ޗައިނާ އާއި އެހެން ގައުމުތަކާއެކު ވެސް ގާތް ގުޅުމެއް ބާއްވަން ބޭނުން: މުއިއްޒު

ޗައިނާ އާއި އެހެން ގައުމުތަކާއެކު ވެސް ގާތް ގުޅުމެއް ބާއްވަން ބޭނުން: މުއިއްޒު

Author
އަހުމަދު
14 އޮކްޓޯބަރ 2023 06:42
0

އެމަނިކުފާނުގެ ވެރިކަމެއްގައި ޗައިނާ އާއި އެހެން ގައުމުތަކާ އެކުގައި ވެސް ގާތް ގުޅުމެއް ބާއްވަން ބޭނުންފުޅުވާ ކަމަށް އިންތިހާބީ ރައީސް އަދި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އިންތިހާބީ ރައީސްގެ ހައިސިއްޔަތުން "އަލް ޖަޒީރާ" އަށް ދެއްވި އިންޓަވިއުއެއްގައި މުއިއްޒު ވިދާޅުވީ ޗައިނާއާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުމަކީ ޒަމާންވީ ގުޅުމެއް ކަމަށެވެ. އަދި އެ ގުޅުމުގެ ސަބަބުން ޗައިނާ އިން ރާއްޖެ އަށް ގިނަ އެހީތެރިކަން ފޯރުކޮށްދިން ކަމަށް މުއިއްޒު ވިދާޅުވިއެވެ. ޗައިނާ އިން ރާއްޖޭގެ ތަރައްގީ މަޝްރޫއުތައް ހިންގުމަށާއި އެ ނޫން ގޮތް ގޮތުން ފޯރުކޮށްދިން އެހީތެރިކަމުގެ ސަބަބުން ރާއްޖެ އަށް ކުރިއެރުން ލިބިފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ޗައިނާ އިން ރާއްޖެ އާއި އެހެނިހެން ގައުމުތަކާ މެދު ގެންގުޅޭ ސިޔާސަތުގެ ތެރޭގައި އެ ގައުމެއްގެ ދާހިލީ ކަންކަމާ ނުބެހުން ހިމެނޭ. އެ ގައުމުގެ ޕޮލިސީއަކީ ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން. ގައުމުގެ މަސްލަހަތާމެދު ސުވާލެއް ނުއުފެދޭ. އަޅުގަނޑުމެން ބޭނުން ހުރިހާ ގައުމުތަކާ އެކީގައި ވެސް ގުޅުން ބާއްވަން،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް ޗައިނާއާ އެކު ވެސް ގާތް ގުޅުމެއް ބާއްވާނެ ކަމަށެވެ. އެކަމަކު، ގެންގުޅުއްވާނެ ހާރިޖީ ސިޔާސަތަކީ "ޕްރޯ-މޯލްޑިވްސް" ގެ ސިޔާސަތުތައް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.  އެއީ، ރާއްޖޭގެ މަސްލަހަތު އަބަދުވެސް އިސްކުރާނެ ސިޔާސަތެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އިންޑިއާ ސިފައިން ރާއްޖޭން ބޭލުމާ ގުޅޭގޮތުން ސުވާލު ކުރުމުން މުއިއްޒު ވިދާޅުވީ އެއްވެސް ގައުމެއްގެ ސިފައިން ރާއްޖޭގައި ތިބުމަކީ ދިވެހިން ބޭނުންވާ ގޮތެއް ނޫން ކަމަށެވެ. އަދި ނިމިގެންދިޔަ ރިޔާސީ އިންތިހާބުގައި ވެސް ފެނުނީ އެ މަންޒަރު ކަމަށް މުއިއްޒު ވިދާޅުވިއެވެ. މުއިއްޒު ވިދާޅުވި ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ނުދިނުމަށް ދިވެހި ރައްޔިތުން ނިންމި އެންމެ ބޮޑު އެއް ސަބަބަކީ ވެސް އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭތީއެވެ.

"މީގެ ކުޑަ ދުވަސްކޮޅެއް ކުރިން އަޅުގަނޑު އިންޑިއާގެ ހައި ކޮމިޝަނަރާ ބައްދަލުކުރިން. ރާއްޖޭގައި ތިބި އިންޑިއާ ސިފައިން މި ގައުމުން ބާލަން ބޭނުންވާ ވާހަކަ އެ ބައްދަލުވުމުގައި ވެސް އަޅުގަނޑު ދެއްކިން. އެބޭފުޅުން ވިދާޅުވީ މިކަމުގައި މަޝްވަރާކޮށްގެން ހައްލެއް ހޯއްދަވާނެ ކަމަށް،" މުއިއްޒު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.