މިދިޔަ މަހު ރިލީޒްކޮށް، ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "ގަދަރު 2″ ގެ ކާމިޔާބީ އާއި އެކުގައި ސަނީގެ މަގުބޫލު ކަންވެސް މިހާރު ބޮލީވުޑްގައި މިވަނީ ގަދަވެގެން ގޮސްފައިއެވެ.
މިހާރު އޭނާ ފިޔަޖަހުން އަންނަނީ ބޮލީވުޑްގެ 7 އުޑު މަތިންނެވެ. ފިލްމް ގެ ކާމިޔާބީ ގައި އޭނާ ހުރީ އިންތިހާއަށް އުފަލުންނެވެ. ފިލްމް ވަނީ މިދިއަ ދެއަހަރެއްގައި ބޮލީވުޑް އިން ނުމުގުރޭ ރެކޯޑްތަކެއް ވެސް މުގުރަފައިއެވެ.
ބޮކްސް އޮފީހުގައި މިފިލްމް ހޯދި ބޮޑު އާމްދަނީއާއި އެކުގައި މިހާރު ސަނީ އަށް އަންނަނީ ގިނަ ފިލްމް ތަކެއް ކުޅުމުގެ ފުރުސަތު ލިބެމުންނެވެ. އެގޮތުން 66 އަހަރުގެ އެކްޓަރުގެ ކުރީގެ ކާމިޔާބު ފިލްމުތަކެއްގެ ދެވަނަ ބައި ހަދަން އުޅޭ ވާހަކަ ވެސް މިހާރަކަށް އައިސް އަންނަނީ ދެކެވެމުންނެވެ.
އޭގެ ތެރޭގައި 1997 ގެ "ބޯޑާ" އާއި 2002 ގެ ފިލްމު "މާ ތުޖޭ ސަލާމް" ގެ އިތުރުން 2003 ގެ "ހީރޯ: ލަވް ސްޓޯރީ އޮފް އަ ސްޕައި" ގެ ދެވަނަ ބައިގެ ވާހަކަ ހިމެނެ އެވެ. މި ފިލްމުތަކުގެ ތެރެއިން "ހީރޯ" އަކީ "ގަދަރު" ގެ ދެ ފިލްމު ވެސް ހެދި ޑައިރެކްޓަރު އަނިލް ޝަރުމާ ހެދި ފިލްމެކެވެ.
ސަނީ އަށް މިހާރު އޮފާތައް ލިބެމުން އަންނަ ޑައިރެކްޓަރުންގެ ތެރޭގައި "ބޯޑާ" ގެ ޑައިރެކްޓަރު ޖޭޕީ ދައްތާ އާއި ސަނީގެ ކެރިއަރުގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ދާމިނީ" އާއި "ގާޔަލް" އަދި "ގަތަކު" ގެ ޑައިރެކްޓަރު ރާޖްޖުމާރު ސަންތޯޝީ ހިމެނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޑައިރެކްޓަރު ރޯހިތު ޝެޓީގެ އިތުރުން ސަނީގެ 1993 ގެ ފިލްމު "ޑަރު" އުފެއްދި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ވެސް ހުށަހެޅުންތަކެއް ލިބިފައިވެ އެވެ.
ކޮމެންޓު ފޮނުވާ