މި ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތަކާއި ހިދުމަތްތަކާއި އެ ނޫން ވެސް ވަކި ކަންތައްތަކެއް ނުކުރަން އެންގުމުގެ ގާނޫނީ ބާރެއް ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ގާނޫނުގައި، އިންތިހާބީ ރައީސުލްޖުމްހޫރިއްޔާއަކަށް ނެތް ކަމަށް ވިދާޅުވެ، ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ދެއްކެވި ވާހަކަތަކަށް ރައްޔިތުންގެ މަޖިލިހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) މިރޭ ރައްދު ދެއްވައިފިއެވެ.
މިދިޔަ މަހުގެ 30 ވަނަ ދުވަހު އޮތް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބު ކުރެއްވި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވަނީ އާ މަޝްރޫއުތައް ނުފެށުމަށާއި ވަޒީފާގެ ކުރިއެރުން ނުދިނުމަށާއި ލޯންތައް ނުނެގުމަށާއި އާ އިންވެސްޓްމަންޓްތައް ނުފެށުން ފަދަ ހަތް ކަމެއް ނުކުރަން މި ސަރުކާރަށް އަންގަވައިފައެވެ.
އެކަމާ ގުޅިގެން ބަންޑާރަ ނައިބު ރިފްއަތު ބައެއް ނޫސްތަކަށް ވިދާޅުވީ ސަރުކާރުން ކުރަމުން އަންނަ ވަކި ކަންތައްތަކެއް ހުއްޓާލަން ނުވަތަ ނުކުރަން އެންގުމުގެ ގާނޫނީ ހައިސިއްޔަތެއް ވެރިކަން ބަދަލުވުމުގެ މަރުހަލާގައި ނޯންނަ ކަމަށެވެ. ރާއްޖޭގެ ވެރިކަންތައް މީގެކުރިން ބަދަލުވިއިރު ވެސް އަމަލުކޮށްފައި ވަނީ އާ ސަރުކާރު އުފެދުމާ ހަމައަށް އޭރެއްގައި އޮންނަ ސަރުކާރު ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުން މަތީ ދެމިއޮންނަ ގޮތަށް ކަމަށް ރިފްއަތު ވިދާޅުވިއެވެ.
މި ސަރުކާރުން ރައްޔިތުންނަށް ވެފައި އޮތް ވައުދެއް ފުއްދައި ދޭން ޖެހޭ ހިދުމަތްތައް ދިނުމަށް ނުވަތަ ކުރަން ޖެހޭ ކަމެއް ކުރަން ސަރުކާރުގެ މިނިސްޓްރީތަކާއި އިދާރާތަކާއި ކުންފުނިތަކަށް ވެސް އެއްވެސް ހުރަހެއް ނެތް ކަމަށް ވެސް ރިފްއަތު ވިދާޅުވިއެވެ.
ރިފްއަތުއެވެ.
ޤާނޫނީބާރު އިތުރަށް ކިޔައިދެއްވަން ނުހައްދަވާށެވެ. މާތް ﷲގެ ވާޤިފުޅާއެކު ޤާނޫނީ ބާރު ރައްޔިތުންވަނީ ކިޔައިދެއްވާފައެވެ. 1752 ވަނަ އަހަރު މަލިކު ގެއްލުނުފަހުން ރާއްޖޭގެ ސަރަޙައްދުން ބައެއް ދޫކޮއްލި ޤައްދާރުން ނުކުމެ ރައްޔިތުން އިތުރަށް ރުޅިއަރުވަން ނުހައްދަވާށެވެ. pic.twitter.com/fiRy7Y9VQk— Ahmed Thariq (@AhmedThaariq) October 10, 2023
ރިފްއަތުގެ ވާހަކަތަކަށް ރައްދު ދެއްވައި ތޯރިގް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރިފްއަތު ގާނޫނީ ބާރު އިތުރަށް ކިޔައި ދެއްވަން ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ. މާތް ﷲ ގެ ވާގިފުޅުން ގާނޫނީ ބާރު ރައްޔިތުން ކިޔައި ދީފައިވާ ކަމަށް ވެސް ތޯރިގް ވިދާޅުވިއެވެ.
"1752 ވަނަ އަހަރު މަލިކު ގެއްލުނު ފަހުން، ރާއްޖޭގެ ސަރަހައްދުން ބައެއް ދޫކޮށްލި ޣައްދާރުން ނުކުމެ ރައްޔިތުން އިތުރަށް ރުޅި އަރުވަން ނުހައްދަވާށެވެ،" ތޯރިގް ވިދާޅުވިއެވެ.