ސަރުކާރުން ކޯލިޝަން ހެދުމަށްޓަކައި ގެންގުޅެނީ ކައިރި ޤައުމެއްގެ ސަފީރެއް: ޓޮމް

ސަރުކާރުން ކޯލިޝަން ހެދުމަށްޓަކައި ގެންގުޅެނީ ކައިރި ޤައުމެއްގެ ސަފީރެއް: ޓޮމް

Author
މުޙައްމަދު ޝަޒައިމް
14 ސެޕްޓެމްބަރ 2023 07:37
0

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޕާޓީތަކާއި ކޯލިޝަން ހެދުމަށް ކުރަމުންދާ މަސައްކަތް ތަކުގެ ތެރެއިން ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީން ކޯލިޝަން ހެދުމަށްޓަކައި މެދުވެރިއެއްގެ ދައުރު އަދާކުރަމުންދަނީ އަވަށްޓެރި ޤައުމެއްގެ ސަފީރެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ދެވަނަ ބުރުގެ ކެމްޕޭންގައި އދ. މަންދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއިއެކު ބޭއްވި ބައްދަލުވުމުގައެވެ. ޓޮމް ވިދާޅުވީ އިންތިޚާބުގެ ދެވަނަ ބުރުގައި ޕާޓީތަކާއި ކުރަމުންދާ މަޝްވަރާތަކުގައި ޕީޕީއެމް/ޕީއެންސީން ޢަމަލު ކުރަމުންދަނީ ޕާޓީތެރެއިން ޓީމެއް ނަގައިގެން އެމަސައްކަތް ކުރުންކަމަށެވެ.

ނަމަވެސް ވާދަވެރި އެމްޑީޕީން ފެނިގެންދަނީ މިސަރުކާރު ދިފާއުކޮށް ސަރުކާރު ބޭއްވުމަށްޓަކައި އަވަށްޓެރި ޤައުމެއްގެ ސަފީރަކު މެދުވެރިކޮށް ކޯލިޝަން ހެދުމުގެ މަސައްކަތް ކުރާތަން ކަމަށެވެ. އޭނާ ވިދާޅުވީ މިކަމުން ދިވެހިންގެ މިނިވަންކަމާއި އިސްތިގުލާލު އޮތް ހިސާބެއް ސާފުވާކަމަށެވެ.

އަވަށްޓެރި ޤައުމެއްގެ ސަފީރަކު ލައްވާ ރައީސުލްޖުމްހޫރިއްޔާ ކޯލިޝަން ހެދުމަށް ކުރާ މަސައްކަތުން މިޤައުމުގެ މިނިވަންކަން އޮތް ހިސާބާއިމެދު ސުވާލު އުފެދޭ. އަޅުގަނޑުމެން މިދަނީ އަޅުގަނޑުމެންގެ ތެރެއިން ޓީމުތައް ހަދައިގެން މަޝްވަރާތައް ކުރަމުން. މިސަބަބު ތަކަށްޓަކައި 30 ވަނަ ދުވަހު މިވެރިކަން ނިންމުމަށް ރައްޔިތުން ވޯޓު ދެއްވަންވީ.

– ޓޮމް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް މިހާތަނަށް ކޯލިޝަން ހެދި ހަމައެކަނި ޕާޓީއަކީ އެމްއެންޕީއެވެ. އެޕާޓީން ކޯލިޝަން ހަދާފައިވަނީ ޕީޕީއެމް/ޕީއެންސީއާއިއެވެ. އެނޫން ޕާޓީތަކާއި ކޯލިޝަން ހެދުމުގެ މަޝްވަރާތައް، އެމްޑީޕީއާއި ޕީޕީއެމްއިންވެސް ދަނީ ކުރަމުންނެވެ. އެގޮތުން ރައީސް ޞާލިހު އިއްޔެ މެންދުރު ކޯލިޝަން މަޝްވަރާތަކަށް ޤާސިމްގެ އަރިހަށް ސަން އައިލެންޑަށް ވަޑައިގެންނެވި ގޮތަށް އަދިވެސް ހުންނެވީ ސަން އައިލެންޑުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.