނދުގެ ވެރިފަރާތުގެ ފޯނު ނަންބަރަށެވެ.
ފުލުހުން ބުނެފައިވަނީ މި މެސެޖުގައި ދުއްވި ގަޑިއާއި ތާރީޚު އެގޭނެހެން، ގަވާއިދާ ޚިލާފްވެފައިވާކަން ބަޔާން ކޮށްފައިވާނެ ކަމަށެވެ. މިގޮތުން ފުލުހުން އުޅަނދުގެ ވެރިފަރާތަށް ފޮނުވާ މެސެޖުގައި އެއްވެސް ލިންކެއް ހިމަނާފައި ނުވާނެކަންވެސް ފުލުހުންވަނީ އާންމު ރައްޔިތުންގެ ސަމާލުކަމަށް ގެނެސްފައެވެ.
ބުރިޖުގައި ދުއްވާ އުޅަނދުތައް ފުލުހުން ދެނެގަންނަނީ ބުރިޖުގައި ހަރުކޮށްފައިވާ ކެމެރާތައް މެދުވެރިކޮށެވެ. މިއީ ބުރިޖުގެ ބޭނުންކުރާ އެންމެހާ ފަރާތްތަކުގެ ސަލާމާތާއި ރައްކާތެރިކަމަށްޓަކާ ބޭނުންކުރެވޭ ވަސީލަތެއްކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.
ކޮމެންޓު ފޮނުވާ