މި މަހުގެ 30 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވަން ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމްގެ ސްޕެޝަލް އެންވޯއީ އިލްހާމް އަހުމަދު ނިންމަވައި އެކަން އިއުލާން ކުރައްވައިފިއެވެ.
ރައީސް ސޯލިހްއާ އެކީގައި ހުންނެވި ފޮޓޯއަކާ އެކީގައި އިލްހާމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގައުމު މިއަދު މިއޮތް ހާލަތަށް ބަލައި، އަނިޔާވެރިކަމާއި ބަދަލު ހިފުމުގެ ރޫހު މާޒީން ފެނިފައިވާތީ އަދި ބަދަލު ހިފުމުގެ ގޮތުން ކަންކަން ކުރާނެ ކަމަށް މިހާރު ވެސް ބުނަމުންދާތީ އެފަދަ ބަޔަކު ވެރިކަމަށް އައިސްފި ނަމަ، ނުކުންނާނެ ނަތީޖާއާ މެދުގައި ވިސްނަވާފައިވާ ކަމަށެވެ.
بِسۡمِ اللّٰہِ الرَّحۡمٰنِ الرَّحِیۡمِِ
ޤައުމު މިއަދު މިއޮތް ހާލަތަށް ބަލައި، އަނިޔާވެރިކަމާއި ބަދަލުހިފުމުގެ ރޫހު މާޒީން ފެނިފައިވާތީ، އަދި ބަދަލު ހިފުމުގެ ގޮތުން ކަންކަން ކުރާނެކަމަށް މިހާރުވެސް ބުނަމުންދާތީ، އެފަދަ ބަޔަކު ވެރިކަމަށް އައިސްފިނަމަ ނުކުންނާނެ ނަތީޖާއާމެދު… pic.twitter.com/JTpZCLi6P9
— Ilham Ahmed (@ilhammaldives) September 21, 2023
އަދި ސިޔާސީ ބޭފުޅުންނާއި އަދި އެހެނިހެން ފަރާތްތަކާ މަޝްވަރާ ކުރުމަށް ފަހު، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް މިވަގުތު އިންތިހާބު ކުރަން އެންމެ އެކަށޭނެ ގާބިލް ބޭފުޅަކީ މިހާރުގެ ރައީސް ސޯލިހް ކަމަށް ވެސް އިލްހާމް ވިދާޅުވިއެވެ.
"ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރަން އަޅުގަނޑު ނިންމައިފިން." އިލްހާމް ވިދާޅުވިއެވެ.
އިލްހާމް ވިދާޅުވީ ފާއިތުވެމިދާ ރިޔާސީ ދައުރުގައި ރައީސް ސޯލިހް ވަނީ ގައުމު ހަލަބޮލި ނުކޮށް، ސުލްހަވެރިކަމާ އެކީގައި ވެރިކަން ކުރެއްވޭނެ ކަން ސާބިތުކޮށް ދެއްވާފައި ކަމަށެވެ. އަދި ވާދަވެރި ސިޔާސީ ހަރަކާތްތައް ހިންގަން ފުރުސަތު ދެއްވައިގެން ރައީސް ސޯލިހް ވެރިކަން ކުރެއްވިދާނެ ކަން ދައްކަވާފައިވާ ކަމަށް އިލްހާމް ވިދާޅުވިއެވެ.
"ﷲ ގެ ތަނަވަސް ރަހްމަތްފުޅުން މި ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް،" މި މަހުގެ 9 ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ގާސިމް އާ އެކީގައި ގިނަ މަސައްކަތްތަކެއް ކުރެއްވި އިލްހާމް ވިދާޅުވިއެވެ.