އޮކްޓޯބަރު 30 ވަނަ ދުވަހުގެ ކުރިން ވެރިކަން ކުރުމުގެ ނިޒާމާ ގުޅޭ ގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ ގަރާރަށްް އިލެކްޝަންސް ކޮމިޝަނުން މަޝްވަރާ ކުރަން ފަށައިފިއެވެ.
ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދަން ސީދާ ރައްޔިތުންގެ މަޖިލީހުން އިލެކްޝަންސް ކޮމިޝަނަށް އަންގާ ގޮތަށް ނިޒާމީ ވޯޓުގެ ގަރާރު މަޖިލީހުން ފާސްކުރީ އިއްޔެއެވެ. އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް މަޖިލީހުން ފާސްކުރި ގަރާރު އެ ކޮމިޝަނަށް މިއަދު ލިބިފައިވާ ކަމަށެވެ.
މިކަމާމެދު، ކޮމިޝަނުން އަމަލު ކުރާނޭ ގޮތުގެ ގާނޫނީ ލަފާ މިހާރު މިދަނީ ހޯދަމުން.
– އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ.
ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހެޅުއްވި ގަރާރު ދިރާސާކޮށް މުޅި މަޖިލީހުގެ ކޮމިޓީން އެކުލަވާލި ރިޕޯޓް ފާސްކުރީ 35 މެންބަރުންގެ ވޯޓުންނެވެ. ގަރާރު ފާސްކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ. މަޖިލީހުގެ 35 މެންބަރުން ބައިވެރިވެގެން ގަރާރު ފާސްކުރިއިރު މަޖިލީހުގައި 87 މެންބަރުން ތިއްބަވައެވެ.
ގަރާރުގެ މަސައްކަތް މަޖިލީހުގައި ފެށީ، މަޖިލީހުގެ މެންބަރުން ތަމްސީލްކުރާ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ މަޝްވަރާކޮށް، އެ ހުރިހާ ޕާޓީއެއްގެ ރުހުން އެ ކަމުގައި ހޯދުމަށް ފަހުގައެވެ. އިލްޔާސް ގަރާރު ހުށަހެޅުއްވި އިރު ވޯޓު ނެގުމަށް ހިމަނާފައިވާ ތާރީހަކީ ނޮވެމްބަރު 30، ގެ ކުރިންނެވެ. އެ ތާރީހު އޮކްޓޯބަރު 30، ގެ ކުރިއަށް ގަރާރު އިސްލާހުކުރީ ކޮމިޓީ މަރުހަލާގައި އިލްޔާސް ހުށަހަޅުއްވައި، ކޮމިޓީން އެ ގޮތަށް ފާސްކުރުމަށް ފަހުއެވެ.
ނިޒާމީ ވޯޓެއް ނަގަން ޖެހިއްޖެނަމަ، އެފަދަ ވޯޓެއް ނެގުމަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައިވާ ހަމަތަކަށް ރިއާޔަތްކުރާއިރު މަދުވެގެން 30 ދުވަހާއި 45 ދުވަހާ ދެމެދުގެ މުއްދަތެއް އެ އިންތިހާބު ބޭއްވުމަށް ބޭނުންވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ވަނީ ބުނެފަ އެވެ.