މި ފަސް އަހަރު ދުވަހުގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި އެމަނިކުފާނުގެ ސަރުކާރަށް އަމާޒުކޮށް ހެދި ދޮގުތައް ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ރައްޔިތުންގެ މަޖިލިހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ހޯރަފުށި ސަލީމް) ރޭ ގޮވާލައްވައިފިއެވެ.
އެމްޑީޕީން އިމާދުއްދީން ސްކޫލްގައި ބޭއްވި ގައުމީ މަޖިލިހުގެ ބައްދަލުވުމުގައި ސަލީމް ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކާމިޔާބު ހޯއްދަވާފައި ވަނީ ރައީސް ސޯލިހް ކަމަށެވެ. މީގައި ނާކާމިޔާބީ، ހެޔޮ އޯގާތެރި، ތަރައްގީ އަށް ލޯބިކުރާ މީހުންނަށް ވޯޓު ނުދިން ފަރާތްތައް ކަމަށް އޭނާ ވިދާޅުވިއެވެ.
"އެހެންވީމަ، މި އިންތިހާބުގައި ރައީސް އެ ކުރެއްވި ހިތްވަރާއި އަދި ރައީސް މިކަމުގައި ދެއްކެވި ނަމޫނާ ފާހަގަކޮށް ރައީސަށް ހާއްސަ ޝުކުރެއް ދަންނަވަން،" ސަލީމް ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ ރިޔާސީ އިންތިހާބާ ހަމައަށް އައިއިރުގައި ސިސްޓަމެޓިކްކޮށް، ރޭވި، އިންތިޒާމު ކުރެވިގެން ރައީސް ސޯލިހަށް އަމާޒުކޮށް ތަކުރާރުކޮށް ދޮގުތަކެއް ފަތުރަމުން ދިޔަ ކަމަށެވެ. އެކަން ކުރަމުން ދިޔައީ ޒިންމާދާރު ކަމާއެކުގައި މަސައްކަތް ކުރާ ކަމަށް ބުނާ ދައުލަތުގެ މުއައްސަސާތައް ހިމެނޭ ގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.
މިކަމުގައި ސާފު ތަހުގީގެއް ނުކޮށްފި ކަމަށްވަނީ ނަމަ، މި ދެވެނީ ވަރަށް ނުރައްކާތެރި މެސެެޖެއް ކަމަށް ސަލީމް ވިދާޅުވިއެވެ.
"ކުރިއަށް އޮތް އިންތިހާބުތައް ކާމިޔާބު ކުރުމަށް ބޭނުން ކުރާނެ މުހިންމު ޓޫލަކަށް މީތި އިންސްޓިޓިއުނަލައިޒް ވެގެން ހިނގައި ދާނެ ކަމުގެ ބިރު އަޅުގަނޑު އެބައޮތް. އެހެންވެ، ގައުމީ މަޖިލިހުގެ މެމްބަރުންގެ ސަމާލު ކަމަށް ގެންނަން ބޭނުން މި ނުކުތާ،" ސަލީމް ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ މި ދޮގުތައް ތަކުރާރުވެގެން ދިޔައީ ކިހިނެއްތޯ ތަހުގީގު ކުރަން ޖެހޭ ކަމަށެވެ. އަދި އެ މައްސަލަތައް ބަލަން ހަވާލުވެފައިވާ އިދާރާތަކުން އެކަން ނުބަލައި އިސްލާހީ ފިޔަވަޅުތައް ނޭޅީ ކީއްވެތޯ ވެސް އެނގެން ޖެހޭ ކަމަށް ސަލީމް ވިދާޅުވިއެވެ.
"އެ ތަހުގީގު އަޅުގަނޑުމެން ނުހިންގައިފި ނަމަ، އެއީ ކުރި މަގަށް އަޅުގަނޑުމެން އިހުމާލްވުން،" ސަލީމް ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ ތަކުރާރުކޮށް އެކިއެކި ދޮގުތައް ފަތުރަމުން ދިޔަ ކަން ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ވެސް ފާހަގަ ކުރާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރައީސް ސޯލިހްގެ އިންތިހާބީ ހައްގަށް އުނިކަން ލިބިގެން ދިޔަ ކަން ދުނިޔެ އިން ފާހަގަކޮށްފައިވާ ކަމަށް ވެސް ސަލީމް ވިދާޅުވިއެވެ.
"އެހެންވީމަ އަޅުގަނޑުމެން މިއަދު މިކަން ނުފެންނަ ކަމަކަށް ހަދައިގެން ތިބެގެން ނުވާނެ،" ސަލީމް ވިދާޅުވިއެވެ.