ރައީސާއި ބައްދަލު ކުރެއްވުމަށް ރައީސް ނަޝީދު ރައީސް އޮފީހަށް ވަޑައިގެންފި

ރައީސާއި ބައްދަލު ކުރެއްވުމަށް ރައީސް ނަޝީދު ރައީސް އޮފީހަށް ވަޑައިގެންފި

Author
މުޙައްމަދު ޝަޒައިމް
24 ސެޕްޓެމްބަރ 2023 10:11
0

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި ބައްދަލު ކުރެއްވުމަށް ރައީސް ނަޝީދު ރައީސް އޮފީހަށް ވަޑައިގެންފިއެވެ.

ރައީސާއި ނަޝީދު ބައްދަލުކުރައްވަން ވަޑައިގެންފައިވަނީ ކޮން ކަމަކާއި ގުޅިގެން ކަމެއް ސާފެއް ނުވެއެވެ. ބައްދަލުވުމުގައި މިހާރު ދެބޭފުޅުންވެސް މިހާރު ތިއްބެވީ ރައީސް އޮފީހުގައެވެ.

މިބައްދަލުވުމުގެ ތަފްސީލް އަދި ނުލިބުނު ނަމަވެސް، ރައީސް ނަޝީދު އިސްކޮށް ހުންނަވައިގެން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށްޓަކައި ރައްޔިތުންގެ ޚިޔާލް ހޯދުމުގެ ވޯޓު ނެގުމަށް މަޖިލީހުން ގަރާރެއް ފާސްކޮށް އިލެކްޝަންސް ކޮމިޝަނަށް ވަނީ ހުށަހަޅާފައެވެ.

ރައްޔިތުންގެ މަޖިލީހުން ފާސްކުރި ގަރާރަކުން އިލެކްޝަން ކޮމިޝަނަށް އަންގަވާފައި ވަނީ އަންނަ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހުން ކުރިން ނިޒާމީ ވޯޓު ނެގުމަށެވެ. އެ ގަރާރާ ގުޅިގެން އެ ކޮމިޝަނުން ޤާނޫނީ ލަފާ ހޯދުމަށް ފަހު، ވޯޓު ކުރިއަށް ގެންދަން ވަނީ ނިންމަވާފައެވެ. އެކަމަކު އޭގެ ކުރިން ބައެއް ކަންކަން ސާފުކުރުމަށް ކޮމިޝަނުން ވަނީ މަޖިލީހަށް ހުށަހަޅުއްވާފައެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ، މި ވޯޓު ނެގުމަށް އެ ކޮމިޝަނުން ތައްޔާރުކަމަށެވެ. ނަމަވެސް އެކަން ކުރުމަށް ސާފުވާންޖެހޭ ބައެއް ކަންކަން އަދި އެބަހުރިކަމަށެވެ. ހަބީބް ވިދާޅުވީ، ރައްޔިތުންގެ ޚިޔާލު ހޯދަން ވޯޓު ނަގާއިރު އެ ނަގަނީ ކޮން މަޢުޞޫއަކަށްކަން، އަދި ކުރަން ޖެހެނީ ކޮން ސުވާލެއްކަން އެ ކޮމިޝަނަށް ސާފުވާން ޖެހޭ ކަމަށެވެ. ނަމަވެސް، މަޖިލީހުން އެކަން ހިއްސާކޮށްފައި ނެތް ކަމަށް ހަބީބު ވިދާޅުވިއެވެ.

އިލެކްޝަންގެ ޤާނޫނުގެ 32 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓު ނެގުމަކީ ކޮމިޝަންގެ ޒިންމާއެއް ކަމަށާއި އެހެންކަމުން، މިފަދަ ވޯޓެއް ނަގާއިރު ކޮމިޝަނުން އަމަލުކުރާނެ ގޮތްތައް ބަޔާންކުރާ ގަވައިދެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށްވެސް އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.