ޑިޖިޓަލް ރާއްޖެއެއް ބިނާކުރުމުގެ މަސައްކަތުގައި އެޅޭ ކޮންމެ ފިޔަވަޅެއްގައި އުރީދޫ މޯލްޑިވްސްއިން އަންނަނީ ސަރުކާރާއިއެކުގައި މަސައްކަތް ކުރަމުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ހުޅުމާލޭގައި ޢިމާރާތްކޮށްފައިވާ، އުރީދޫ މޯލްޑިވްސްގެ ހެޑްކުއާޓަރޒް ހުޅުއްވައިދެއްވައި ދެއްކެވި ވާހަކަފުޅުގައެެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ރާއްޖޭގެ ޑިޖިޓަލް އިޤުތިޞާދު ބިނާކުރުމުގައި ކުރެވެމުން އަންނަ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދެއްކެވިއެވެ. މިގޮތުން ސަރުކާރުގެ ޚިދުމަތްތަކަށް ތަޢާރަފްކޮށްފައިވާ "ވަންގަވް" އަދި "އީ-ފާސް" އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އޯ.ސީ.އެމް- އައި.އޭ.އެކްސް ސަބްމެރިން ކޭބަލް ސިސްޓަމް ހުޅުމާލެއާ ގުޅާލެވިފައިވުމަކީ، ރާއްޖެ ޓެކްނޯލޮޖީގެ ހަބަކަށް ހެދުމަށް ކުރެވޭ މަސައްކަތުގައި ކުރިޔަށް އެޅުނު މުހިންމު ފިޔަވަޅެއްކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ. އަދި މިސަރުކާރުން ކުރައްވާފައިވާ މަސައްކަތްތަކާއިއެކު ހަލުވި، ބްރޯޑްބޭންޑް އިންޓަރނެޓާއި މޮބައިލް އިންޓަރނެޓް މިހާރު އެންމެނަށް އަތްފޯރާ ހެޔޮއަގުގައި ލިބެމުންދާކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅު ނިންމަވާލެއްވީ، ރާއްޖެ ތަރައްޤީކުރުމުގައި ބައިވެރިވެ ކުރަމުންދާ މަސައްކަތްތަކަށާއި، އަދި ޑިޖިޓަލް ރާއްޖެ ބިނާކުރުމުގައި އުރީދޫ ގްރޫޕާއި، އުރީދޫ މޯލްޑިވްސްއިން ބައިވެރިވެ ކުރަމުންދާ މަސައްކަތްތަކަށް، އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމުންނެވެ.
މިރަސްމިއްޔާތުގައި، އުރީދޫއިން ވަނީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ހަނދާނީ ހަދިޔާއެއްގެ ގޮތުގައި އުރީދޫ މޯލްޑިވްސްގެ ހެޑްކުއާޓަރޒްގެ މޮޑެލްއެއް ވެދުމަށް އަރުވާފައެވެ.
ހުޅުމާލޭގައި އުރީދޫ މޯލްޑިވްސްއިން ބިނާކުރި އެކުންފުނީގެ އޮފީސް ޢިމާރާތަކީ، އެންމެ ޒަމާނީ އޮފީސް ޢިމާރާތެކެވެ. މިއިމާރާތް ފަރުމާކޮށްފައި ވަނީ، ޒަމާނީ ވަސީލަތްތަކާއި، ޒަމާނީ ޓެކްނޮލިޖީގެ އެހީގައި މުވައްޒަފުންނަށް އުފެއްދުންތެރި މަސައްކަތްތައް ކުރުމަށް އެކަށީގެންވާގޮަތަށް ހިތްފަސޭހަ އަދި ރައްކާތެރި މަސައްކަތުގެ މާޙައުލެއް ލިބިދެވޭނެ ގޮތަށެވެ. މިގޮތުން މުވައްޒަފުންނަށް މުނިފޫހިފިލުވުމުގެ ވަސީލަތްތަކާއި، ޖިމާއި، ކުޑަކުދިންނަށް ޚާއްސަ އޭރިއާއެއް މިއިމާރާތުގައި ހުރެއެވެ. އަދި ތިމާވެއްޓާއި ރައްޓެހި ގޮތަށް ބިނާކޮށްފައިވާ މިޢިމާރާތަކީ، ޤުދުރަތީ ވައި ދައުރުވާނެ ގޮތަށާއި، ޢިއާދަކުރަނިވި ޙަކަތަ އާއި ވާރޭފެން ރައްކާކޮށް ބޭނުންކުރެވޭ ގޮތަށް ހަދާފައިވާ އިމާރާތެކެވެ.