އިސްރާއީލްގެ އަސްކަރިއްޔާ އިން ފަލަސްތީންގެ ރައްޔިތުންނަށް އަމާޒުކޮށް ހިންގާ ހަމަލާތައް ކުށްވެރި ކުރައްވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެ ދެމިއޮތީ ފަލަސްތީނުގެ ރައްޔިތުންނާއި އެމީހުންގެ ކަރާމާތާއި އަމިއްލަ ނިންމުމެއް ނިންމުމުގެ ހައްގާއި އެއްބައިވަންތަކަމާއެކުގައި ކަމަށެވެ.
Maldives remains in solidarity with the Palestinian people and their right to dignity and self-determination. We condemn Israel’s disproportionate use of force on defenceless Palestinian communities and renew our call for a two-state solution that ensures peace for all.
— Ibrahim Mohamed Solih (@ibusolih) October 8, 2023
"ދިފާއީ ބާރު ނެތް ފަލަސްތީނުގެ ޖަމާއަތްތަކަށް އިސްރާއީލުން ނިސްބަތުން ބާރުގެ ބޭނުންކުރުން ކުށްވެރިކުރަން." ރައީސް ވިދާޅުވިއެވެ.
ދެ ގައުމުގެ ސުލްހަ ކަށަވަރުކޮށްދޭ ދެ ދައުލަތުގެ ހައްލަކަށް ގޮވާލައްވާ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނީ ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން އަބަދުވެސް ތިބޭނީ ފަލަސްތީނާ އެކުގައި ކަމަށެވެ. އަދި ފަލަސްތީނުގެ ބިންތައް އިސްރާއީލުން ހިފަމުންދަނީ އދ. ގެ ސަލާމަތީ މަޖިލީހުގެ ގަރާރުތަކާ ހިލާފަށް ކަމަށް ގަބޫލުކުރާ ކަމަށް ބަޔާނުގައިވެއެވެ.
ފޮރިން މިނިސްޓްރީން ބުނީ މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކަށް ސުލްހަވެރި ދާއިމީ ހައްލެއް ލިބެން އޮތީ "ޓޫ ސްޓޭޓް" ވުޖޫދަށް ގެނެސް، 1967 ގައި ކަނޑައަޅާފައިވާ ގޮތަށް އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ބަލައިގަނެގެން ކަމަށެވެ.
އަލްޖަޒީރާއިން އެންމެފަހުން ރިޕޯޓުކޮށްފައިވާ ގޮތުގައި މިއަދު ފަލަސްތީނުގެ ހަމާސް ޖަމާއަތާއި، އިސްރާއީލާ ދެމެދު ހިނގަމުން އަންނަ ހަމަލާތަކުގައި މިހާތަނަށް 256 ފަލަސްތީނު ރައްޔިތުން ޝަހީދުވެފައިވާއިރު، 300 އަށް ވުރެ ގިނަ އިސްރާއީލް މީހުން ވަނީ މަރުވެފައެވެ.
ހަމަލާތަކާއިގުޅިގެން އިސްރާއީލުން ގަދަބާރުން ހިފާފައިވާ ފަލަސްތީނުގެ ބިންތައް މިހާރުން މިހާރަށް ފަލަސްތީންގެ ރައްޔިތުންނަށް ދިނުމަށާއި އެ ބިންތަކުގައި ތިބި އިސްރާއީލްގެ ސިފައިން ފޭބުމަށް ރާއްޖޭގެ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ގޮވާލައްވައިފައެވެ.