ޖަވާބުދާރީ ނުނެވޭ ވަރުގެ އެއްވެސް ކަމެއް ވެރިކަމުގެ ތެރޭގައި ކުރައްވާފައި ނުވާނެކަމަށާއި، ދިރިއުޅުއްވާނީ ރާއްޖޭގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބަށްފަހު ލިބިނު ބައްޔާއިއެކު ފުރަތަމަ ފަހަރަށް ނޫސްވެރިންނާއި ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ ވެރިކަމުގެ ތެރޭގައި ކުރެއްވި ކޮންމެ ކަމެއްކޮށް ކުރައްވާފައިވާނީ ޤާނޫނީ އިމުގެ ތެރެއިން ކަމަށެވެ. ޤާނޫނީ އިމުން ބޭރުން އެއްވެސް ކަމެއް ކޮށް ގޯސް ގޮތަކަށް ކުރެއްވި ހަމައެއްވެސް ކަމެއް ނޯންނާނެކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ވެރިކަމުގެ ތެރޭގައި ހިނގަދިޔަ ބައެއް ކަންކަމާއި ގުޅޭގޮތުން ބައެއް ފަރާތްތަކުން އެކިި ތުހުމަތު ކުރެއްވި ކަމަށެވެ. އޭގެ ތެރޭގައި ކަނޑުގެ މައްސަލާއާއި، އިންޑިއާގެ ސިފައިންގެ މައްސަލާގައާއި ބައެއް އެއްބަސްވުންތަކާއި މެދު ސުވާލުތައް އުފެއްދި ކަމަށެވެ. ނަމަވެސް ރައީސް ވިދާޅުވީ ޤާނޫނީ އިމުގެ ބޭރުން ކުރެއްވި އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ. އެލިޔެކިޔުންތައް ސަރުކާރުގެ އިދާރާތަކުގައި ދެން އަންނަ ވެރިކަމަކަށް ފެންނަން ހުންނާނޭ ކަމަށް ރައީސް ވިދާޅުވިއެވެ.
ޖަވާބުދާރީ ނުނެވޭ ވަރުގެ ކަމެއް އަޅުގަނޑު ނޯންނާ ކޮށްފަ. ކޮންމެ ކަމަކާއި ކުރިމަތި ލެވޭނެ. ކުރިމަތި ނުލެވޭ ވަރުގެ ކަމެއް ކޮށްފައި ނުވާނެ. ކަންބޮޑުވާންޖެހޭ އަދި ގޯސްކޮށް ކޮފައިވާ އެއްވެސް ކަމެއް ނޯންނާނެ. ބަލަންވީ ހުރިހާ ކަމެއްވެސް ބަލަންވީ.
– ރައީސް ޞާލިހު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު އިންތިޚާބަށްފަހު ރާއްޖެއިން ފުރައިގެން ގޮސްދާނެކަމަށް ބައެއް ފަރާތްތަކުން ގަބޫލު ކުރާކަމަށެވެ. ނަމަވެސް އެއީ ކުރައްވާނެ ކަމެއް ނޫންކަމަށާއި، ދިރިއުޅުއްވާނީ މާލޭގައި ނުވަތަ އަމިއްލަ އުފަން ރަށުގައި ކަމަށެވެ. ރައީސް ވިދާޅުވީ ފިލައިގެން ރާއްޖެއިން ބޭރުގައި ދިރިއުޅެން ޖެހޭ ވަރުގެ އެއްވެސް ކަމެއް ގޯސް ގޮތަކަށް ކޮށްފައި ނުވާނެކަމަށެވެ.
ނަމަވެސް ކަމެއް ދިމާވެގެން ރާއްޖެއިންބޭރަށް ދަތުރެއް ކުރެއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި، ނަމަވެސް ރާއްޖެއިން ބޭރުގައި ދިރިއުޅުއްވަން ގަސްތު ނުކުރައްވާކަމަށް ރައީސް ޞާލިހު ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.


