އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ނުރައްކާތެރި ބޮމުގެ ހަމަލާއަށް އިންސާފު ހޯދާ ދޭނީ ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި ކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މެއި 6، 2021 ވަނަ ދުވަހު ނަޝީދަށް އަމާޒުކޮށް މާލޭގައި ދިން ބޮމުގެ ހަމަލާގައި ނަޝީދަށް ސީރިއަސް އަނިޔާތަކެއް ލިބިވަޑައިގެންފައިވެއެވެ. އެމަނިކުފާނަށް ފަރުވާ ދިނުމަށް އެންމެ ފުރަތަމަ ގެންދިޔައީ އޭޑީކޭ ހޮސްޕިޓަލަށެވެ. އެ ހޮސްޕިޓަލްގައި ނަޝީދު ވަނީ އޮޕަރޭޝަނެއް ވެސް ކުރައްވައިފައެވެ.
އޭޑީކޭގައި ފަރުވާ ހޯއްދެވުމަށް ފަހު، ނަޝީދު އިތުރު ފަރުވާ ހޯއްދެވުމަށް ވަޑައިގަތީ އާއިލާއާ އެކުގައި ޖަރުމަނަށެވެ. ޖަރުމަނުގައި ހުންނަ މިލިޓަރީ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދެވުމަށް ފަހު، އިނގިރޭސި ވިލާތަށް ވަޑައިގެން އެ ގައުމުގައި ވެސް އެމަނިކުފާނު ފަރުވާ ހޯއްދެވިއެވެ. ރައީސް ނަޝީދު އެނބުރި ރާއްޖެ ވަޑައިގެންފައި ވަނީ އޮކްޓޯބަރު 2021 ގައެވެ.
މިރޭ އާރޓްފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ މިސަރުކާރުން މީހަކަށް އިންސާފު ލިބޭނެނަމަ ލިބޭނެ މީހަކީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކަމަށެވެ. އެމަނިކުފާނަކީ އެމްޑީޕީގެ ރައީސަށް ވެފައި ކުރިން ރައީސް ޞާލިހުގެ އެންމެ ގާތް އެއްބޭފުޅާއަށް ވާއިރު ރައީސް ނަޝީދަށް މަޖީދީ މަގު މެދުގައި ބޮމެއް ގޮއްވާލައިގެން މަރާލަން އުޅުނު ހަމަލާ އޮއްބާލައި އިންސާފާއި ހަމައަށް ވާސިލްނުވުމަކީ މިއަދު އެތައްހާސް ރައްޔިތުންގެ އޮތް ސުވާލެއް ކަމަށެވެ.
މިކަމަށް އިންސާފު ނުލިބި ވެރިކަން ނިމިގެންދާއިރު، ރައީސް ނަޝީދާއި އެމަނިކުފާނުގެ ސަޕޯޓަރުން ވަނީ މާޔޫސް ކޮށްލާފައިކަމަށް ޝިޔާމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރައީސް ނަޝީދަށް އިންސާފު ގާއިމްކޮށް ދެއްވާނީ ޕީޕީއެމް/ޕީއެންސީގެ ސަރުކާރެއްގައި ކަމަށެވެ. އަދި އެއްވެސް ރައްޔިތަކަށް ބޭއިންސާފުން ކަމެއް ކޮށްފައިވާނަމަ އެކަމެއް ބަލައި އިންސާފު ގާއިމް ކޮށްދެއްވާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫންކަމަށް ޝިޔާމް ވިދާޅުވިއެވެ.
ނަޝީދަށް ދިން ބޮމުގެ ހަމަލައާ ގުޅިގެން ނުވަ މީހަކު ހައްޔަރު ކުރިއިރު މިހާތަނަށް ޝަރީއަތް ނިމި، ކުށް ސާބިތުވެ ޖަލަށްލީ އެންމެ މީހެއްގެއެވެ. ބާކީ ތިބި އަށް މީހުންގެ ޝަރީއަތްތައް އޮތީ އެކި ސަބަބުތަކާހުރެ މަޑުޖެހިފައެވެ.
ކޮމެންޓު ފޮނުވާ