މިހާތަނަށް ރީ-ރަޖިސްޓްރޭޝަން ލިސްޓަށް ހުށައެޅީ 43 ޝަކުވާއެއް: ހަބީބު

މިހާތަނަށް ރީ-ރަޖިސްޓްރޭޝަން ލިސްޓަށް ހުށައެޅީ 43 ޝަކުވާއެއް: ހަބީބު

Author
އައިޝަތު އަޙްމަދު
23 ސެޕްޓެމްބަރ 2023 11:04
0

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރަށްވެހިވެފައިވާ ތަން ނޫން އެހެން ތަނަކަށް ވޯޓުލުމަށް ރީ-ރަޖިސްޓްރީކުރި ފަރާތްތަކުގެ ލިސްޓަށް މިހާތަނަށް 43 ޝަކުވާއެއް ހުށައަޅާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ރީ-ރަޖިސްޓްރީ ކުރި ފަރާތްތަކުގެ ލިސްޓު ޢާންމުކުރީ ބުރާސްފަތި ދުވަހުގެ ރެއެވެ. އެރޭ 9 އިން ފެށިގެން މިރޭ 9 ޖެހުމާއި ހަމައަށް ޝަކުވާއަށް ވަނީ ހުޅުވާލާފައެވެ. އެގޮތުން މިރޭ 9ގެ ފަހުން ޝަކުވާ ހުށައެޅުމުގެ ފުރުޞަތު ބަންދުވާނެއެވެ. އެއަށްފަހު ފައިނަލް ލިސްޓް ޢާންމުކޮށް ކެންޑިޑޭޓުންގެ ފަރާތުން ވޯޓާސް ލިސްޓުގައި ސޮއިކުރަން ފަށާނެކަމަށް އީސީގެ ނާއިބު ރައީސް އިސްމާޢީލް ހަބީބު ވިދާޅުވިއެވެ.

ހަބީބު ވިދާޅުވީ ރީ ރަޖިސްޓްރީ ކުރި މީހުންގެ ޢަދަދާއި ގުޅޭގޮތުން ބައެއް ފަރާތްތަކުން ޝަކުވާ ހުށައެޅިނަމަވެސް، ހުށައެޅޭ ޝަކުވާތަކަށް ބަލާއިރު މާބޮޑު މައްސަލައެއް ހުރިކަމަށް ފާހަގަ ނުވާކަމަށެވެ. އެގޮތުން މިހާތަނަށް ހުށައެޅީ 43 ޝަކުވާއެއްކަން ހަބީބު ފާހަގަކުރެއްވިއެވެ.

ރިޔާސި އިންތިޚާބުގެ ދެވަނަ ބުރަށް ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލީ މިމަހުގެ 15 އިން 17އަށެވެ. މި މުއްދަތުގައި 50047 ފޯމު ރީ-ރަޖިސްޓްރޭޝަނަށް ހުށައެޅިއެވެ. އެއީ އޮންލައިންކޮށް 26011، ފޯމުން 24036އެވެ. އޭގެތެރެއިން ސައްހަވީ އޮންލައިން 20902އާއި ފޯމުން ހުށައެޅި 17861 ހުށައެޅުމެވެ.

އީސީގެ ނާއިބު ރައީސް އިސްމާޢީލް ހަބީބު ވިދާޅުވީ އެކޮމިޝަނުން ޞައްޙަކަމަށް ކަނޑައެޅީ، ޖުމްލަ 38763 ފޯމުކަމަށެވެ. ސައްހަކަން ކަށަވަރު ނުވީ، އޮންލައިންކޮށް ހުށައެޅި 5109 ހުށައެޅުމާއި، މެނުއަލް ފޯމުން ހުށައެޅި 6175 ފޯމު ހިމެނޭހެން ޖުމްލަ 11284 ފޯމުކަމަށެވެ.  އޮންލައިންކޮށް ސައްހަކަން ކަށަވަރު ނުވި ހުަށަހެޅުންތަކުގެ ތެރޭގައި ހިމެނެނީ، ފޮޓޯ އިން މީހާ ކަށަވަރު ނުވުމާއި، މުއްދަތު ހަމަވެފައިވާ ޑޮކިއުމަންޓް ހުށަހެޅުމާއި، ދެ ނިޒާމުން ތަކުރާރުކޮށް ހުށަހެޅުންކަމަށް ހަބީބު ވިދާޅުވިއެވެ.

ފޯމުގެ ސައްހަކަން ކަށަވަރު ނުވި ސަބަބުތަކުގެ ތެރޭގައި ހިމެނެނީ، ފިންގަރޕްރިންޓް ނެތުމާއި، ހެކިންގެ މައުލޫމާތު ދިމާ ނުވުމާއި، ގުޅާނެ ފޯނު ނަންބަރެއް ނެތުމާއި، މުއްދަތު ހަމަވެފައިވާ ޑޮކިއުމަންޓް ހުށަހެޅުމާއި، ދެ ނިޒާމުން ތަކުރާރުކޮށް ފޯމު ހުށަހެޅުންކަަމަށްވެސް ހަބީބު ވިދާޅުވިއެވެ. ސައްހަކަން ކަށަވަރު ނުވި ހުށަހެޅުންތަކަށް ވެސް، ސައްހަކަން ކަށަވަރު ކުރުމަށް ކޮމިޝަނުން ކޮށްދެވެން އޮތް ހުރިހާ ފުރުސަތެއް ފަހިކޮށްދިންކަމަށްވެސް ހަބީބު ވިދާޅުވިއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.