ވޯޓުލުމުގެ ވަގުތު އިތުރު ނުކުރުމަށް ނިންމާ، ކިއުތައް ބަންދުކޮށްފިއެވެ.
މިއަދު ހެނދުނު 8 ޖެހުމާއެކު މާލެއާއި އަތޮޅުތަކުގައި ވޯޓުލުމުގެ ކަންކަން ވަނީ ފަށާފައެވެ. ރިޔާސީ އިންތިޚާބުގެ ވޯޓުލުން މިއަދު ހެނދުނު 8 ފެށިގެން ހަވީރު 4 ޖެހުމާއި ހަމައަށް ވަނީ ކުރިއަށް ގެންގޮސްފައެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ވޯޓުލުން ހަވީރު 4:00 ގައި ނިމޭނެ ކަމަށެވެ. އަދި 4 ގެ ކުރިން ކިއޫގައި ތިބި މީހުންނަށް ވޯޓުލުމުގެ ފުރުސަތު ލިބޭނެ ކަމަށާއި، 4 ގެ ފަހުން ކިޔޫ އަށް ނޭރޭނެ ކަމަށެވެ. ވޯޓުލުމުގެ ވަގުތު އިލެކްޝަންސް ކޮމިޝަނުން އިތުރު ނުކުރާނެކަމަށްވެސް ހަބީބް ވިދާޅުވިއެވެ.
މިއަދު ދޭއް ޖެހުމާއި ހަމައަށް ވޯޓުލީ 58 އިންސައްތަ މީހުންނެވެ. ބޮޑެތި އާބާދީ ތަކުގައި ވޯޓުލާން ނިކުތް މީހުންގެ ނިސްބަތް ފެންނަނީ ޖުމްލަކޮށް މަދު ކޮށެވެ.
ހަވީރު 4 ޖަހާއިރު ވޯޓުލުމަށް ކިއޫގައި މީހަކު ނެތްނަމަ، ކިޔޫ ބަންދުކުރުމަށްފަހު 30 މިނެޓްފަހުން ވޯޓު ގުނަން ފަށާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. ވޯޓުލާން ފެށުމާއެކު ވީހާވެސް އަވަހަކަށް ވޯޓުލުމުގެ ޙައްގު އަދާކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިލްތިމާސްކުރައްވާފައެވެ.
މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ޖުމްލަ 282،395 މީހަކަށް ވޯޓުލުމުގެ ހައްޤު ލިބިފައިވެއެވެ. މީގެ ތެރޭގައި އަލަށް ވޯޓުލާ 27000 އަށްވުރެ ގިނަ މީހުން ހިމެނެއެވެ. އަދި ޤާނޫނަށް ގެނެވުނު އިސްލާޙާއެކު މިފަހަރުގެ އިންތިޚާބުގައި ލޯފަން މީހުންނަށް އިތުރު މީހެއްގެ އެހީއަކާއި ނުލާ، އަމިއްލައަށް ވޯޓުލުމުގެ ފުރުޞަތު ވަނީ ލިބިގެންގޮސްފައެވެ.
މި އިންތިޚާބުގައި ރާއްޖެއާއި ރާއްޖޭން ބޭރުގައި ވޯޓުލުމަށްޓަކާ ޖުމްލަ 574 ފޮށްޓެއް ވަނީ ބަހައްޓާފައެވެ. މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ރާއްޖޭން ބޭރުގެ 5 ޤައުމެއްގައި ވަނީ ވޯޓު ފޮށި ބަހައްޓާފައެވެ. އެއީ ސްރީލަންކާގެ ކޮލަމްބޯއާއި، އިންޑިއާގެ ޓްރެވެންޑްރަމާއި، މެލޭޝިއާގެ ކުއަލަލަމްޕޫރުގެ އިތުރުން އިނގިރޭސިވިލާތުގެ ލަންޑަނާއި، ދުބާއީގައެވެ. އަދި 65 ރިސޯޓަކާއި 5 ޖަލެއްގައި ވޯޓު ފޮށި ބަހައްޓާފައިވެއެވެ.