ދައުރު ނިމެމުން ދަނިކޮށް ޖޭއެސްސީ އިސްލާހުކުރަން އުޅޭތީ ނިޔަތާއިމެދު ސުވާލުތަކެއް!

ދައުރު ނިމެމުން ދަނިކޮށް ޖޭއެސްސީ އިސްލާހުކުރަން އުޅޭތީ ނިޔަތާއިމެދު ސުވާލުތަކެއް!

ގުޅުންހުރި

ޖުޑީޝަލް ސާރވިސް ކޮމިޝަން، ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކޮށް، އެ ކޮމިޝަންގެ މެންބަރުންގެ ޢަދަދު މަދުކުރުމަށް ވެރިކަން ބަދަލު ވުމުގެ އިންތިޤާލީ މަރުހަލާގެ ތެރޭގައި މަސައްކަތް ފެށުމަކީ މިކަމުގެ ނިޔަތާއިމެދު ވަރަށް ބޮޑަށް ސުވާލު އުފެދޭ ކަމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްބަރުން ބުނެފިއެވެ.

ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމަކީ ސަރުކާރުގެ ރިޔާސީ ވަޢުދެކެވެ. ނަމަވެސް ވެރިކަމުގެ 5 އަހަރުގެ ދައުރުގެ ތެރޭގައި ޖޭއެސްސީ އިސްލާހު ކުރުމަށް ވެފައިވާ ވައުދާއި އެއްގޮތަށް އެކަން ކޮށްފައި ނުވެއެވެ. ނަމަވެސް ދައުރު ހަމަވާން މަސް ދުވަހަށް ވެފައި ވަނިކޮށް އެކަން ކުރުމަށް މަޖިލީހުގެ ތެރޭން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން އިދިކޮޅު ގިނަ މެމްބަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރަން ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމްއެވެ. ޑިމިކްރެޓްސްގެ ވަގުތީ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވީ ޖޭއެސްސީގެ އެކުލެވުން ބަދަލުކުރާ ބިލު ހުށަހަޅާފައި މިހާރު އޮތީ އެމްޑީޕީގެ މެނިފެސްޓޯގައި ވައުދުވެފައިވާ ގޮތަށް ނޫން ކަމަށެވެ. ބިލުގައި ހުރި މާއްދާތަކުގެ ތެރެއިން އޭނާ އެންމެ ބޮޑަށް ދެކޮޅު ހެއްދެވީ ޖޭއެސްސީގައި ބައެއް ފަނޑިޔާރުން ތިއްބަވާ ގޮތަށް އޮތް އޮތުމާއެވެ.

އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ ރާއްޖޭގެ މި ހާލަތު އޮތް ގޮތުންނާ އެކު، ފަނޑިޔާރުގެތަކުގައި ތިބި ފަނޑިޔާރުންނަށް، އެ ބޭފުޅުން [ފަނޑިޔާރުން] ކުރާ މަސައްކަތަށް ފާރަވެރި ވެވިދާނެ ކަމަކަށް.

– ހަސަން ވިދާޅުވިއެވެ.

މިބިލަށް ވާހަކަ ދައްކަވަމުން ޖޭއެސްސީ އިސްލާހު ކުރުމަށް ތިން ފަހަރެއްގެ މަތީން މަޖިލީހަށް ހުށަހެޅުއްވި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު ވިދާޅުވީ ވެރިކަމުގެ 100 ދުވަހުގެ ތެރޭގައި ރައީސް ޞާލިހު ފުއްދަވަން ވެފައިވާ ވައުދަކަށް މިވައުދު ވެފައިވާއިރު، 5 އަހަރުގެ ދައުރުގެ ތެރޭގައިވެސް މިކަން ކުރުމަށް އެއްވެސް މަސައްކަތެއް ނުކުރައްވާކަމަށެވެ. ނަމަވެސް މިހާރު ކުއްލިއަކަށް މިކަން ކުރަން އުޅެނީ ކޮން ނިޔަތެއްގައިތޯ ޓޮމްވަނީ ސުވާލު އުފައްދާފައެވެ. އޭނާ ވަނީ މިހާރު ހުށަހަޅާފައިވާ އިސްލާހުގައި އޮތީ އެންމެ ރަނގަޅަށް ނޫންކަމަށެވެ. އަދި މިހާރު އޮތްގޮތަށް އިސްލާހު ގެނެސްގެންވެސް ޖުޑީޝަރީ މިނިވަން ނުވާނެކަމަށެވެ.

ސަރުކާރުގެ ނިޔަތް ނެތުމާއިއެކު، ދައުރު ނިމެން 30 ދުވަހަކަށް ވެފައި އޮއްވައި، ޤާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ މެޖޯރިޓީއެއްވެސް ނެތި މިއަދު ކުއްލިއަކަށް މިއިސްލާހު ހުށަހަޅައިގެން އުޅެނީ ކޮން ނިޔަތެއްގައިތޯ ރައްޔިތުންނަށް ސާފުވޭ.

– ޓޮމް ވިދާޅުވިއެވެ.

ބިލަށް ވާހަކަ ދައްކަވަމުން ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު (މޮސްޓަރ) ވިދާޅުވީ ޖުޑީޝަރީ އިސްލާހު ކުރަން މިހާތަނަށް އެއްވެސް އެއްބާރުލުމެއް ނުދެއްވައި މިހާރު މިކުރަކަމީ ހެޔޮ ނިޔަތެއްގައި ކުރާ ކަމެއް ނޫންކަމަށެވެ. އޭނާ ވިދާޅުވީ މިހާލަތުގައި މިކަން ކުރަން ތާއީދު ނުކުރާނެކަމަށެވެ.

ހުޅުމާލެ ދާއިރާގެ އެމްޑީޕީ މެމްބަރު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކޮއްކޯފުޅު އަލީ ނިޔާޒް ވިދާޅުވީ ޖޭއެސްސީގެ އެކުލެވުމަށް ބަދަލު ގެންނަން ސަރުކާރުން ހުށަހެޅި ބިލު އޮތް ގޮތުން ސިޔާސީ ނުފޫޒުން މުޅިން އެއްކިބާ ނުވިޔަސް، ބިލު އޮތީ އެ ނުފޫޒު ކުޑަވާ ގޮތަށް ކަމަށެވެ. ބިލު ހުށަހެޅީ ކޮމިޝަނުން ވަކި ބޭފުޅަކު ވަކިކުރަން ކަމަށް ބުނާ ބުނުމުގެ އެއްވެސް އަސާސެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މާފަންނު މެދު ދާއިރާގެ ޑިމޮކްރެޓްސް މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ތުހުމަތު ކުރެއްވީ ސަރުކާރުން އެ ބިލު ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް މިވަގުތު ރައީސް މުހައްމަދު ނަޝީދު ހުންނެވުމުން، ޖޭއެސްސީން އެމަނިކުފާނު ބޭރުކުމުގެ މަގުސަދުގައި ކަަމަށެވެ. އެގޮތަށް ވިސްނައިގެން ބިލު އެކުލަވައިލުމުން ބިލު އޮތީ އަމިއްލަ ލޯފާމަކަށް ޖުޑީޝަރީ "އައުޓްސޯސް ކުރެވޭ" ފަދަ ގޮތަކަށް ކަމަށް އޭނާ ސިފަކުރެއްވިއެވެ.

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ ވެސް ވިދާޅުވީ ޖޭއެސްސީ އިސްލާހުކުރުމުގެ ބިލު ސަރުކާރުން ހުށަހެޅީ ވަކި ބަޔަކަށް އަމާޒުކޮށްގެން ކަމަށެވެ.

ޖޭއެސްސީ މިހާރު އެކުލެވިގެންވާގޮތް:

– ރައްޔިތުން މަޖިލީހުގެ ރައީސް
– ރައްޔިތުން މަޖިލީހުގެ މެމްބަރެއް
– ރައީސުލްޖުމްހޫރިއްޔާގެ މެމްބަރެއް
– އެޓަނީ ޖެނެރަލް
– ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް
– ސުޕްރީމްކޯޓުގެ ފަނޑިޔާރެއް
– ހައިކޯޓްގެ ފަނޑިޔާރެއް
– ދަށުކޯޓްތަކުން ފަނޑިޔާރެއް
– ޤާނޫނީ ވަކީލެއް
– އާއްމުގެ ތެރެއިން މީހެއް

ގާނޫނު އަސާސީ އާއި ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނަށް ސަރުކާރުން ހުށަހަޅާ އިސްލާހުގެ ތެރޭގައި ޖޭއެސްސީގެ މެންބަރުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ބޭފުޅާ އުނިކުރުން ހިމެނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ