ޕެންޝަން ފަންޑުން އާންމު ރައްޔިތުންނަށް މާލޭ ސަރަހައްދުގައި އެކަނި ހައުސިންއަށް ޚަރަދު ކުރެވޭގޮތަށް ހަމަޖެހިފައި އޮތް އޮތުމަށް ބަދަލު ގެނެސް، އަތޮޅު ތެރޭގެ ރައްޔިތުނަށްވެސް ބޯހިޔާވަހިކަމަށް ބޭނުންވާ ލޯން ކަށަވަރު ކުރުމަށް ޕެންޝަން ފަންޑުގެ ބޭނުން ކުރެވޭ ގޮތް ހައްދަވާ ދެއްވާނޭކަން ރައީސް ސާލިހު ހާމަ ކުރައްވައިފިއެވެ.
މިރޭ ގދ. ތިނަދޫގައި ބޭއްވުނު ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ، ރައްޔިތުނަށް ގޯތި ދޭވާހަކައާއި، ރޯހައުސް ދޭވާހަކަ ދައްކާއިރު އެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެތަންތައް ހެދުމަށް ބޭނުންވާ ފައިސާގެ ދަތިކަން ކަމުގައެވެ.
އެގޮތުން ރައީސް ސާލިހު ވިދާޅުވީ އެކަމަށް ބޭނުންވާ ހައުސިން ފަންޑެއް ގާއިމް ކުރުމުގެ އިތުރުން ޕެންޝަން ފަންޑުން ހައުސިންއަށް ބޭނުންކުރެވޭނެ ގޮތް ގާއިމް ވެގެންދިއުމަކީ ރައްޔިތުންގެ ވަރަށްބޮޑު އެދުމެއް ކަމުގައެވެ.
މިހާރު މާލޭ ސިޓީގަ ޕެންޝަން ފަންޑު ބޭނުން ކޮށްގެން ހައުސިން ލޯނު ހޯދޭގޮތް އެބައޮތް ކަނޑައެޅިފަ. ހަމަ އެއުސޫލު އިރާދަ ކުރެއްވިއްޔާ މި ސިޓީ (ތިނަދޫ ސިޓީ) އާއި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ތިބި ރައްޔިތުންނަށް، ހައުސިންއަށް ބޭންކުން ލޯނު ހޯދުމަށްޓަކާ ބޭނުން ކުރެވޭނެ އުސޫލު އަޅުގަޑުމެން އިރާދަ ކުރެއްވިއްޔާ ހަމަޖައްސާ ދޭނަން. އޭރުން މާލެ ސިޓީއެކޭ، ތިނަދޫ ސިޓީއެކޭ، އައްޑޫ ސިޓީއެކޭ، ފުވައްމުލަކު ސިޓީއެކޭ، ކުޅުދުއްފުށި ސިޓީއެކޭ އަދި ވަކި ރަށެއް ކިޔާނެ ކަމެއްނެތް، ކޮންމެ ރަށެއްގަ ދިރިއުޅޭ ރައްޔިތަކުވެސް ހައުސިންއަށް ލޯނެއް ނަގަން ބޭނުން ކަމަށް ވަންޏާ ޕެންޝަންގަ އެހުރި ފައިސާ މާލޭ ސިޓީގެ ރައްޔިތުންނަށް އެލިބޭ ގޮތަށް އެ ފުރުސަތު ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާ އެކީގަ ލިބިގެން ދާނެ.
މިރޭ ތިނަދޫގައި ކުރިޔަށްދިޔަ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސާލިހު ވިދާޅުވިއެވެ.
ޕެންޝަން ގާނޫނު އެންމެ ފުރަތަަ ވުޖޫދުވެގެން އައިއިރު އެ ފަންޑުން ގެދޮރު ގަތުމަށާއި އެޅުމަށް ބޭނުންވާ ހައުސިން ލޯނު ހޯދުމަށް ބޭނުން ކުރެވޭގޮތަށް ނެތްނަމަވެސް، ފަހުން ޕެންޝަން ގާނޫނަށް ގެނެވުމު އިސްލާހަކާއެކު، ހައުސިން ލޯނަށް ބޭނުންވާ ޑިޕޮޒިޓް ފައިސާ ޕެންޝަން ފަންޑުން ދޫކުރާ ސެކިއުރިޓީއެއްގެ ގޮތުގައި ހަމަޖެއްސުމުގެ ފުރުސަތު ވަނީ ފަހިވެގެން ގޮސްފައެވެ.
އެހެންނަމަވެސް މިހާތަނަށް މިފުރުސަތު ލިބޭގޮތަށް ހަމަޖެހިފައި އޮންނަނީ ހަމައެކަނި މާލޭ ސަރައްހަދުގައި ފޯރުކޮށްދޭ ބޯހިޔާވަހިކަމަށް އެކަންނެވެ.
ކޮމެންޓު ފޮނުވާ