ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ރާއްޖޭގެ ކުޑަރަށެއް ބޮޑު ރަށެއް ނުބަލައި ތަރައްޤީ ކޮށްދޭން ކެމަަށް ވިދާޅުވި ނަމަވެސް، ކޮށްފައިވަނީ އެއްވެސް ރަށެއް ތަފާތެއް ނުކޮށް ވައްކަން ކަމުގައި ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
އާރޓްފިޝަލް ބީޗުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ މި ކެމްޕޭންގައި ރާއްޖޭގެ ކުޑަ ރަށްރަށަށްވެސް ބޮޑެތި ރަށްތަކަށްވެސް ދެވުނު ކަމަށެވެ. ހުރިހާ ރަށަކުން ފެނިގެންދިޔައީ ތަރައްޤީގެ މަސައްކަތް ނުނިމި ހުއްޓިފައިވާތަން ކަމަށެވެ. ގިނަ މަސައްކަތް ކުރީ އަންނަނީ އަންނަނީއެއްގައި ކަމަށް ޝިޔާމް ވިދާޅުވިއެވެ. މިސަރުކާރުން ކޮންމެ ރަށެއްގައިވެސް ތަފާތެއް ނުކޮށް ކުރި ކަމަކީ ވައްކަން ކަމުގައި ޝިޔާމް ވިދާޅުވިއެވެ.
އެއްވެސް ރަށެއްގައި ޕްރޖެކްޓެއް ނުނިމޭ. ކުރީ ވައްކަން. ކޮންމެ ރަށެއްގައި ކަމެއް ކުރާނަމަ އެކުރާ އަގުގެ ޑަބަލް އަގުގައި ރައްޓިއްސަކާއި ހަވާލުކޮށްގެން ކުރީ ވައްކަން. މިޝަކުވާތައް އަޑުއިވިވި، މިޝަވާތައް ބޮޑުވެ ރައްޔިތުން މިސަރުކާރު ދެކެ ފޫހިވީ. ރައްޔިތުން މިސަރުކާރަށް 38 ޕަސެންޓް ދިނީ މިހެންވެ.
– ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ މިސަރުކާރުން ކިތަންމެ ވަރަކަށް ދޮގު ހަދައި އޮޅުވާލަން އުޅުނު ނަމަވެސް ރާއްޖޭގެ މިނިވަންކަން ގެއްލުވާލުމަށް މަސައްކަތް ނުކުރާކަމަށް ނުވާނެކަމަށެވެ. އިންޑިޔާގެ ސިފައިން މިފަސްގަނޑުގައި ތިބިކަމަށާއި، ރާއްޖޭގެ މިނިވަންކަމަށް އިންތިހާއަށް ނުރައްކާ އޮތްކަމަށް ވާހަކަ ދެއްކެވި އެއްބޭފުޅަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް ކަމަށް ޝިޔާމް ވިދާޅުވިއެވެ. ޚުދު އެމަނިކުފާނުގެ ލޯ ކުރިމަތީގައި އިންޑިއާ ސިފައިން އުޅުނުތަން ފެނި މިނިވަންކަން އޮތް މިންވަރާއިމެދު އެމަނިކުފާނު ދެއްކެވި ވާހަތަކަކީ މިއަދުވެސް ގައިން ހީބިހި ނަގާ އަދި ނުރައްކާ އޮތް ހާލަތު ވަޒަންވާ ވާހަކަތަކެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ހަމަ މިއާއިއެކު މިސަރުކާރުން އިންސާފުގެ ވާހަކަ ދައްކާއިރު، އަމިއްލަ ޕާޓީގެ ރައީސަށް މަޖިދީ މަގުގައި ބޮމެއް ގޮއްވާލައިގެން ދިން ހަމަލާއަށް އަދާއި ހަމައަށްވެސް އިންސާފު ލިބިފައި ނުވާއިރު މިކަމަށްވެސް އަދި ރާއްޖޭގެ އެންމެހާ ރައްޔިތުންނަށްވެސް އިންސާފު ހޯދައި ދޭނީ ޕީޕީއެމް/ޕީއެންސީގެ ސަރުކާރެއްގައިކަމަށް ޝިޔާމް ވިދާޅުވިއެވެ.