މާލޭގެ ފިހާރައަކަށް ވެދެ ބިދޭސީ ފިރިހެނަކަށް ވަޅިން ހަމަލާދިން މައްސަލައިގައި ހައްޔަރުކުރި އަންހެން މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފިއެވެ.
ފުލުހުން މިއަދު ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކުރި 29 އަހަރުގެ މީހާގެ ބަންދަށް 15 ދުވްސް ކްރިމިނަލް ކޯޓުން މިއަދު ޖަހާފައިވާ ކަމަށެވެ.
ޒަހަމްވި ބިދޭސީ މީހާއަށް އިއްޔެ ވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދީފައިވާ އިރު، އޭނާ އަށް ސީރިއަސް އަނިޔާއެއް ނުވެއެވެ. އެނގިފައިވާ ގޮތުގައި އެކަން ހިނގާފައި ވަނީ މާފަންނު މަޖީދީ މަގުގައި ހުންނަ ފޯނު ވިއްކާ ފިހާރައެއް ކަމަށްވާ ޑްރީމްސް މޮބައިލްސްގައެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ އެ ފިހާރައިގެ ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި، ފިހާރައަށް ވަދެ އެ އަންހެން މީހާ ފޯނެއް ދައްކަން ސޭޓު ގާތުގައި އެދެއެވެ. އެއާއެކު ސޭޓު އޭނާ އަތަށް ފޯނެއް ދިނުމުން އަންހެން މީހާ ވަނީ ކައުންޓަރު މައްޗަށް އެއްލާލައިފައެވެ.
. ފޯނު ދެއްކި ފަހުން ދެ މީހުންގެ މެދުގައި ޒުވާބެއް ހިނގައެވެ. އޭގެ އިރުކޮޅެއް ފަހުން އެ އަންހެން މީހާ އޭނާގެ ހެދުމުގެ ތެރޭގައި އޮތް ވަޅިއެއް ނަގައި ސޭޓުގެ ކަރުގައި އަޅައިފައި ފިހާރައިން ނުކުމެއެވެ.
ކޮމެންޓު ފޮނުވާ