ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒުގެ ނަމުގައި ދައުރުކުރަމުންދާ ބަޔާނަކީ އަސްލެއް ނެތް ހަގީގަތާއި ޚިލާފް ބަޔާނެއް ކަމަށް ޕީޕީއެމް/ޕީއެންސީން ބުނިފިއެވެ.
ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒުގެ ނަމުގައި ދައުރުކުރަމުންދާ ބަޔާނަކީ އެކޯލިޝަނުން ނެރެފައިވާ ބަޔާނެއް ނޫން ކަމަށާއި އެއީ ބަޔަކު މީހުން ހަދާފައިވާ އެއްޗެއް ކަމުގައި އެކޯލިޝަނުން ވަނީ ބުނެފައެވެ. އެއީ ރިޔާސީ އިންތިޚާބުން ބަލިވާނެކަން ކަށަވަރުވުމުން ރައްޔިތުންގެ ހިތްތަކުގައި ޚާއްސަކޮށް އެ ކޯލިޝަނަށް ތާއީދުކުރާ މީހުންގެ ހިތްތަކުގައި ޝައްކު އުފައްދާ އޮޅުވާލުމަށް ހިންގާފައިވާ ވަރަށް ނާތަހުޒީބު ފިނޑި ޢަމަލެއްކަމަށް ޕީޕީއެމްއިން ބުނެއެވެ.
ޕީޕީއެމް ޕީއެންސީގެ ވެރިކަމެއްގައި އެންމެ ފުރަތަމަވެސް ޑރ. މުޙައްމަދު މުޢިއްޒު ކުރައްވާނެ ކަމަކީ ޤާނޫނީ ހަމަތަކުގެ މަތިން ރައީސް ޔާމީން މިނިވަންކުރުން. އެހެންކަމުން މި ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޢިއްޒުގެ އަގުވައްޓާލުމަށް ބަޔަކު ރާވައިގެން ހިންގާފައިވާ މި ދަށު ދަރަޖައިގެ ޢަމަލު ހަރުކަށި ޢިބާރާތުން ކުށްވެރި ކުރަން.
– ޕީޕީއެމް/ޕީއެންސީން ނެރުނު ބަޔާނުގައި ވެއެވެ.
މުއިއްޒާއި ދެކޮޅަށް ސިލްސިލާކޮށް ކުރަމުންދާ އެންޓި ކެމްޕޭންގެ ތެރެއިން މިއަދު ނެރުނު ފޭކު ބަޔާނުގައި ބުނެފައިވަނީ އެމްއެންޕީގެ ރައީސް ކާނަލް ނާޒިމް ބައިއަތު ހިފީ ރައީސް ޔާމީން މިނިވަން ނުކުރާނެކަމަށް އެއްބަސްވުމުންކަމަށެވެ. ނަމަވެސް ނާޒިމް ވަނީ ޑރ. މުއިއްޒާއި ގުޅުމަށްފަހު ރައީސް ޔާމީނަށް ތައުރީފް ކުރައްވައި ރައީސް ޔާމީންގެ ޚިދުމަތަށް ޝުކުރުވެސް އަދާ ކުރައްވާފައެވެ.
ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި ޑރ.މުއިއްޒު ގެންދަވަނީ ކޮންމެ ޖަލްސާއެއްގައިވެސް ޔަގީން ކަމާއިއެކު ވެރިކަމާއި ހަވާލުވެ ފުރަަމަ ދުވަހު ރައީސް ޔާމީން ގެއަށް ބަދަލު ކުރައްވައި އެމަނިކުފާނަށް އިންސާފު ގާއިމް ކޮށްދެއްވާނެ ކަަމުގެ ޔަގީންކަން ދެއްވާފައެވެ.