އިސްރާއީލުން ފަލަސްތީނުގެ ގާޒާއަށް މިހާރު ދެމުންދާ ހަމަލާތަކުގައި، ކުރިން އިންޒާރު ނުދީ އިސްރާއީލުގެ އަސްކަރިއްޔާއިން ގާޒާއަށް ވައިގެ ހަމަލާތައް ދީފިނަމަ ރަހީނު ކޮށްފައިވާ މީހުން މަރާލާނެ ކަމުގެ އިންޒާރު ހަމާސްއިން ދީފިއެވެ.
ހަމާސްގެ ހަތިޔާރު އެޅި ގޮފި ކަމަށްވާ އިއްޒުއްދީން އަލް ޤާސިމް ބްރިގޭޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިންޒާރެއް ދިނުމަކާ ނުލައި ގާޒާގެ ރައްޔިތުންނަށް އަމާޒުކުރާ ކޮންމެ ހަމަލާއަކާ ކުރިމަތިލާނީ ރަހީނު ކޮށްފައިވާ މީހުންގެ ތެރެއިން އެކަކަށް މަރުގެ އަދަބު ދިނުމާއެކު ކަމަށެވެ.
"ދުޝްމަނުންނަކީ އިންސާނިއްޔަތުކަމާއި، ހަމަޔާއި އުސޫލު ގަބޫލުކުރަން ދަންނަ ބައެއް ނޫން. އެހެންވީމަ އަހަރެމެން އެމީހުންނާ މޭރުންކުރާނީ ހަމަ އެ އުސޫލުން."
ހަމާސްގެ ހަނގުރާމަވެރިން އިސްރާއީލުގެ ދެކުނުގެ އަވަށްތަކަށް ވަދެ ދިން ހައިރާންކުރުވަނިވި ހަމަލާގައި އިޒްރޭލުގެ އެތައް ސަތޭކަ ބަޔަކު މަރާލުމާއި ގުޅިގެން އިސްރާއީލުން ދަނީ ފާއިތުވި ތިން ދުވަހު ގާޒާއަށް ހަމަލާދެމުންނެވެ.
ގާޒާއިން ފޮނުވާލި އެތައް ހާސް ރޮކެޓްތަކާއެކު، ހަމާސްގެ މުޖާހިދުން އިސްރާއީލުގެ ސަރަހައްދުތަކަށް ވަދެ ދިން ބަޑީގެ ހަމަލާތަކުގައި މުޖާހިދުންވަނީ ގާތްގަނޑަކަށް 100 އެއްހާ އިސްރާއީލު މީހުން ރަހީނުކޮށްގެން އެނބުރި ގާޒާއަށް ގެންގޮސްފަ އެވެ. އިޒްރޭލުގެ އަސްކަރިއްޔާގެ ތަރުޖަމާނަކު ހޯމަ ދުވަހު ވިދާޅުވީ، ގާތްގަނޑަކަށް 30 ވަރަކަށް ރަހީނުކުރި މީހުންގެ ތަފްސީލް އެ މީހުންގެ އާއިލާތަކަށް ދީފައިވާ ކަމަށެވެ.