ކުރީގެ މަޝްހޫރު އެކްޓަރު ސަަނީ ޑިއޯލް ސިޔާސީ ދާއިރާ ދޫކޮށްލާނެ ކަމަށް ބުނެފި އެވެ. އޭނާ މިފަދައިން ބުނެފައިވަނީ މަޝްހޫރު ޓީވީ ޝޯ "އާޕް ކީ އަދާލަތު" ގައި މެހުމާނެއްގެ ގޮތުގައި ބައިވެރިވެ ދެއްކި ވާހަކަތަކުގެ ތެރޭގައިއެވެ.
ސަނީ އަކީ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ލޯކް ސަބާގެ މެމްބަރެކެވެ. 66 އަހަރުގެ އެކްޓަރު ބުނީ ވެރިކަން ކުރާ ބީޖޭޕީގެ މެމްބަރެއްގެ ގޮތުގައި ލޯކް ސަބާގައި އޭނަ މިހާރު ފުރަމުން އަންނަ ދައުރު، އަންނަ އަހަރަށް ހަމަވުމުން ދެން ސިޔާސީ އެއްވެސް މަގާމަކަށް ވާދަނުކުރާނެކަމަށެވެ.
އޭނާ ބުނީ އޭނާގެ ދުނިއަކީ ސީޔާސީ ދުނިޔެ ނޫން ކަމަށާއި އޭނާގެ މާބޮޑު އިންޓަރެސްޓްވެސް އެ ދާއިރާއަށް ނެއްކަމަށެވެ. އަދި އެއާއި އެކުގައި އިތުރަސް ސިޔާސީ ދާއިރާއިން އިތުރަށް ކުރިއަށް ނުދިއުމުގެ ވިސްނުން ގެންގުޅޭ ކަމަށެވެސް ސަނީ ވަނީ ބުނެފައިއެވެ.
ޕަންޖާންގެ ގުރުދާސްޕޫރް ދާއިރާގެ ގޮނޑި އޭނަ ކާމިޔާބުކުރީ 2019 ގައި ބޭއްވި އިންތިހާބުގަ އެވެ. ނަމަވެސް ސަނީ ފާހަގަކުރެވެނީ މަޖިލީހުގެ ހާޒިރީ ވަރަށް ދަށް މެމްބަރެއްގެ ގޮތުގަ އެވެ. އެހެންވެ ގިނަ ބައެއްގެ ފާޑުކިއުންވެސް އޭނާއަށް ވަނީ އަމާޒުވެފައިއެވެ. ސަނީގެ އިތުރުން އޭނާގެ ދޮން މަންމަ އަދި ކުރީގެ މަޝްހޫރު ބަތަލާ ހެމާ މާލިނީ އަކީވެސް ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުކަން ކުރަމުން އަންނަ މީހެކެވެ.
އޭނާ މިފަދަ ވާހަކަ ތަކެއް ދެއްކި އިރުގައި ގިނަ ދުވަސްތަކަކު އިންޑަސްޓްރީ އާއި ދުރުގައި ހުރުމަށްފަހު އޭނާ ވަނީ އެނބުރި އައިސްފައިއެވެ. ސަނީގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހު ރިލީޒްކޮށް، ބޮކްސް އޮފީހުގައި އާ ރެކޯޑްތަކެއް ހެދި "ގަދަރު 2″ އެވެ. މީގެ ބޮޑު ކާމިޔާބީއާ ގުޅިގެން އޭނަ އަށް މިހާރު އަންނަނީ ގިނަ ފިލްމުތަކުން ފުރުސަތު ލިބެމުންނެވެ.
ކޮމެންޓު ފޮނުވާ