ފަލަސްތީނުގެ ބިންތަކަށް ގަދަކަމުން ވެރިވެގަނެފައިވާ އިސްރާޢީލުން ފަލަސްތީނުގެ ބިންތައް ދޫކޮށްލައި ސަރަހައްދީ ރޮނގާ ހަމައަށް ފަހަތަށް ޖެހެން އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.
އިންތިޚާބީ ރައީސް މިހެން ވިދާޅުވީ، ފަލަސްތީނުގެ ޣައްޒާގައި ވެރިކަން ކުރާ ހަމާސް ޖަމާއަތުން އިސްރާޢީލަށް ހަމަލާތައްދީ، ހަމާސް އާއި އިޒްރޭލުން ވެސް ހަނގުރާމަ އިއުލާންކޮށްފައިވާ ދަނޑިވަޅެއްގައެވެ. ޑރ.މުޢިއްޒު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައިވަނީ، ފލަސްތީނުގެ ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ އަމިއްލަ ވަޒަނަށް ދިއުމުގެ ފުރުސަތު ވަގުތުން ދޭން ޖެހޭކަމަށެވެ. އަދި އިސްރާޢީލުން ގާނޫނާ ހިލާފަށް ހިފާފައިވާ ފަލަސްތީނުގެ ބިންތައް ވަގުތުން އަނބުރާ ދޭން ޖެހޭކަމަށާއި، އިސްރާޢީލުން ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަންނަން ޖެހޭކަމަށްވެސް އިންތިޚާބީ ރައީސް ވިދާޅުވިއެވެ.
ޔަހޫދީންގެ އަޅުވެތި ކަމަށް ނިމުމެއް ގެނައުމަށް ހަމާސްއިން ފަށާފައިވާ ޚާއްޞަ އަސްކަރީ ކެމްޕޭން ދަށުން އިސްރާޢީލުގެ ދެކުނުގައިވާ ރަށްތަކަށް އަމާޒުކޮށް ގިނަ ޢަދަދެއްގެ ރޮކެޓް ހަމަލަތަކެއް ދީފިއެވެ. އަދި، ޣައްޒާ ވަށައިގެން ޖަހާފައިވާ ފެންސުތައް ހުރަސްކޮށް، އެ ޖަމާޢަތުގެ މުޖާހިދުން ވަނީ ޔަހޫދީ އިސްރާޢީލުގެ ރަށްތަކަށް އަރާފައެވެ.
ހަމާސްގެ 1,000 އަށްވުރެ ގިނަ މުޖާހިދުން އިސްރާޢީލުގެ ރަށްތަކަށް އަރައި ގިނަ ޢަދަދެއްގެ ޔަހޫދީން ހައްޔަރު ކޮށްފައިވާއިރު، އޭގެ ތެރޭގައި ޔަހޫދީ އަސްކަރިއްޔާގައި މަސައްކަތް ކުރާ ގިނަ ޢަދަދެއްގެ ޖައްބާރު ސިފައިން ވެސް ހިމެނެއެވެ. އެއީ، އެއްވެސް ޖެހިލުމަކާ ނުލައި، ފަލަސްޠީނުގެ ކުށެއް ނެތް ޢާންމު ރައްޔިތުންގެ ލޭއޮހޮރުވައިލަމުން ދިޔަ މީހުންނެވެ. ހަމާސްގެ މުޖާހިދުންގެ ހަމަލަތަކުގައި ޔަހޫދީންގެ 100 އަށްވުރެ ގިނަ މީހުން މަރައިލާފައިވާއިރު، 1،000 އަށްވުރެ ގިނަ ޢަދަދެއްގެ ޔަހޫދީން ޒަޚަމު ކޮށްލާފައިވާ ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.