ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ.
ރައީސް އޮފީހުގައި ބާއްވަވާ މި ބައްދަލުވުން ފެށުމަށް ހަމަޖެހިފައި ވަނީ މިއަދު ހެނދުނު 11:00 ގައެވެ. މިއީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމަނިކުފާނަށް ލިބިވަޑައިގެންނެވި ނާކާމިޔާބީ އަށް ފަހު، ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަވާ ފުރަތަމަ ފަހަރެވެ.
އެމަނިކުފާނު އެންމެ ފަހުން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވާފައި ވަނީ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގައި ވޯޓުލެއްވުމަށް ފަހުގައެވެ. މީގެ އެއް ދުވަސް ކުރިން ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި އިންތިހާބީ ރައީސަކަށް ވެވަޑައިގެންފައި ވަނީ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒެވެ.
ދެވަނަ ބުރުގެ ނަތީޖާ އަށް ބަލާ އިރު، އިދިކޮޅު ކެންޑިޑޭޓު މުއިއްޒު ވަނީ 129،159 ވޯޓު ހޯއްދަވައިފައެވެ. މުއިއްޒާ ވާދަކުރެއްވި ރައީސް ސޯލިހަށް ލިބިވަޑައިގެންފައި ވަނީ 109،868 ވޯޓެވެ. މިއީ 19،291 ވޯޓުގެ ތަފާތެކެވެ.
ރާއްޖޭގެ ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ކަންކަން ކުރިއަށް ގެންދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މިހާރު ވަނީ ހާއްސަ ކޮމިޓީއެއް އުފައްދަވައިފައެވެ.
ރައީސް ސޯލިހް އިއްޔެ ވަނީ ރައީސް އޮފީހުގައި މުއިއްޒާ ބައްދަލު ކުރައްވައި، އޭނާ އަށް މަރުހަބާ ވިދާޅުވެފައެވެ. ރައީސް ވަނީ ރައްޔިތުންގެ ނިންމުން ގަބޫލު ކުރައްވައި ވެރިކަން ބަދަލުވުމުގެ މަރުހަލާގައި އަމަލު ކުރަން ޖެހޭ އުސޫލުތައް ބަޔާން ކުރާ ގާނޫނު ކަމަށްވާ "ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ގާނޫނު" ގައިވާ ގޮތުގެ މަތިން ކުރައްވަން ޖެހޭ އެންމެހާ ކަންކަން ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ވެރިކަން ބަދަލުވުމުގެ މަރުޙަލާގައި ކުރައްވަންޖެހޭ ކަންކަން، ވީހާވެސް އޮމާންކަމާއެކު ގެންދެވުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް އުފެއްދެވި ކޮމިޓީގައި އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ހުންނަވަނީ ރައީސް އޮފީހުގެ ސެކްރެޓަރީ ކޯޕަރޭޓް ސާވިސް ހުސެއިން އާމިރެވެ. ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ހުރިހާ ކަމެއް ހިނގަމުންދާ ގޮތް ރައީސް އޮފީހުގެ ފަރާތުން ވިލަރެސް ކުރައްވާނީ ޗީފް އޮފް ސްޓާފް އަލީ ޒާހިރެވެ.