ގއ. މާމެންދޫގައި ހަރަކާތްތެރިވާ ދަ ޑިމޮކްރެޓްސް އަށް ތާއީދުކުރާ މީހުން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުއިއްޒު ރައީސް ކަމަށް އިންތިޚާބު ކުރުމަށް ބައިއަތު ހިފައިފިއެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޑިމޮކްރޭޓްސް އިން ވަނީ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ނިންމާފައެވެ. ނަމަވެސް އެޕާޓީގެ އެންމެ ފަހުން ބޭއްވި ކައުންސިލް މެމްބަރުންގެ ސާފު މެޖޮރިޓީ އޮތީ ރައީސް ޞާލިހުގެ ވެރިކަން ބަދަލު ކުރުމަށެވެ. އަދި އެބައްދަލުވުމުގައި ވާހަކަ ދެއްކެވި ހުރިހާ މެމްބަރުންވެސް ވަނީ މިވެރިންކަން ބަދަލު ކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނެ ކަމަށް ބުނެފައެވެ.
މާމެންދޫ ޑިމޮކްރެޓްސް އިން ޑރ. މުއިއްޒު ރައީސް ކަމަށް ގެނައުމަށް ތާއީދުކޮށް މިއަދު ހަވީރު ވަނީ ޑިމޮކްރެޓްސްގެ ޖަގަހާފައި 4 ނަންބަރުގެ މޮނިއުމަންޓެއްވެސް ހަރުކޮށްފައެވެ. އަދި އެރަށުގެ ޑިމޮކްރެޓްސްގެ މެމްބަރުން ޑރ. މުއިއްޒަށް ބައިއަތު ހިފައި ކެމްޕޭނާއި ރަސްމީކޮށް ގުޅުން މިރޭ ވަނީ ފާހަގަކޮށްފައެވެ. މިއާއިއެކު މާމެންދޫގެ ބޮޑު މެޖޯރިޓީއެއް ޑރ. މުއިއްޒަށް ލިބިގެންދާނެކަމަށް ބެލެވެއެވެ.
https://x.com/HusenSobe/status/1704905129651245146?s=20
މާމެންދޫގެ އިތުރުން ރާއްޖޭގެ ގިނަ ރަށްތަކެއްގައި ޑިމޮކްރެޓްސްއަށް ތާއީދު ކުރާ ގިނަ މެމްބަރުން ދަނީ ޑރ. މުއިއްޒަށް ބައިތު ހިފައިން މިވެރިކަން ބަދަލު ކުރުމަށް މަސައްކަތް ފަށާފައެވެ. ރައީސް ޞާލިހަށް ދެވަނަ ދައުރެއް ދިނުމަކީ ޑިމޮކްރެޓުން ތާއީދު ކުރާނެ ކަމެއް ނުންކަމަށް އެޕާޓީގެ އިސް ބޭފުޅުން މީގެ ކުރިންވެސް ތަކުރާރުކޮށް ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ