މާލެ ސިޓީގެ މޭޔަރުކަމުގެ ބައި އިލެކްޝަންގައި ވާދަކުރުމުގެ ޗަޢުގުވެރިކަން ފާޅުކުރައްވާ، މިހާރުގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރ އަޙްމަދު މަހްލޫފް ކެމްޕެއިން ފަށްޓަވައިފިއެވެ.
މާލެ ސިޓީގެ މޭޔަރުކަމުގެ މަޤާމު ނޮވެމްބަރު 17އިން ފެށިގެން ހުސްވާނެއެވެ. އެއީ މިހާރު މޭޔަރުކަމުގައި ހުންނެވި ޑރ.މުޙައްމަދު މުޢްޒު ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވފައިވާތީާ، ރާއްޖޭގެ ރައިސުލްޖުމްހޫރިއްޔާކަމުގެ ހުވައި ނޮވެމްބަރު 17ގައި ކުރައްވާނެތީއެވެ. އެއާއެކު އެ މަޤާމު ހުސްވާނެއެވެ.
މާލޭގެ މޭޔަރުކަމުގެ މަޤާމަކީ ވަރަށް ވާދަވެރި މަޤާމެކެވެ. އެ މަޤާމު ހުސވުމުން ގިނަ ޕާޓީތަކަކުން ވާދަކުރާނެކަމަށް ބެލެވެއެވެ. މިގޮތުން މިހާތަނަށް އެންމެ ފުރަތަމަ ޝަޢުގުވެރިކަން ފާޅުކުރެއްވި އެއް ބޭފުޅަކީ މިހާރުގެ ޔޫތު މިނިސްތަރ އަޙްމަދު މަހްލޫފެވެ. މަހްލޫފް ވަނީ އެ މަޤާމަށް ވާދަކުރެއްވުމަށް ނިންމާފައިވާކަމަށް ވިދާޅުވެ މާލޭގެ ރައްޔިތުން ތާޢީދުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.
ބެލެވޭގޮތުގައި ޕީޕީއެމް/ޕީއެންސީންވެސް އެ މަޤާމަށް ވާދަކުރައްވާނެއެވެ.
މާލޭގެ މޭޔަރުކަމާއި ކައުންސިލަކީ މީގެ ކުރިން އެމްޑީޕީއަށް ތާާޢީދު އޮތް މަޤާމުތަކެކެވެ. އެމްޑީޕީގެ ފިކުރަށް މާލޭގެ ތާޢީދު ބޮޑުނަމަވެސް، އެންމެ ފަހުން ބޭއްވި ކައުންސިލް އިންތިޚާބުގައި ވަނީ އެކަން ބަދަލުވެފައެވެ. އެމްޑީޕީގެ ފިކުރު ބަދަލުކޮށް، ޕީޕީއެމްގެ ފިކުރަށް މާލެ ސިޓީ ކައުންސިލްގެ އަޣްލަބިއްޔަތު އަނބުރާލިއެވެ. އެގޮތުން މާލޭގެ މޭޔަރުކަން ފުރަތަމަ ފަހަރަށް ޕީޕީއެމަށް ލިބުނެވެ. އަދި ކައުންސިލްގެ ސާފު އަޣްލަބިއްޔަތުވެސް ނެގީ ޕީޕީއެމްއެވެ. މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރަކީވެސް ޕީޕީއެމްގެ މެންބަރެކެވެ.