ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފި

ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފި

Author
މުޙައްމަދު ޝަޒައިމް
19 ސެޕްޓެމްބަރ 2023 01:31
0

ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ އަންނަ މަހުން ފެށިގެން ބޮޑުކުރަން ސަރުކާރުން މިއަދު ނިންމައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު ވިދާޅުވީ ސަރުކާރުގެ ވުޒާރާތަކުގައި 35 ޕަސަންޓް އެލަވަންސް ނުލިބި ތިބި ހުރިހާ މުހައްޒަފުންނަށް މިއަހަރުގެ މޭ ފުރަތަމަ ދުވަހުން ފެށިގެން އެ އެލަވަންސް ހަމަޖެހިގެން ދިޔައިރު މީގެ ތެރޭގައި ލޯކަލް ކައުންސިލުތަކުގެ މުވައްޒަފުން ނުހިމެނޭ ކަމަށެވެ.

މިކަމުގައި ކައުންސިލުތަކުގެ މުވައްޒަފުންގެ ހުރި ކަންބޮޑުވުންތައް ހައްލުކޮށް، ކައުންސިލުތަކުގެ މުވައްޒަފުންނަށްވެސް އޮކްޓޫބަރު ފުރަތަމަ ދުވަހުން ފެށިގެން މި 35 ޕަސަންޓް އެލަވަންސް ލިބޭނެ ގޮތަށް ހަމަޖެއްސެވުމަށް ރައީސް ނިންމަވާފައިވާ ކަމަށް މިއުވާން ވިދާޅުވިއެވެ.

މިއުވާން ވިދާޅުވި ގޮތުގައި ރައީސް މި ނިންމެވުން ނިންމަވާފައިވަނީ ސަރުކާރުގެ ވުޒާރާތަކުގައި ތިބި މުވައްޒަފުންނަށް 35 ޕަސަންޓް އެލަވަންސް ހަމަޖެހިގެންދިޔައިރު ލޯކަލް ކައުންސިލްގެ މުވައްޒަފުން ހިމެނިފައި ނުވާތީ މިކަމުގެ ސަބަބުން ކައުންސިލްތަކުގެ މުވައްޒަފުންގެ މެދުގައި ހުރި ހިތްހަމަނުޖެހުންތަކާއި އެ މުވައްޒަފުންގެ ފަރާތުން ލިބިފައިވާ ޝަކުވާތަކަށް ރިއާޔަތްކުރުމާއެކު އެވެ.

މި އެލަވަންސް ނުލިބުމަކީ ލާމަރުކަޒީ ގޮތުން ރައްޔިތުންނާ އެންމެ ގާތުން ހިދުމަތް ފޯރުކޮށްދިނުމަށް އެ މުވައްޒަފުން ކުރަމުންދާ މަސައްކަތްތަކަށް އެޅޭ ބޮޑު ހުރަހެއް ކަމަށްވެފައި ކައުންސިލްތަކުގެ މުވައްޒަފުންނަށްވެސް މި އެލަވަންސް ލިބޭނެ ގޮތް ހަމަޖެއްސުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ރައީސަށް ގަބޫލުފުޅުކުރެއްވޭތީ ކަމަށްވެސް މިއުވާން ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.