ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ދިވެހި ރައްޔިިތުންގެ ތެރެއިން އެއްލައްކަ ރައްޔިތުން ނިންމާފައިވާ ނިންމުމާއި އެއްގޮތަށް މިހާރުން މިހާރަށް ރައީސް ޔާމީން މިނިވަން ކޮށްދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ގޮވާލައްވައިފިއެވެ.
ރިޔާސީ އިންތިޚާބުން އެންމެ ގިނަ ވޯޓާއެކު ކުރި ހޯއްދަވާފައިވަނީ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒެވެ. އެއީ ވޯޓުލީ މީހުންގެ %46.06 ވޯޓާއެކުއެވެ. މިއީ ވޯޓުން ބަލާނަމަ ލައްކައަކަށް ވުރެ ގިނަ ރައްޔިތުންގެ ވޯޓެވެ. މިއީ މިހާތަނަށް ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެއްވެސް ޕާޓީއަކާއި ކޯލިޝަނެއް ނުހަދައި އެއް ކެންޑިޑޭތަކަށް އެންމެ ގިނަ ވޯޓު ލިބުނު ފަހަރުވެސް މެއެވެ.
ޝިޔާމް ވިދާޅުވީ ދިވެހި ރައްޔިތުންގެ ތެރެއިން އެއްލައްކަ ވޯޓު ދެއްވި ރައްޔިތުންގެ އާދޭހަކީ ރައީސް ޔާމީން މިނިވަން ކޮށް ދެއްވުން ކަމަށެވެ. ފުރަތަމަ ބުރުގައި ރައީސް ޞާލިހަށް ބޮޑު ތަނުން ރައްޔިތުން ނޫނެކޭ ބުނީ މިސަރުކާރު ކަމުނުގޮސް ނުހައްގުން ކުރަމުންދާ ކަންކަން ހުއްޓުވުމަށް ކަމަށާއި، ރައްޔިތުންގެ ނިންމުމާއި އެއްގޮތަށް ރައީސް ޔާމީން މިނިވަން ކޮށްދެއްވުމަށް ޝިޔާމް ވަނީ އާދޭހާއިއެކު ދަންނަވާފައެވެ.
ވެރިކަމުގައި ހުންނަވަނިކޮށް ރިޔާސީ އިންތިޚާބެއްގެ ފުރަތަމަ ބުރުން %38 ލިބިވަޑައިގަތުމުން ރަނގަޅުގޮތަކީ ސިޔާސީ ބޭނުމަށް ކުރައްވާފައި ހުރިކަންކަމުން އަތްދޫކޮށްލެއްވުން. ވަރަށް އާދޭހާއެކު ރައީސް ރައީސް ޞާލިހުގެ އަރިހުން މިއެދެނީ ރައީސް ޔާމީން މިހާރުން މިހާރަށް މިނިވަން ކޮށްދެއްވުމަށް.
– ޝިޔާމް ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބުގައި ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ޑރ. މުއިއްޒު ގެންދަވަނީ ކޮންމެ ޖަލްސާއެއްގައި އަދި ކޮންމެ އިވެންޓެއްގައި ރައީސް ޔާމީނަށް ނުހައްގުން ދެމުންދާ އަނިޔާތައް ހުއްޓުވައި ވެރިކަމާއި ހަވާލުވެ އެމަނިކުފާނު މިނިވަން ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.