ރިޔާސީ އިންތިޚާބުގެ ޤާނޫނަށް ޒަމާނީ ބަދަލުތައް ގެންނަންވަނީ ޖެހިފައި: ހަބީބު

ރިޔާސީ އިންތިޚާބުގެ ޤާނޫނަށް ޒަމާނީ ބަދަލުތައް ގެންނަންވަނީ ޖެހިފައި: ހަބީބު

Author
އައިޝަތު އަޙްމަދު
05 އޮކްޓޯބަރ 2023 01:26
0

ރިޔާސީ އިންތިޚާބާއި ގުޅޭގޮތުން ހަދާފައިވާ ޤާނޫނުތަކަށް ޒަމާނާ ގުޅޭ ބަދަލުތައް ގެންނަންޖެހޭކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

މިދިޔަ މަހުގެ 30ގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާންކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި އީސީގެ ނާއިބު ރައީސް އިސްމާޢީލް ހަބީބު ވިދާޅުވީ ރިޔާސި އިންތިޚަބާއި ގުޅޭ ޤާނޫނުތައް ހަދާފައިވަނީ މީގެ 15ވަރަކަށް އަހަރު ކުރިންކަމަށެވެ. އެ ޤާނޫނުތަކަށް ޒަމާނީ ބަދަލުތަކެއް ގެންނަންޖެހޭކަމަށާއި، އެކަމަށް މަޝްވަރާތައް ކުރަންޖެހިފައިވާކަމަށްވެސް ހަބީބު ވިދާޅުވިއެވެ.

މިގޮތުން ރިޔާސީ އިންތިޚާބާއި ގުޅޭ ބައެއް ގައިޑްލައިންތައް ސުޕްރީމް ކޯޓުން ކަނޑައަޅާފައި އެބަހުރިކަން ފާހަގަކުރައްވަމުން ހަބީބު ވިދާޅުވީ، އެފަދަ ގައިޑްލައިންތައް ޤާނޫނަށް ވަދެފައިކަމަށެވެ. މިކަމުގެ ސަބަބުން ވޯޓުލާ މީހުންނަށް ބައެއް ދަތިތައް އެބަހުރިކަމަށާއި، އެހެންކަމުން މިހާރުގެ ހާލަތާ ގުޅޭގޮތަށް ޒަމާނަށް އެކަންކަން ފައްތަންޖެހޭކަމަށްވެސް ހަބީބު ވިދާޅުވިއެވެ. އެކަންކަން ކުރަންޖެހޭނީ އިންތިޚާބެއް ކައިރިވެފައި ނެތީސްކަމަށްވެސް ހަބީބު ވިދާޅުވިއެވެ.

ޤާނޫނުތަކުގައި ހުރި ބައެއް ކަންކަމާއި ގުޅިގެން ޚާއްސަކޮށް ސުޕްރީމް ކޯޓުގެ ގައިޑްލައިންގައި ހުރި ބައެއް ކަންކަން މިހާރު ހުރީ ބައެއް ޤާނޫނުތަކަށް ވަދެފައި. އެހެންވީމަ އެކަމާއި ގުޅިގެން ކުރިން ވޯޓުލާ މީހުން ތަހައްމަލް ކުރަން ނުޖެހޭ ބައެއް ކަހަލަ ކަންކަން އެބަ ތަހައްމަލް ކުރަން ޖެހޭ. އެހެންވީމަ މިހާރުގެ ހާލަތާއި ގުޅޭގޮތުން މިޒަމާނަށް ފެތޭގޮތަށް ޤާނޫނުތަކަށް ބަދަލު ގެންނަންޖެހޭ. މިމަސައްކަތް ކުރަންޖެހެނީ އިންތިޚާބެއް ބޯމަތިވެފައި ނެތް ދުވަސްވަރެއްގައި.

– އިސްމާޢީލް ހަބީބު ވިދާޅުވިއެވެ.

ރޭ ވަނީ ރިޔާސީ އިންތިޚާބުގެ ރަސްމީ ނަތީޖާވެސް އިއުލާންކޮށްފައެވެ. އެގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި ޕީޕީއެމް/ޕީއެންސީގެ ފަރާތުން އިންތިޚާބުގައި ވާދަކުރެއްވި ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒަށް 129،159 ވޯޓު ވަނީ ލިބިވަޑައިގެންފައެވެ. މިއީ ވޯޓުލީ މީހުންގެ %54.04 އެވެ.
އިންތިޚާބުގައި ދެން ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގަތީ 109،868 ވޯޓެވެ. މިއީ ވޯޓުލީ މީހުންގެ %45.96 އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.