އައްޑޫ ސިޓީގެ އަވަށްތަކަށް ވަކިވަކިން މިއަދު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވަޑައިގެން އެވަށްތަކުގެ ރައްޔިތުންނަށް މުއިއްޒު ވަނީ އުންމީދީ މެސެޖުތަކެއް ދެއްވާފައެވެ.
އިންތިޚާބުގެ ދެވަނަ ބުރުގެ ކުރިން އައްޑޫ ސިޓީއަށް މުއިއްޒު ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވީ އެންމެފަހު މަންޒިލް ހުޅުދޫއަށް ވަޑައިގެންނެވުމަށްފަހުއެވެ. ހެދުނުން ފެށިގެން މިރެއާއި ހަމައަށް ހުއްޓުމެއްނެތި ކުރެއްވި ދަތުރުފުޅުގައި މުއިއްޒުވަނީ ކޮންމެ އަވަށެއްގެ ރައްޔިތުންގެ ސުވާލުތަކާއި ކަންބޮޑުވުންތަކާއި ރައްޔިތުންގެ އުންމީދުތަކަށް އުފާވެރި މެސެޖުތަކެއް ދެއްވާފައެވެ.
އައްޑޫގެ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ޔަޤީންކޮށްދޭނަން:
އައްޑު ސިޓީ ހިތަދޫ ރައްޔިތުންނާއި ބައްދަލުކޮށް މިއަދު މުއިއްޒު ވިދާޅުވީ އޭނަގެ ވެރިކަމެއްގައި އައްޑޫ ސިޓީގެ ހުރިހާ ރައްޔިތުންނަަށް ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމަށާއި ގެދޮރުވެރިކަން ޔަގީން ނުވާ މީހަކު ނުހުންނަވަރު ކުރާނެ ކަމަށެވެ.ބޯހިޔާވަހިކަން ޔަޤީންކޮށްދިނުމަކީ މުއިއްޒުގެ އެންމެ މުހިންމު ސިޔާސަތެވެ. އެހެންކަމުން އޭނަގެ ވެރިކަމެއްގައި އެންމެ އިސްކަމެއް ދޭނީ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
އަތްފޯރާ ފަށުގައި ލޯނު ދޫކޮށްގެން ގެދޮރުވެރިކަން ޔަގީންކޮށްދިނުމަކީ އޭނާގެ އެންމެ މުހިއްމު ވައުދު ކަން ފާހަގަކުރައްވަމުން މުއިއްޒު ވިދާޅުވީ، އައްޑޫގައި ވެސް ހައުސިން މަޝްރޫއުތައް ހިންގައި ހައުސިން ލޯނުތައް ދޫކުރާނެ ކަމަށެވެ.
އައްޑު އަށް 10،000 ވަޒީފާ އިތުރު ކުރުމަކީ މުއިއްޒުގެ އަމާޒެއް:
އައްޑޫގައި އައްސޭރި ޓޫރިޒަމް ތައާރަފުކޮށް، 10،000 ވަޒީފާ އިތުރު ކުރުމަކީ އޭނާގެ ސަރުކާރުގެ އަމާޒެއް ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. މުއިއްޒު ވިދާޅުވީ، އައްސޭރި ޓޫރިޒަމް މަޝްރޫއު އައްޑޫގައި އޭނާގެ ސަރުކާރުން ހިންގާނީ 6،000 އެނދު ގާއިމްކުރާ ގޮތަށް ކަމަށެވެ.
މުއިއްޒު ވިދާޅުވީ، އައްޑޫ މީހުން ބޭނުންވާ ގޮތަށް މި ސަރަަހައްދު މިހާތަނަށް ވެސް ތަރައްގީ ކުރެވިފައި ނުވާ ކަމަށާއި އެ މީހުންގެ އުންމީދުތަކުގައި އޭނާގެ ސަރުކާރެއްގައި ކުލަ ޖައްސައިދޭނެ ކަމަށެވެ. ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ދެ ވަނަ ބުރުގެ ކެމްޕެއިންގެ ދަތުރުތަކުގެ ފަހު މަންޒިލް އައްޑޫ ހިތަދޫގައި މުއިއްޒު ވިދާޅުވީ، އައްޑޫ ތަރައްގީ ކުރުމަށްޓަކައި މި ސިޓީގެ މީހުން އެދިއެދި އޮތް ތަރައްގީ، އެ މީހުން ބޭނުންވާ ގޮތަށް މީގެ ކުރިން ގެނެސްދެވިފައި ނުވާ ކަމަށެވެ.
މުއިއްޒު ވިދާޅުވީ، އައްޑޫ މީހުން އޭނާ އަށް އިތުބާރުކޮށް، ވެރިކަމަށް ހޮވައިދީފި ނަމަ އެ މީހުން އުންމީދުކުރާ ތަރައްގީގެ މަންޒަރު ހަގީގަތަކަށް ހަދައިދޭނެ ކަމަށެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުނަށް ފަރުވާދޭ އިންޓަނޭޝަނަލް ހޮސްޕިޓަލެއް:
މުޢިއްޒު ވިދާޅުވީ ސިއްހީ އަދި އިޖުތިމާއީ ދާއިރާއަށް ބެލިނަމަވެސް، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެހީވުމަކީ މުހިންމު ކަމެއް ކަމަށާ، އެ މަނިކުފާނުގެ ސަރުކާރެއްގައި އެ ފަރާތްތަކަށް އެހީވުމަށް ސަރުކާރުގެ ތެރެއިން ގިނަ މަސައްކަތް ތަކެއް ކުރައްވާނެ ކަމަށެވެ.
އެގޮތުން މާލޭގެ އިތުރުން އައްޑޫ ސިޓީ އަދި އުތުރުގެ ރަށެއްގައި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ކެއާ ކުރާ އިންޓަނޭޝަން ފެންވަރުގެ ހޮސްޕިޓަލެއް އެމަނިކުފާނުގެ ވެރިކަމެއްގައި ގާއިމް ކުރައްވާނެ ކަމަށް މުޢިއްޒު ވިދާޅުވިއެެވެ. އެތަނުން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ތެރަޕީއާއި ޓްރީޓްމަންޓްތައް ދީ ރަނގަޅު ނަތީޖާ ނެރެވޭނެ ކަމަށް ވިދާޅުވިއެވެ.
އައްޑޫ އިން މުއިއްޒަށް އެންމެ ގިނައިން އަމާޒުވި ސުވާލަކީ މީގެ ކުރިން އެތައް ފަހަރަކު ޖަވާބު ދެއްވާފައިވާ ބޯހިޔާވަހިކަމުގެ މައްސަލައިގެ ސުވާލުތަކެވެ. މި ސަރުކާރުން ދީފައިވާ ފްލެޓްތަކާއި ގޯތިތައް މުއިއްޒުގެ ސަރުކާރެއްގައި އަތުލަފާނެތޯ ކުރާ ސުވާލެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން މުއިއްޒު ވިދާޅުވީ، ވާދަވެރިން އެންމެ ގަދަ އަށް ދެކޮޅަށް ދައްކަނީ އޭނާގެ ވެރިކަމެއްގައި ވަޒީފާތަކުން މީހުން ވަކިކުރާނެ ވާހަކަ އާއި ތަރައްގީގެ މަޝްރޫއުތައް ހުއްޓުވާނެ ކަމުގެ ވާހަކަ ކަމަށެވެ.
މުއިއްޒު މިއަދު ވެސް ތަކުރާރުކޮށް ވިދާޅުވީ، އެއްވެސް ރަށެއްގައި އެއްވެސް މަރުހަލާއެއްގައި ފަށާފައިވާ އެއްވެސް މަޝްރޫއެއް ހުއްޓާނުލައި، ބާރު ސްޕީޑުގައި ކުރިއަށް ގެންދާނެ ކަމަށެވެ. ރައްޔިތުންގެ ހިޔާލާ އިދިކީލަކޮށް ބައެއް ރަށްރަށުގައި ފަށާފައި ހުރި މަޝްރޫއުތަކަށް ބަދަލު ގެނެސް، އެ މަޝްރޫއުތައް ވެސް ހިންގާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ