48 މެންބަރުންގެ ސޮޔާއެކު، ނަޝީދު ވަކިކުރަން މަޖިލިހަށް ހުށަހަޅައިފި

48 މެންބަރުންގެ ސޮޔާއެކު، ނަޝީދު ވަކިކުރަން މަޖިލިހަށް ހުށަހަޅައިފި

Author
އަހުމަދު
09 އޮކްޓޯބަރ 2023 01:09
0

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ މަގާމުން ވަކި ކުރަން މަޖިލިހަށް ހުށަހަޅައިފިއެވެ.

ނަޝީދުގެ މައްޗަށް އިތުބާރު ނެތް ކަމަށް ނިންމައި، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ފާސް ކުރީ މިއަދެވެ. އެގޮތަށް ނިންމީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ. އެ ބައްދަލުވުމުގައި ގިނަ އަދަދެއްގެ މެމްބަރުން ބައިވެރިވެވަޑައިގަތެވެ.

އެ މައްސަލަ މަޖިލިހަށް ހުށަހަޅާފައިވަނީ 48 މެމްބަރުންގެ ސޮޔާއެކުގައި މިރޭގެ ވަގުތެއްގައެވެ.

މަޖިލިހަށް ހުށަހެޅި ގަރާރުގައި ވަނީ މަޖިލީހުގެ އެޖެންޑާ ކަނޑައެޅުމާއި މަޖިލީހުގެ ތަޅުމަށް ކަންކަން ގެނައުމުގައި ނަޝީދުގެ އަމިއްލަ މަސްލަހަތު އިސްކޮށް ވަކި ފަރާތަކަށް ބުރަވެ، މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަންކަން ނިންމަމުންދާ ކަމަށެވެ. މަޖިލީހުގެ ނިޒާމު ހިފެހެއްޓުމުގެ ބަދަލުގައި މަޖިލީހުގެ ނިޒާމު ގެއްލުވާލުމަށް މަސައްކަތް ކުރާ ފަރާތްތަކަށް ނަޝީދު ވާގިވެރިވަމުން ގެންދާ ކަމަށް ވެސް އެމްޑީޕީން ތުހުމަތު ކުރެއެވެ.

މީގެއިތުރުން ރައްޔިތުންގެ މަޖިލިސް އެތައް ދުވަހެއް ވަންދެން ހުއްޓުވާފައި ބޭއްވުމަށް ފަހު، ނަޝީދު ނިސްބަތްވާ ޕާޓީގެ އަދި އެ މަނިކުފާނުގެ މަސްލަހަތު އޮތް މައްސަލަތަކެއް މަޖިލީހަށް ތާވަލު ކުރުމަށް ފަހު އެ މައްސަލަ ކުރިއަށް ގެންދިއުމަށް ޖަލްސާތައް ބާއްވާފައިވާ ކަމަށް އެ ގަރާރުގައިވެއެވެ.

އެހެންވެ، ނަޝީދަށް ކުރަމުން އައި އިތުބާރު ގެއްލިއްޖެ ކަމަށް ވެސް ގަރާރުގައިވެއެވެ. މިއީ ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލިހަށް ހުށަހެޅި ދެވަނަ ފަހަރެވެ.

މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން ހުށަހެޅީ 54 މެމްބަރުންގެ ސޮޔާއިއެކުގައެވެ. ނަމަވެސް ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ރައީސް ސޯލިހަށް ލިބިވަޑައިގެންނެވި ދަށް ނަތީޖާއާއެކު، އެމްޑީޕީން ޑިމޮކްރެޓްސްއާއި އެކު ގުޅިގެން މަސައްކަތްކުރުމުގެ ބޭނުމުގައި އެ މައްސަލަތައް އަނބުރާ ނެގިއެވެ. އެ މައްސަލަތައް އަނބުރާ ނެގިނަމަވެސް ޑިމޮކްރެޓްސް އިން އެމްޑީޕީއަށް ތާޢިދުކޮށްފައެއް ނުވެއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުންވެސް އެމްޑީޕީއަށް ލިބުނު ނާކާމިޔާބީއާއެކު އެޕާޓިން ބޭއްވި ޤައުމީ  މަޖިލީހުގެ ޖަލްސާގައިވެސް އެމްޑީޕީގެ ބައެއް މެންބަރުން ވަނީ އަލުން ނަޝިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައެޅުމަށް އެދިވަޑައިގެންފައެވެ.

އެމްޑީޕީގެ ބައެއް މެންބަރުން ވިދާޅުވީ، ރައިސް ނަޝިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައެޅުމުގެ ބޭނުމަކީ، މަޖިލީހުގެ އަޣްލަބިއްޔަތު އެމްޑީޕީއަށްއޮވެ، މަޖިލީހުގެ ރައީސަކަށް ހުންނަވަންޖެހޭނީ އެޕާޓިގެ ބޭފުޅެއްކަމަށްވާތީކަމަށެވެ. އެ މަޤާމަކީ އެޕާޓީއަށް މުހިންމު މަޤާމެއްކަމަށްވެސް އެމްޑީޕީގެ ބައެއް މެންބަރުން ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު އެ މަގާމުން ވަކިކުރަން ހުށަހެޅޭނީ ޖުމުލަ މެމްބަރުންގެ ހަތަރުބައިކުޅަ އެއްބަޔަށް ވުރެ މަދު ނޫން އަދަދެއްގެ ސޮޔާއިއެކުއެވެ. އެއީ މިހާރު ތިއްބެވި 87 މެންބަރުންގެ ތެރެއިން 22 މެމްބަރުންގެ ސޮޔެވެ. އެމްޑީޕީގެ 55 މެންބަރުން މަޖިލީހުގައި ތިއްބަވައެވެ. އެ މައްސަލަ މަޖިލިހުން ފާސް ކުރަން 45 މެމްބަރުންގެ ވޯޓު ބޭނުންވެއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.