ޑިމޮކްރެޓުން އެމްޑީޕީ މެމްބަރުންނަށް ރައްދު ދިނީ "ޒީރޯޑިގްރީ"ގެ ލަވަޔަކުން!

ޑިމޮކްރެޓުން އެމްޑީޕީ މެމްބަރުންނަށް ރައްދު ދިނީ "ޒީރޯޑިގްރީ"ގެ ލަވަޔަކުން!

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއިކުރެއްވި އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕްގެ މެމްބަރުން ސޮއިތައް އަނބުރާ ނެންގެވުމުން މަޖިލީހުގައި ހިމެނޭ ޑިމޮކްރެޓްސްގެ މެމްބަރުން ލަވަޔަކުން ރައްދު ދީފިއެވެ.

ޒީރޯ ޑިގްރީގެ "ރިޔަލެއް މާބޮޑު އޮތަކަސް ލިބިފާ" މިލަވަ މަޖިލީހުގައި މިއަދު އެމްޑީޕީ މެމްބަރުންނަށް އަޑު އިވޭގޮތަށް ކިޔާފައިވަނީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) އެވެ. އިންތިއަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، މަޖިލީގެ ނައިބް ރައީސްގެ މައްސަލަ މަޖިލީހަށް އެމްޑީޕީގެ މެމްބަރުން ވެއްދުމުން އެކަމާއި ދެކޮޅަށް އޭރު އެންމެ ބޮޑަށް ވަކާލާތު މެމްބަރެވެ.

ނަޝީދު މަގާމުން ވަގުތުން ވަގުތަށް ވަކިކުރަންޖެހޭ ކަމަށާއި، އިތުބާރު ގެއްލިފައިވާކަމަށް ތަކުރާރުކޮށް އެމްޑީޕީގެ މެމްބަރުން ދިޔައީ ގޮވަމުންނެވެ. އަދި މަޖިލީހުގައި ސީދާ ރައީސް ނަޝީދާއި ދިމާލަށް ޚުދުމުހުތާރު ވެރިއެއް ކަމަށް ގޮމައި، "މުގާބޭ" އަށްވެސް އެމްޑީޕީ މެމްބަރުން ވަނީ ގޮވާފައެވެ.

ނަމަވެސް ރޭ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، ނައިބް ރައީސް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީ ޕީޖީ ގުރޫޕުގެ އަޣްލަބިއްޔަތުން އަނބުރާ ނެންގެވުމަށްވަނީ ނިންމަވާފައެވެ. ނަމަވެސް މަޖިލީހުގެ މިއަދުގެ ޖަލްސާ ފެއްޓުވުމަށްފަހު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީހުގެ ގަވާއިދު ބުނާގޮތުން 22 މެމްބަރުންގެ ސޮޔާއިއެކު އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅައިފިނަމަ އެމައްސަލަ ކުރިއަށް ގެންދަންވާނެ ކަމަށެވެ.

މަޖިލީހުގެ ނައިބް ރައީސްގެ އިިތުބާރު ނެތްކަމުގެ މައްސަލައިގެ ގަރާރުގައި މިހާރު ސޮއި ކުރައްވާފައިވަނީ 21 މެމްބަރުންނެވެ. އެހެންކަމުން މިދެ މައްސަލަވެސް މިހާރު މަޖިލީހުގައި ކުރިއަށް ގެންދެވޭ އަދަދަށް ސޮއި ނެތުމުން ދެ މައްސަލަވެސް މަޖިލީހުން ވަނީ ބޭރުކޮށްލާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *