ގޮތް ނޭގޭ ބައްޔެއް ޖެހިގެން އިންޑިއާގައި އެތައް ސަތޭކަ ބަޔަކު އެޑްމިޓް ކޮށްފި

ގޮތް ނޭގޭ ބައްޔެއް ޖެހިގެން އިންޑިއާގައި އެތައް ސަތޭކަ ބަޔަކު އެޑްމިޓް ކޮށްފި

Author
ހުސެއިން
08 ޑިސެމްބަރ 2020 06:50
0

އިންޑިއާގެ ދެކުނު ސަރަހައްދުގައި އޮންނަ އަވަށެއް ކަމުގައިވާ އަންދްރަ ޕްރަދޭޝްގައި، ގޮތްނޭގޭ ބައްޔެއްޖެހިގެން އެކަކު މަރުވެ، 227 މީހުން ހޮސްޕިޓަލްތަކުގައި އެޑްމިޓް ކޮށްފިއެވެ.

ގޮތް ނޭގޭ މިބަލީގައި އެޑްމިޓްކުރަމުންދާ މީހުންގެ ކިބައިން، ބޭރަށް ހިންގުމާއި، ފިޓްޖެހުމާއި، އަދި ހޭނެތިގެން ވެއްޓުން ކަހަލަ އެތަކެއް އަލާމާތްތަކެއް ފެންނަމުންދާ ކަމަށް، ޑޮކްޓަރުން ވަނީ ބުނެފައެވެ.

މިހަފްތާގެ ހަފްތާ ބަންދުގައި، އަންދްރަ ޕްރަދޭޝްގެ އެލޫރު އަވަށުގައި ފެތުރެންފެށި މި ބަލިމަޑުކަމުގެ ހަގީގަތް ހޯދުމަށް މިހާރު ދަނީ އެއަވަށުގައި ޚާއްސަ ތަހުގީގެއް ހިންގެމުންނެވެ.

އަންދްރަ ޕްރަދޭޝްގައި މިބަލިމަޑުކަން ފެތުރެން ފަށާފައި މިވަނީ، ކޯވިޑް19ގައި އިންޑިއާގެ އެތައް މިލިއަން ބަޔަކު ހަގުރާމަ ކުރަމުންދާ ދަޑިވަޅެއްގައެވެ. ދުނިޔޭގައި، އެމެރިކާ ފިޔަވާ ދެން އެންމެ ގިއަދަދެއްގެ ބަޔަކު ކޯވިޑް19 އަށް ޕޮޒިޓިވް ވެފައިވަނީ އިންޑިއާގައެވެ.

އަންދްރަ ޕްރަދޭޝް ހިމެނިގެންދަނީ ކޯވިޑް19ގެ އެންމެ ބޮޑަށް ގޯސް ސިޓީތަކުގެ ތެރޭގައެވެ. މި ސްޓޭޓުގައި މިހާތަނަށް 800،000 މީހުންވަނީ މިބައްޔަށް ޕޮޒިޓިވް ވެފައެވެ. މިއީ އިންޑިއާގައި 3 ވަނައަށް އެންމެ ގިނަ އަދަދަކަށް ކޯވިޑަށް މީހުން ޕޮޒިޓިވް ވެފައިވާ ސްޓޭޓެވެ.

ކަމާބެހޭ އިދާރާތަކުން ހާމަކުރާ ގޮތުގައި، ގޮތް ނޭގޭ މިބަލީގެ އަސްލަކީ ކޯވިޑް19 ނޫންކަން މިހާރު ވަނީ ކަށަވަރު ކުރެވިފައެވެ. އަންދްރަ ޕްރަދޭޝްގެ ހެލްތު މިނިސްޓަރ އައްލާ ކަލި ކްރިޝްނާ ސްރިނިވަސް ވިދާޅުވެފައިވަނީ، ގޮތް ނޭގޭ މިބަލީގައި އެޑްމިޓް ކުރެވުނު އެންމެވެސް ކޯވިޑް19 އަށް ވަނީ ނެގެޓިވް ވެފައެވެ.

"މިބަލި ޖެހޭ މީހުން، ޚާއްސަކޮށް ކުޑަކުދިން، ކުއްލިއަކަށް ހޮޑުލާން ފަށާފަ، ލޮލުގަ ރިއްސާކަމުގެ ޝަކުވާތައް ކުރޭ. ބައެއް މީހުން ބޮލަށް އެބުރުން އަރައިގަނެގެން ވެއްޓޭ،" އެލޫރުގައި ހުންނަ ސަރުކާރު ހޮސްޕިޓަލްގެ މެޑިކަލް އޮފިސަރ ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ވިދާޅުވެފައި ވެއެވެ.

މިހާތަނަށް ފަރުވާ ދިނުމަށްފަހު، 70 މީހަކު ދޫކޮށްލެވިފައި ވާއިރު، އަދިވެސް 157 މީހުންނަށް އެޑްމިޓް ކުރެވިގެން ފަރުވާ ދެވެމުންދާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.

އަންދްރަ ޕްރަދޭޝް ސްޓޭޓްގެ ސްޓޭޓް މިނިސްޓަރ ޖަގަންމޯހަން ރެޑީ ވިދާޅުވެފައިވާ ގޮތުގައި އެލޫރުގެ ފެތުރެމުންދާ ގޮތް ނޭގޭ މިބަލިމަޑުކަމުގެ ހަގީގަތް ހޯދުމަށް ޚާއްސަ ޓީމެއް މިހާރުވަނީ މިއަވަށަށް ފޮނުވާލެވިފައެވެ. އަދި ސްޓޭޓް މިނިސްޓަރ ރެޑީވެސް ބަލިމީހުންނާ ބައްދަލު ކުރުމަށް އެ އަވަށަށް ޒިޔާރަތް ކުރުމަށް ވަނީ ހަމަޖެހިަފއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.