ދެވަނަ ބުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ތާއީދު ކޮށް ދެއްވުމަށް އެދި ވަޑައި ނުގަންނަވާ ކަމަށާއި، މިހާރުވެސް ތާއީދު ކުރައްވަނީ ޑިމޮކްރެޓަސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރިިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކުރިން މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ރައީސް ވަނީ ނޫސްވެރިންނާއި ވާހަކަ ދައްވައި ރައީސް ނަޝީދުގެ ތާއީދަށް އެދިވަޑައިގެން ކަމަށް ވިދާޅުވެފައެވެ. ރައީސް ނަޝީދު އޭގައި ވިދާޅުވެފައިވަނީ އެޕާޓީން ނިންމާފައި ވާގޮތަށް އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަތަކަށްފަހު މިއަދު މަޖިލީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާ މެދު އެމަނިކުފާނުގެ ޕާޓީން ގޮތެއް ނިންމާފައިވާ ކަމަށެވެ. އެއީ އެމަނިކުފާނު ވިދާޅުވި ގޮތުގައި ދެވަނަ ބުރުގައި ވަކި ކެންޑިޑޭޓަކަށް ތާއީދު ނުކުރުމެވެ. ރައީސް ނަޝީދު ވިދާޅުވީ ރައީސް ޞާލިހު އޭނާގެ ތާއީދު ހޯއްދެވުމަށް އެދުނު ކަމަށް ވިދާޅުވި ނަމަވެސް އެއީއިތުރު ފުޅެއްކަމަށެވެ. ރައީސް ތާއީދަށް ނޭދޭކަމަށް ރައީސް ނަޝީދު ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ތާއީދކުރައްވާނީ ކޮން ބޭފުޅަކަށް ތޯ އެކި ނޫސްވެރިން ތަކުރާރުކޮށް ސުވާލުކުރުމުން ވެސް އެމަނިކުފާނު ވިދާޅުވީ ރިޔާސީ އިންތިހާބުގައި ތާއީދުކުރެއްވީ ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބަށް ކަމަށާއި އަދިވެސް ތާއީދުކުރައްވަނީ އިލްޔާސަށް ކަަމަށެވެ.
އަޅުގަނޑުމެން ޕާޓީން މިވަނީ ގޮތެއް ނިންމާފައި. އަޅުގަނޑު މިދެންނެވިހެން އަޅުގަނޑު ތާއީދުކުރީ އިލްޔާސް ލަބީބަށް. އަދިވެސް އަޅުގަނޑު ތާއީދުކުރަނީ އިލްޔާސް ލަބީބަށް.
– ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު މިއިންތިޚާބުގެ ދެވަނަ ބުރުގައި ވަކި ކެންޑިޑޭޓަކަށް ތާއީދު ނުކުރިނަމަވެސް، ޑިމޮކްރެޓްސްގެ ގިނަ ބޭފުޅުންގެ ތާއީދު ގެންދަނީ އިދިކޮޅު ކެންޑިޑޭޓް ޑރ. މުއިއްޒަށް ދެއްވަމުންނެވެ.
ކޮމެންޓު ފޮނުވާ