ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީން ނިންމާނެ ގޮތަކާއިމެދު ލީޑަރޝިޕްގެ ބޭފުޅުންނާއި މިރޭ ސަން އައިލެންޑުގައި ބައްދަލު ކުރައްވަމުން އެބަ ގެންދަވައެވެ.
މިބައްދަލުވުމުގެ ބޭނުމަކީ ލީޑަރޝިޕްގެ ބޭފުޅުންގެ ވިސްނުން ހުރި ގޮތެއް ބެލުމެވެ. އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަ ކުރައްވާ ރައީސް ޞާލިހާއި، ޑރ. މުއިއްޒުގެ ތެރެއިން ޖޭޕީގެ ލީޑަރޝިޕްގައި ތާއީދު އޮތީ ކޮންބޭފުޅަކަށްތޯ މިބައްދަލުވުމުގައި ބަލައި އެކަން ސާފު ކުރެވިގެން ދާނެއެވެ. މަައުލޫމާތު ލިބިފައިވާ ގޮތުގައި މިބައްދަލުވުމަށްފަހު މާދަމާ ޖޭޕީގެ ކައުންސިލް ބައްދަލުވުމެއް ބާވައިވާ ކައުންސިލުން އިންތިޚާބުގެ ދެވަނަ ބުރުގައި ނިންމާނެ ވަކި ގޮތެއް ކަނޑައަޅާނެއެވެ.
ޖުމްހޫރީ ޕާޓީގެ ބަޔާނުގައިވަނީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ކޮންމެ ނަތީޖާއެއް ނުކުތްނަމަވެސް ޤައުމުގެ އިޞްލާހަށާއި، ރާއްޖޭގެ ރައްޔިތުންގެ ކުރިއެރުމާއި ފާގަތިކަމަށް އެޕާޓީން ކުރަމުންދާ މަސައްކަތްތައް ކުރުމުގައި ދެމިތިބޭނެ ކަމަށެވެ. އަދި ޤައުމުގެ ހަމަޖެހުމާއި ސަލާމަތާއި، އިޤްތިޞާދީ ދުޅަހެޔޮކަމަށް ކުރަންޖެހޭ ކަންތައްތައް ކުރުމުގައި ޖުމްހޫރީ ޕާޓީ ދެމިއޮންނާނޭ ކަމަށެވެ.
އަދި މިވަގުތު ޤައުމުގެ މަޞްލަޙަތަށްޓަކައި އިންތިޚާބުގެ ދެވަނަ ބުރާ ދޭތެރޭ ޖުމްހޫރީ ޕާޓީން ނިންމާ ގޮތެއް ޕާޓީގެ ކައުންސިލްގައި މަޝްވަރާކުރުމަށްފަހު، ވަރަށް އަވަހަށް އިޢުލާން ކުރާނޭ ކަމަށްވެސް މިބަޔާނުގައި ހާމަކޮށްފައިވެއެވެ.
ޖުމްހޫރީ ޕާޓީގެ ބަޔާނުގައިވަނީ މިއިންތިޚާބުގެ ފުރަތަމަ ބުރުގައި އެޕާޓީގެ ކެންޑިޑޭޓް ޤާސިމް އިބްރާހީމަށާއި، އެމަނިކުފާނުގެ ރަނިންގމޭޓް ޑރ. އަމީން އިބްރާހީމަށް ތާއީދު ކުރައްވައި ވޯޓުދެއްވި ހުރިހާ ފަރާތްތަކަށާއި، ކެންޕޭނުގައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތްތަކަށް ޝުކުރުއަދާކޮށްފައެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ޤާސިމް އިބްރާހީމަށް ލިބިވަޑައިގެންނެވީ 5,460 ވޯޓެވެ. މިއީ މިހާތަނަށް ބޭއްވި ރިޔާސީ އިންތިޚާބެއްގައި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ޤާސިމް އިބްރާހީމަށް އެންމެ މަދުން ވޯޓުލިބުނު ފަހަރުވެސްމެއެވެ.
ކޮމެންޓު ފޮނުވާ