ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޕީޕީއެމާއެކު މަސައްކަތްކުރުމާއި ގުޅޭގޮތުން ގޮތެއް ނިންމެވުމަށް ބާއްވަން އުޅުނު ޖުމްހޫރީ ޕާޓީގެ ކައުންސިލުން ބައްދަލުވުން ފަސްކޮށްފިއެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރައްވަނީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒުއާއި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ.
ދެވަނަ ބުރުގައި ކޯލިޝަން ހެދުމާއިގުޅޭގޮތުން މަޝްވަރާކުރުމަށް ޤާސިމް އެންމެ ފުރަތަމަ ބައްދަލުކުރެއްވީ ޕީޕީއެމް ޕީއެންސީގެ ލީޑަރޝިޕާއެވެ. ރޭ 4 ގަޑިއިރަށް ދެމިގެން ދިޔަ އެ މަޝްވަރާތައް ބާއްވާފައިވަނީ ޤާސިމްގެ ސަން އައިލެންޑް ރިސޯޓްގައެވެ. މި މަޝްވަރާގައި އިސްކޮށް ބައިވެރިވެވަޑައިގަތީ ޑރ.މުޢިއްޒުގެ ރަނިންމޭޓް ޙުސައިން މުޙައްމަދު ލަޠީފް (ސެމްބެ) އެވެ.
އަދި އެއަށްފަހު މިއަދު ޖޭޕީ ކައުންސިލުން ޕީޕީއެމް/ޕީއެންސީއާއެކު ކޯލިޝަން ހަދަން ގޮތެއް ނިންމާނެކަމަށް އެޕާޓީން ވަނީ ބުނެފައެވެ. ނަމަވެސް ޖޭޕީން މިއަދު ބުނީ އިތުރު ޕާޓީތަކާއެކުވެސް މަޝްވަރާތައް ކުރިއަށްދާތީ ކަންސިލުން ގޮތެއް ނިންމުން ފަސްކޮށްފައިވާކަމަށެވެ.
ޖޭޕީން މިހެން ބުނެފައިމިވަނީ ކޯލިޝަން ހެދުމާއި ގުޅޭ މަޝްވަރާތަކަށް ރައީސް ޞާލިޙް ޤާސިމާ ބައްދަލުކުރެއްވުމަށް މިހާރު ސަން އައިލެންޑަށް ވަޑައިގެންފައިވާތީއެވެ. ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން ލިބިވަޑައިގެންނެވި ދަށް ނަތީޖާއާއެކު އިތުރު ޕާޓީތަކާ ކޯލިޝަން ހަދަން އެމްޑީޕީން ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އަދި އެއްވެސް ބަޔަކާއެކު އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ