ރާއްޖޭގެ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޗައިނާގެ ރައީސް ޝީ ޖިންގްޕިން، މަރުހަބާ ދަންނަވައިފިއެވެ.
ޗައިނާގެ ރައީސް ޝީގެ ތަހުނިއާގެ މެސެޖެއް މުއިއްޒަށް ފޮނުއްވާފައިވާއިރު ޗައިނާއިން ވަނީ މުއިއްޒު އިންތިހާބުވުމާއެކު އެ ގައުމުގެ މަރުހަބާ މުއިއްޒަށް ރަސްމީކޮށް ދަންނަވައިފައެވެ. މުއިއްޒަށް ތަހުނިޔާ ފޮނުއްވައި ޝީގެ މެސެޖެއް ލިބިފައި ވަނީ މިއަދެވެ.
ޝީގެ މެސެޖްގައި ވިދާޅުވީ އިންތިހާބީ ރައީސް މުއިއްޒަށް އެމަނިކުފާނުގެ ފަރާތުން ހޫނު މަރުހަބާއަކާއި ތަހުނިޔާ އާއި ހެޔޮ އެދުންތައް އަރިސް ކުރައްވާ ކަމަށެވެ. ޗައިނާ އާއި ރާއްޖޭގެ އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހި ކުރަން ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް ދެއްވާނެ ކަމަށް ޝީ ވިދާޅުވިއެވެ.
"ރާއްޖެ-ޗައިނާ ގުޅުން ބަދަހި ކުރުމަށް އިސްކަން ދޭނަން. އެކުގައި މަސައްކަތްކޮށް މި ގުޅުން އިތުރު ހަރުފަތަކަށް ގެންދިޔުމަށާއި ގުޅިގެން މަސައްކަތް ކުރުމުގެ ޔަގީންކަން އަރުވަން،" ޗައިނާގެ ރައީސް އާ ހަވާލާ ދެއްވާ ސަފީރު ލިޖިން ވިދާޅުވިއެވެ.
މުއިއްޒު، ރާއްޖޭގެ ހައުސިން މިނިސްޓަރު ކަން ކުރެއްވެވި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަކީ ޗައިނާއާ ވަރަށް ގާތް އަދި ވަރަށް ބަދަހި ގުޅުމެއް ބޭއްވި ސަރުކާރެކެވެ. ޕީޕީއެމްގެ ސަރުކާރުގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންގޮސްފައި ވަނީ ވެސް ޗައިނާގެ އެހީއާއެކުގައެވެ. އޭގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަކޮށްލެވޭ މަޝްރޫއުތަކުގެ ތެރޭގައި ސިނަމާލެ ބްރިޖާއި ހިޔާ މަޝްރޫއު ހިމެނެއެވެ.
ޗައިނާއިން މުއިއްޒަށް މަރުހަބާއެއް ދެންނެވި އިރުވ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރާ ވަރަށް ގާތް ގުޅުމެއް ބޭއްވި އަވަށްޓެރި އިންޑިއާއިން ވެސް ވަނީ މުއިއްޒަށް މަރުހަބާ ކިޔައިފައެވެ. އެގޮތުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މުއިއްޒަށް މަރުހަބާ ވިދާޅުވުމާއެކު އިންޑިއާ އާއި ރާއްޖޭގެ ޒަމާވީ ގުޅުން ބަދަހިކޮށް ދެމެހެއްޓުމަށާއި އިންޑިއާ ކަނޑުގެ ސަރަހައްދުގެ އެއްބާރުލުން އިތުރުކުރުމަށް އެ ގައުމުން ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ވިދާޅުވެފައި ވެއެވެ.
ކޮމެންޓު ފޮނުވާ