މިސަރުކާރުން ކައުންސިލްތައް ހިންގުމަށް ދޭންޖެހޭ އެންމެ ފުރިހަމަ އެއްބާރުލުން ނުދިން ނަމަވެސް، އަންނަ ސަރުކާރުން ކައުންސިލްތަކަށް ފުރިހަމަ އެއްބާރުލުންދީ އެއްވެސް ހުރަހެއް ނެތި ކައުންސިލްތަކުގެ ޒިންމާތައް އަދާކުރުމުގެ މަގު ފަހިކޮށް ދެއްވާނެކަމަށް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ކަމަށް އިންތިޚާބު ވުމަށްފަހު މާލެ ސިޓީ ކައުންސިލްގެ މުވައްޒިފުންނާއި މާލޭގެ މޭޔަރުގެ ހައިސިއްޔަތުން އެންމެ ފަހު ފަހަރަށް ބައްދަލު ކުރައިވަ ވާހަކަފުޅު ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ ވޭތުވެދިޔަ ދެ އަހަރާއި ބައި ތެރޭގައި ކައުންސިލުން ބޮޑެތި ގޮންޖެހުންތަކަކާއެކު ވެސް ރަނގަޅު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެ ގޮންޖެހުންތައް ކުރިމަތި ނުވި ނަމަ ކައުންސިލްގެ މަސައްކަތްތައް މިހާރަށް ވުރެ މާ ރަނގަޅަށް ފުރިހަމަ ވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މަގުތައް ހުންނާނީ ހެދިފައި. ޕާކިން އެތައް ބިލްޑިންއެއް އެޅި ބޮޑު ހައްލެއް އޮންނާނީ ގެނެވިފައި. އެތައް ކަމެއް ހުންނާނީ ނިމިފައި.
– މުއިއްޒު ވިދާޅުވިއެވެ.
އެކަންކަން ހައްލު ނުވީ މުއިއްޒު ވިދާޅުވި ގޮތުގައި އެންމެ ފަހު ހުއްދަ ދޭން ޖެހޭ ބޭފުޅުން އެ ހުއްދަ ނުދިނުމުންނެވެ. ސަރުކާރުގެ ފަރާތުން އެ އެއްބާރުލުން ލިބުނު ނަމަ ކާމިޔާބު މަސައްކަތްތަކެއް ކުރެވިފައި އޮންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނުގެ ސަރުކާރު ގާއިމްވުމުން ހަގީގީ މާނައިގައި ފުރިހަމަ ލާމަރުކަޒީ ނިޒާމެއްގެ ތެރެއިން ހިދުމަތްތައް ދެމުން އަންނަތަން ރައްޔިތުންނަށް ފެންނާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. ކޮންމެ ކައުންސިލެއްގެ ވެސް ހުރިހާ މަސައްކަތްތަކެއް އެންމެ ބާރު މިނުގައި ކުރިޔަށް ގެންދެވޭ ގޮތަށް ސަރުކާރުން ކަންކަން ފަހި ކޮށްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ދެން އޮތް ދުވަސްތަކަކީ މި ނިމިގެން ދިޔަ ދެ އަހަރާ ބަޔަށް ވުރެ ވެސް މާ ފުރިހަމަ ގޮތެއް ގައި ހިދުމަތް ދޭނެ ދުވަސްތަކަކަށް ވާނެ. އެހީތެރިކަން ފޯރު ކޮށްދިނުމަށް މި ހުރީ ތައްޔާރަށް. އެކަމުގެ ޔަގީންކަން އަރުވަން.
– ޑރ. މުއިއްޒު ވިދާޅުވިއެވެ.
މާލޭގެ މޭޔަރު ކަމަށް މުއިއްޒު އިންތިހާބުވި ފަހުން ސަރުކާރާއި މާލެ ސިޓީ ކައުންސިލް ދެމެދު ބޮޑެތި ދެބަސްވުންތައް ވަނީ އުފެދިފައެވެ. މާލެ ރައްޔިތުންނާ ގުޅޭ ބޮޑެތި ކަންކަން ނިންމުމުގައި ކައުންސިލްގެ އެކަށީގެންވާ ބާރެއް ނުހިނގާ ކަމާއި އެ ފުރުސަތު ދިނުމަށް ސަރުކާރުން ދެކޮޅު ހަދާ ކަމުގެ ޝަކުވާ އޮވެއެވެ.
މާލެ ސިޓީ ކައުންސިލްގެ މޭޔަރު ކަމުގެ މަޤާމަށް ޑރ. މުއިއްޒު އިންތިޚާބު ކުރިފަހުން ވަރަށް ގިނަ ކަންތައްތަކެއް ކުރުމަށް މަސައްކަތް ކުރި ނަމަވެސް އެކަންކަން ނުކުރެވި ދިޔައީ ސަރުކާރުން ލިބެންޖެހޭ އެންމެ ފުރިހަމަ އެއްބާރުލުން ނުލިބިގެންނެވެ.