ޖޭއެސްސީ ވަރަށް ސިޔާސީ، އެ ތަން ބަދަލު ކުރާނަން: މުއިއްޒު

ޖޭއެސްސީ ވަރަށް ސިޔާސީ، އެ ތަން ބަދަލު ކުރާނަން: މުއިއްޒު

ގުޅުންހުރި

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އޮތީ ވަރަށް ބޮޑަށް ސިޔާސީ ވެފައި ކަމަށާއި އެ ތަން އެކުލެވިގެންވާ ގޮތް ބަދަލު ކުރައްވާނެ ކަމަށް އިންތިހާބީ ރައީސް އަދި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މުއިއްޒު އެގޮތަށް ވިދާޅުވީ، ދުނިޔޭގެ މަޝްހޫރު ޓީވީ ޗެނަލެއް ކަމަށްވާ "އަލް ޖަޒީރާ" އަށް ދެއްވި އިންޓަވިއުއެއްގައެވެ. މިއީ އިންތިހާބީ ރައީސްގެ ހައިސިއްޔަތުން ބޭރުގެ ޓީވީ ޗެނަލަކަށް މުއިއްޒު ދެއްވި ފުރަތަމަ އިންޓަވިއު އެވެ.

މުއިއްޒު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރެވޭ ދައުވާތަކަކީ ސިޔާސީ ދައުވާތަކެއް ކަމަށާއި މިހާރު ޝަރުއީ ދާއިރާ އޮތީ އިންސާފުވެރިކޮށް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އެހެންވެ، އެމަނިކުފާނުގެ ވެރިކަމެއްގައި ޝަރުއީ ދާއިރާ މިނިވަން ކުރުމަށް ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތް ފައްޓަވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ޝަރުއީ ދާއިރާ މިނިވަން ކުރުމަށް ގެންނަވާނީ ކޮން އިސްލާހުތަކެއްތޯ ސުވާލު ކުރުމުން މުއިއްޒު ވިދާޅުވީ އެއް ކަމަކަށް ޖޭއެސްސީ އިސްލާހު ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

"ޖޭއެސްސީ އެކުލެވިގެންވާ ގޮތުން އެ ތަން ސިޔާސީ ވެފައި އޮންނަނީ. އަޅުގަނޑުމެން ގާނޫނު ބަދަލު ކުރާނަން. އަދި ސިޔާސީ ގޮތުން އެ ތަނަށް ލާފައި ތިއްބެވި ބޭފުޅުން ވަކިކުރާނަން. އަދި އެހެން ފިޔަވަޅުތައް ވެސް އަޅާނަން،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ޖޭއެސްސީގައި ސިޔާސީ އެއްވެސް ބޭފުޅަކަށް ވެސް އަދި ދައުލަތުގެ މަގާމެއްގައި ހުރި ބޭފުޅަކަށް ވެސް ހުރެވިގެން ނުވާނެ ކަމަށެވެ. ޖޭއެސްސީގައި ތިބެން ޖެހޭނީ ޝަރުޢީ ދާއިރާގައި މަސައްކަތްކޮށްފައި ތިއްބެވި ބޭފުޅުންނާއި އެކަމުގެ ތަޖުރިބާ ހުރި މީހުން ކަމަށް މުއިއްޒު ކުރިން އޮތީ ވިދާޅުވެފައެވެ.

މުއިއްޒު ވިދާޅުވީ އެމަނިކުފާނު ބޭނުންވަނީ ޖޭއެސްސީ އަށް ޝަރުއީދާއިރަގެ ތަޖުރިބާހުރި އެ ދާއިރާއިން ކިޔަވައިގެން ތިބި މީހުން އައްޔަންކޮށް ޖޭއެސްސީ އެކުލަވާލަން ކަމަށެވެ.

ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުުރުމަަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް މިހާރު ވަނީ ހުށަހަޅައިފައެވެ. މަޖިލީހަށް ހުށަހެޅި އިސްލާހުގައިވާ ގޮތުން ޖޭއެސްސީގެ މެންބަރުންގެ އަދަދު ހަތަކަށް މަދުކުރެވޭނެ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ މެންބަރާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އާއި، ޖޭއެސްސީގެ މެންބަރުންގެ ގޮތުގައި ނުހިމެނޭ ގޮތަށް ހަމަޖެއްސުމަށް އިސްލާހުގައި ވަނީ ހުށަހަޅައިފައެވެ. ޖޭއެސްސީގައި މިހާރު ތިއްބަވަނީ 11 މެމްބަރުންނެވެ.

މިގޮތަށް ހުށަހެޅުއްވީ ޝަރުއީ ދާއިރާގެ މައްޗަށް ދައުލަތުގެ އެހެން ބާރުތަކުން ނުފޫޒު ފޯރުވުން ހުއްޓުވުމަށާއި، މިކަންކުރަން އެންމެ އެކަށޭނެ ގޮތެއް ހޯދުމަށް ޝަރުއީ ދާއިރާއާއި އެނޫން ވެސް ފަރާތްތަކާއި ގާނޫނީ ފަންނުގެ ދާއިރާ އާއި މަދަނީ ޖަމްއިއްޔާތަކާއި އާންމުންގެ ހިޔާލާއި މަޝްވަރާގެ އަލީގައި ކަމަށް ބަންޑާރަ ނާއިބު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ