މި މަހުގެ 9 ގައި ބޭއްވި ރިޔާސީ އިންތިހާބުގައި ވާދަކުރައްވައި ނާކާމިޔާބީ އާ ކުރިމަތިވެވަޑައިގެންނެވި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ނިންމަވާގޮތެއް މިރޭ އިއުލާންކުރައްވާނެ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި އުމަރު ނަސީރު ދިޔައީ ތިން ވަނައަށެވެ. އުމަރު ނަސީރަށް 6،343 ވޯޓު ލިބިވަޑައިގެންނެވިއެވެ.
އުމަރު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާ ގުޅޭ ގޮތުން އޭނާ އާއި އޭނާގެ "ނިއު ޑައިރެކްޝަން" ޓީމުން ނިންމާ ނިންމުން މިރޭ 9:30 ގައި އިއުލާން ކުރައްވާނެ ކަމަށެވެ. އަދި އެކަން ފޭސްބުކާއި ޓިކްޓޮކުން ލައިވް ކުރައްވާނެ ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.
އުމަރު ވަނީ ފެހި ގާނޫނުއަސާސީގެ ދަށުން 2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ވާދަކުރައްވައިފައެވެ. އެ ފަހަރު އޭނާ ދިޔައީ އެންމެ ފުލަށެވެ. އެ ނަތީޖާއަށް ފަހުގައި ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓެއްގެ ފަހަތަށް ނޭރުއްވުމަށް އުމަރު ވަނީ ނިންމަވައިފައެވެ.
އޭގެ ފަހުން، 2013 ގެ ރިޔާސީ އިންތިހާބުގައި އުމަރު ނަސީރަށް ކުރިމަތިނުލެއްވުނީ ޕީޕީއެމް ޕްރައިމަރީގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ވާދަކުރައްވައި ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވުމުންނެވެ. އަދި 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި އުމަރު ވާދަކުރައްވާފައެއް ނުވެއެވެ.
އެންމެ ގިނަ ވޯޓާ އެކު، މި މަހުގެ ފަހުކޮޅު ބާއްވާ ދެ ވަނަ ބުރުގެ ވޯޓުގައި ވާދަކުރައްވަނީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދެވީ މުއިއްޒެވެ. އޭނާ އަށް ލިބިވަޑައިގަތީ 101،635 ވޯޓެވެ. ރައީސް ސޯލިހަށް 86،161 ވޯޓެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި އަށް ކެންޑިޑޭޓުންގެ ތެރެއިން ގިނަ ކެންޑިޑޭޓުން މިހާތަނަށް އައިއިރު ވަކިކޮޅެއް ނަންގަވާފައެއް ނުވެއެވެ.