ސަރުކާރުގެ ކުންފުނިތައް އިވެލުއޭޓްކޮށް މޮނިޓަރކުރުމުގެ ޒިންމާ އަދާކުރާ ޕްރައިވެޓައިޒޭޓަން އެންޑް ކޯޕަރައިޓައިޝަން ބޯޑު (ޕީސީބީ)ގެ ތިން މެންބަރެއްގެ ދައުރު ހަމަވެ މަޤާމުން ވަކިވެއްޖެއެވެ.
ދައުރު ހަމަވީ އެބޯޑުގެ ރައީސް އާސިމް މުޙައްމަދާއި، މެންބަރު އަލީ ޝަފީއު އާއި މެންބަރު ރުޝާހާ އަހުމަދު ޝަރީފްއެވެ. އެ ތިން މެންބަރުންގެ ދައުރުވެސް ހަމަވީ މިމަހުގެ 16 ވަނަ ދުވަހުއެވެ.
ހަތް މެންބަރުން ތިއްބަވާ ޕީސީބީގެ މެންބަރުންގެ ދައުރަކީ ހަތަރު އަހަރެވެ. ދައުރު ހަމަވި އެ ތިން މެންބަރުން ޕީސީބީގެ ބޯޑަށް އައްޔަންކުރީ 17 ސެޕްޓެމްބަރު 2019ގައެވެ. އާސިމް ފުރަތަމަ އައްޔަންކުރީ އެ ބޯޑުގެ ނައިބު ރައީސްގެ މަގާމަށެވެ. އަދި ރައީސްގެ މަގާމަށް އޭނާ އައްޔަންކުރައްވާފައިވަނީ 13 ޑިސެމްބަރު 2021ގައެވެ،
ޕީސީބީން ބުނީ އެ ބޯޑަށް ރައީސަކު އައްޔަންކުރެވެންދެން އެބޯޑުގެ ރައީސްގެ މަސްޢޫލިއްޔަތު އަދާކުރާނީ ނާއިބު ރައީސް މުހައްމަދު ފިރާޝްއެވެ.
ޕީސީބީއަށް މެންބަރުން އައްޔަންކުރުމާއި ވަކިކުރުމުގެ ބާރު ޤާނޫނުން މަތިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. އަދި މަޖިލީހުން ރުހުން ހޯއްދަވަން ޖެހެއެވެ.
ކޮމެންޓު ފޮނުވާ