ކޮރަޕްޝަންގެ މައްސަލަތަކުގައި ސިޔާސީ ވާހަތައް ދެއްކުމުގެ ބަދަލުގައި ހަރުދަނާ މަސައްކަތްތައް ކޮށް ރަނގަޅު ނަތީޖާއެއް ނެރެދެއްވުމަށް އޭސީސީގެ ރައީސާ މަރިޔަމް ޝިއުނާއަށް ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ގޮވާލައްވައިފިއެވެ.
އޭސީސީގެ އަމާޒަކީ، ރައްޔިތުންގެ ފައިސާއިން ނާޖާއިޒު މަންފާ ހޯދާ ފަރާތްތަކާމެދު މަޤާމަށް ނުވަތަ ނިސްބަތްވާ ޕާޓީއަށް ބެލުމެއްނެތި ރައްޔިތުންގެ ކުރިމަތީގައި ޖަވާބުދާރީ ކުރުވައި ޤާނޫނީ އޮނިގަނޑުގެ ތެރެއިންފިޔަވަޅު އެޅުންކަމަށް ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަހާއި ގުޅިގެން އޭސީސީގެ ރައީސާ މަރްޔަމް ޝިއުނާ ދެއްކެވި ވާހަތަކަށް ރައްދު ދެއްވަމުން ނިހާދު ވިދާޅުވީ ސިޔާސީ ވާހަތައް ދެއްކުމުގެ ބަދަލުގައި ކޮރަޕްޝަންގެ ކަންކަމުގައި ރައްޔިތުން ނަތީޖާއެއް ބޭނުންވާކަމަށެވެ.
އަދި ބޮޑެތި ތުހުމަތުކުރެވޭ ބޭފުޅުންގެ މައްސަލަތައް އަވަސްކޮށް އިންސާފު ޤާއިމްކޮށްދެއްވުމަކީ އޭސީސީން ކުރަންޖެހޭ ކަމެއް ކަމަށާއި، މިމައްސަލަތައް އަވަސް ކުރުމަށް ނިހާދުވަނީ އޭސީސީގެ ވެރިންނަށް ގޮވާލާފައެވެ.
ސިޔާސީ ވާހަކަ ދެއްކުމުގެ ބަދަލުގައި ހަރުދަނާ މަސައްކަތްތަކެއްކޮށް ނަތީޖާ ނެރެދެއްވާ! މަސައްކަތް އަވަސް ކޮށްލަ ދެއްވާ! ކުރީގެ ވަގުންގެ މައްސަލަތައް އަވަސް ކޮށްލަ ދެއްވާ!
– ނިހާދު ވިދާޅުވިއެވެ.
އޭސީސީގެ ރައީސާ މަރްޔަމް ޝިއުނާ ދެއްވި ޚިޠާބުގައި ވިދާޅުވީ ކޮރަޕްޝަނުގެ ސަބަބުން ގެއްލިފައިވާ އަދި ގެއްލެމުންދާ ފައިސާ އަކީ މިފަދަ ބަލިމަޑުކަމެއް އޮތް ޙާލަތެއްގައި، އެކަށީގެންވާ ސިއްހީ ނިޒާމެއް ޤާއިމްނުކުރެވި، އެކަށީގެންވާ ސިއްހީ ޚިދުމަތެއް ނުލިބި އެތައް ރައްޔިތުންނެއްގެ ފުރާނަ ގެއްލެމުންދާ މައިގަނޑު އެއް ސަބަބުކަމަށެވެ. މިފަދަ ޙާލަތަކުން އަރައިގަތުމަށްޓަކައި ނަޒާހަތްތެރިކަން އިސްކޮށް، ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުލާ، ކޮރަޕްޝަން ހުއްޓުވުމަށްޓަކާ ނިޒާމީ ބަދަލުތަކެއް ގެންނަންޖެހޭކަން ޝިއުނާ ފާހަގަކުރެއްވިއެވެ.
ކޯވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި ސިއްހީ ދާއިރާއަށް ބިލިއަނުން އިވެސްޓްމަންޓްތައް ކުރަމުންގެންދާއިރު، އިމަރޖެންސީ ޕްރޮކިއުމެންޓް މަރުޙަލާއެއް ކުރިމަތިވުމަކީ ކޮރަޕްޝަނަށް ހުޅުވިގެންދާ އިތުރު ފުރުޞަތެއްކަމުގައި ދެކެވަޑައިގަންނަވާކަމަށްވެސް ޝިއުނާ ވިދާޅުވިއެވެ. އެގޮތުން މި ބަލިމަޑުކަމުގެ ދުވަސްވަރާއި ގުޅިގެން ދައުލަތުގެ އެކި އިދާރާތަކުން ޚިދުމަތާއި ތަކެތި ހޯދުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތުކޮށް 34 ޝަކުވާއެއް އޭސީސީއަށް ހުށައަޅާފައިވާކަމަށްވެސް ޝިއުނާ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ