އިގިރޭސިވިލާތުގައި އެންމެ ފުރަތަމަ ކޯވިޑް19 ވެކްސިން ޖެހި 91 އަހަރުގެ މާގްރެޓް ކީނަން އަށް ވެކްސިން ދެނީ

އިގިރޭސިވިލާތުގައި ކޯވިޑް19 ވެކްސިން ދޭން ފަށައިފި

އިގިރޭސިވިލާތުގައި ކޯވިޑް19 ވެކްސިން ދޭން ފަށައިފި

އެމެރިކާގެ ފިޒާ ކުފުންޏާއި އެކުންފުނީގެ ޕާޓްނަރ ކުންފުނި، ޖަރުމަނު ވިލާތުގެ ބައޯއެންޓެކް ކުންފުނިން އުފެއްދި ކޯވިޑް19 ވެކްސިން ދުނިޔޭގައި ދިން އެންމެ ފުތަމަ މީހާގެ ގޮތުގައި، އެގައުމުގެ އިސްރަށްވެހި އަންހެނަކަށް ވެކްސިންދީ، އިގިރޭސިވިލާތުގައި އާންމުކޮށް ކޯވިޑް19 ވެކްސިން ދޭން ފަށައިފިއެވެ.

އަންނަ ހަފްތާގައި އުމުރުން 91 އަހަރު ފުރޭ މާގްރެޓް ކީނަން މިވެކްސިލް ޖެހުމުމަށްފަހު ބުނެފައިވަނީ، މިއީ އޭނާއަށް ލިބުނު "އުފަންދުވަހުގެ ފުރިހަމަ ހަދިޔާއެއް" ކަމުގައެވެ.

މާގްރެޓްއަށް ވެކްސިން ދީފައިވަނީ، މިއަދު ޖީއެމްޓީގެ ގަޑިން 6:31ގައެވެ. މިއީ އިގިރޭސިވިލާތުގައި، އަންނަ ހަފްތާގައި ދިނުމަށް ހަމަޖެހިފައިވާ ފިޒާ/ބައޯއެންޓެކް ކުންފުނީގެ 800،000 ޑޯޒްގެ ފުތަމަ ޑޯޒެވެ.

މިމަސް ނިމުމުގެ ކުރިން ވެކްސިންގެ 1 މިލިއަން ޑޯޒު އިގިރޭސިވިލާތުގައި ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އިގިރޭސި ވިލާތުގައި މިއަދު އާންމުކޮށް ވެކްސިން ދޭން ފަށާފައިވާއިރު، ފުރަތަމަ ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ، އުމުރުން 80 އަހަރުން މަތީ މީހުންނަށާއި އަދި ސިއްޙީ ޚިދުމަތްތެރިންނަށެވެ. ވެކްސިން ދިނުމަށް އެންމެ ފުރަތަމަ ހިންގޭ މި ޕްރޮގްރާމްގެ އަމާޒަކީ، ގައުމުގެ ސިއްޙީ ހާލަތު އާންމު ހާލަތަކަށް ގެނައުމެވެ.

އެގައުމުގައި ވެކްސިން ދޭންފެށި ދުވަހަށް ވީ-ޑޭގެ ނަމުން ނަންދެމުން، އިގިރޭސިވިލާތުގެ ހެލްތު ސެކެޓްރީ މެޓް ހެންކޮކް ވިދާޅުވީ މިއަދު މިދިން ވެކްސިނަކީ، "ސައިންޓިފިކް ކުރިއެރުމާއި އަދި އިންސާނުން ހޯދާފައިވާ މި ބޮޑު ކާމިޔާބީގެ އިތުރުން، އެތައް ބައެއްގެ ބުރަ މަސައްކަތަށް ދިން ބޮޑު ހަދިޔާއެއް" ކަމުގައެވެ.

"މިއަދަކީ، އަހަރުމެން އެންމެގެ ދުޝްމަން، ކޮރޯނާ ވައިރަހާ ދެކޮޅަށް ކުރާ ހަގީގީ ހަގުރާމް ފެށުނު ދުވަސް،" އޭނާ ވިދާޅުވިއެވެ.

މިއަދު އިގިރޭސިވިލާތުގެ ބައެއް ހޮސްޕިޓަލްތަކުގައި ވެކްސިން ދެމުންދިޔަ މަންޒަރުތައް ބައްލަވާލެއްވުމަށް އިގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ވަނީ ހޮސްޕިޓަލްތަކަށް ޒިޔާރަތް ކުރައްވާފައެވެ. މިޒިޔާރަތުގައި ރިޕޯޓަރުންނާ ބައްދަލު ކުރައްވާ ބޮރިސް ޖޯންސަން ވިދާޅުވީ، "މިއީ އަހަރުމެން އެންމެނަށްވެސް، އަދި މުޅި ގައުމަށްވެސް ރަގަޅު ދުވަހެއް" ކަމުގައެވެ.

މިއަދު ކޯވިޑް19 ވެކްސިން އިގިރޭސި ވިލާތުގައި ދޭން ފަށާފައިވަނީ އެގައުމުގެ ޔުނިވާރސިޓީ ހޮސްޕިޓަލް ކޯވެންޓްރީގައެވެ. އުމުރު 91 އަހަރުގެ މާގްރެޓް ކީނަން އަށް މިވެކްސިން ދިނީ ހޮސްޕިޓަލްގެ ނަރުހެއް ކަމުގައިވާ މެޓްރޮން މޭ ޕާސަންސްއެވެ.

ވެކްސިން ޖެހުމަށްފަހު މާގްރެޓް ކީނަން ހޮސްޕިޓަލް ދޫކަށް ދާއިރު، ހޮސްޕިޓަލްގެ މުވައްޒަފުން އުފަލުން މަރުހަބާ ކިޔަނީ

"އުމުރުން 91 އަހަރުގައި، މިވެކްސިން ޖަހާ ފުރަތަމަ މީހާއަށް ވުމުގެ ނަސީބު ލިބުމަކީ އަހަރެންނަށް ލިބުނު ވަރަށްބޮޑު ޝަރަފެއް" ވެކްސިން ޖެހުމަށްފަހު މާގްރެޓް ކީނަން ބުނެފައި ވެއެވެ.

"އަހަރެން ދޭން ބޭނުންވާ ނަސޭހަތަކީ، ހުރިހާ އެންމެންވެސް ވެކްސިލް ލިބިގަތުން. އުމުރުން 90 އަހަރުގައި އަހަރެންނަށް މިވެކްސިން ޖެހޭނަމަ، އެހެން ހުރިހާ އެންމެންނަށްވެސް މިވެކްސިން ޖެހޭނެ،" މާގްރެޓް ކީނަން ބުނެފައި ވެއެވެ.

އިގިރޭސިވިލާތުގެ ނޭޝަނަލް ހެލްތު ސާވިސްގެ ނޭޝަނަލް ހެލްތު ޑިރެކްޓަރ ވަނީ އެގައުމުގައި އެންމެ ފުރަތަމަ ކޯވިޑް19 ވެކްސިން ދޭންފެށި މިތާރީޚި ވަގުތުކޮޅު ވެކްސިން ދިން މަންޒަރު ބައްލަވާ ލައްވާފައެވެ. އަދި ފަހުން ވިދާޅުވެފައިވަނީ، "އެވަގުތު އެ ކޮޓަރީގައި ތިބި މީހުންނަށް އުފަލުން މާގްރެޓް ކީނަންގެ ގާއިގަ ބައްދައި ނުގަނެވުނު ނަމަވެސް، އެންމެން ތިބީ އަތްޖަހަން" ކަމުގައެވެ.

މިއަދު ދެވަނައަށް ކޯވެންޓްރީ ހޮސްޕިޓަލުގައި ކޯވިޑް19 ވެކްސިން ދީފައިވަނީ، އުމުރުން 81 އަހަރުގެ ވިލިއަމް ޝޭކްސްޕެއަރ އަށެވެ. ވެކްސިން ދިނުމަށްފަހު އޭނާ ބުނެފައިވަނީ ވަރަށް އުފާވިކަމަށާއި އަދި ހޮސްޕިޓަލްގެ މުވައްޒިފުން ވަރަށް ހެޔޮ ކަމުގައެވެ.

ދެވަނައަށް މިއަދު އިގިރޭސިވިލާތުގައި ވެކްސިން ޖެހި ވިލިއަމް ޝޭކްސްޕެއަރ އަށް ވެކްސިން ދެނީ

މިއަދު ހެދުނުން ފެށިގެން އިގިރޭސިވިލާތުގެ 50 ހޮސްޕިޓަލެއްގައި ބަލި މީހުންނާ އަދި ސިއްޙި އެހީތެރިން ދަނީ މިވެކްސިން ޖަހަމުންނެވެ.

އިގިރޭސިވިލާތުގެ މެޑިސިން ރެގިއުލޭޓަރ، MHRA އިން ބުނެފައި ވާގޮތުގައި، ކުރެވުނު ތަހުލީލުތަކުން %95 މީހުންނަށް ވައިރަހުން ސަލާމަތްތެރިކަން ފޯރުކޮށްދޭނެ ކަމަށް ދައްކާފައިވާ މިވެކްސިނަކީ އާންމުކޮށް ބޭނުންކުރެވިދާނެ ފެންވަރުގެ ވެކްސިނެކެވެ.

އިގިރޭސިވިލާތުގެ ހެލްތު ސެކެޓްރީ ވަނީ، ވެކްސިން ޖެހުމަށް އިންގިރޭސިވިލާތުގެ ރައްޔިތުން އަވަސްވެ ނުގަނެ، އެގައުމުގެ ނޭޝަނަލް ހެލްތު ސާވިސްއިން އަންގަންދެން މަޑުކުރުމަށް އިލްތިމާސް ކުރައްވާފައެވެ.

އިގިރޭސި ސަރުކާރުން ބުނެފައިވަނީ، ވެކްސިން ޖެހުމުގައި އެންމެ ބޮޑު އިސްކަމެއް ދިނުމަށް ހަމަޖެހިފައިވަނީ، އުމުރުން ދުވަސްވުމުގެ ސަބަބުން އެދުމަތިވެފައިވާ މުސްކުޅިންނާއި އަދި މުސްކުޅިން ބެލެހެއްޓުމުގައި ހަރަކާރްތެރިވާ މީހުނަށެވެ. އަދި އޭގެފަހުން އިސްކަންދޭ ލިސްޓު ތަރުތީބު ކުރެވިފައިވާ ގޮތަކީ، 80 އަހަރުން މަތީ މުސްކުޅިންނާ އަދި، ސިއްޙީ ޚިދުމަތްތެރިންނެވެ.

އިގިރޭސިވިލާތުގެ ހޮސްޕިޓަލްތަކުގައި، 70C- ގައި ވެކްސިން ރައްކާކުރެވޭނެ އިންތިޒާމް މިހާރު ހަމަޖެހިފައިވާތީ، ވެކްސިން އެންމެ ފުރަތަމަ ދޭން ފެށިގެންދާނީ ހޮސްޕިޓަލްތަކުގައި ކަމަށްވެސް ހެލްތު ސެކެޓްރީ ވިދާޅުވެފައި ވެއެވެ. މިގޮތުން ގޭގެއަށް ފަރުވާދިނުމަށް ހޮސްޕިޓަލްތަކުގެ ފަރާތުން ޒިޔާރަތްކުރާ ނަރުހުންނާއި ޑޮކްޓަރުން ހިމެނިގެންނެ ދާނީ ހޮސްޕިޓަލްތަކުގައި އެންމެ ފުރަތަމަ މިވެކްސިން ދެވޭނެ މީހުންގެ ގޮތުގައެވެ. އޭގެ ފަހުން ނޭޝަނަލް ހެލްތު ސާވިސްގައި މަސައްކަތްކުރާ މުވައްޒަފުންނާއި އަދި ބަލި މީހުންނަށް ވެކްސިން ދެވެނޭކަމަށްވެސް ހެލްތު ސެކެޓްރީ ވިދާޅުވެފައި ވެއެވެ.

ފިޒާ/ބޮއޯއެންޓެގެ ވެކްސިން ވެގެންދާނީ، ދުނިޔޭގައި މިހާތަށް އެންމެ އަވަހަށް އުފެއްދި ވެކްސިން ކަމުގައެވެ. އާންމުކޮށް މިފަދަ ވެކްސިނެއް އީޖާދު ކުރުމަށް 10 އަހަރު ނަގާއިރު، ފިޒާ/ބޮއޯއެންޓެގެ ވެކްސިން އުފައްދާފައި މިވަނީ އެންމެ 10 މަސްދުވަހުގެ ތެރޭގައެވެ.

އިގިރޭސިވިލާތުން ވަނީ ކޯވިޑް19 ވެކްސިންގެ 40 މިލިއަން ޑޯޒަށް އޯޑަރު ކޮށްފައެވެ. މިއީ އެގައުމުގެ 20 މިލިއަން މީހުންނަށް ވެކްސިން ދިނުމަށް ބޭނުންވާ މިންވަރެވެ. މިވެކްސިނަކީ ވެކްސިންގެ ދެ ޑޯޒް ކޮންމެ މީހަކުވެސް ޖަހަންޖެހޭ ވެކްސިނެކެވެ. އަދި ކޮންމެ ޑޯޒެއްވެސް ޖަހަން ޖެހޭނީ 4 ހަފްތާގެ ދުރުމިނެއްގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *