މޯލްޑިވް ގޭހުގެ ކޮރަޕްޝަންގެ މައްސަލަތަކެއް ދެމަސް ދުވަހުގެ ތެރޭގައި ބަލައި ނިންމަން އޭސީސީއަށް އެންގުމަށް މަޖިލީހުން ފާސްކޮށްފިއެވެ. މިގޮތަށް ފާސްކުރީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 58 މެންބަރުންގެ އިއްތިފާޤުންނެވެ.
މަޖިލީހުގެ އެސްއޯއީ ކޮމިޓީން ދިރާސާކޮށް މަޖިލީހުން ފާސްކުރި ރިޕޯޓްގައި ވަނީ މޯލްޑިވް ގޭސް ކުންފުނިން ގޭސް ގަންނަނީ މާރކެޓް ރޭޓަށް ވުރެ ބޮޑުކޮށްކަމަށެވެ. އަދި އެކުންފުނި ހިންގުމުގައި ވަރަށް ބޮޑަށް އިހުމާލުވެފައިވާކަމަށްވެސް ކޮމިޓީގެ ރިޕޯޓްގައިވެއެވެ. އެކޮމިޓީން ވަނީ މޯލްޑިވް ގޭހުގެ މައްސަލަ އެންމެ ގިނަވެގެން 2 މަސްދުވަހުގެ ތެރޭގައި ބަލައި ނިންމާ، އެމައްސަލަ ނިންމިގޮތުގެ ރިޕޯޓް ކޮމިޓީއަށް ފޮނުވުމަށް އޭސީސީގައި ދެންނެވުމަށްވެސް މިއަދު ތަޅުމުން ފާސްކުރި ކޮމިޓީ ރިޕޯޓްގައިވެއެވެ.
މޯލްޑިވް ގޭހުގެ ކޮރަޕްޝަންގެ މައްސަލަތަށް ދިރާސާކޮށް ކޮމިޓީން އެކުލަވާލި ރިޕޯޓްގައި ވަނީ މޯލްޑިވް ގޭހުން ވިއްކަން ގެންނަ ގޭހުގެ އަގު ބޮޑުކަން ފާޙަގަކޮށްފައެވެ. އެގޮތުން އެރިޕޯޓްގައި ބުނެފައިވަނީ ކޮންމެ ޝިޕްމެންޓަކުން އެވްރެޖްކޮށް 45-60 އިންސައްތަ ގޭސް ޑެލިވަރީ ކުރުމަށް ޕްރިމިއަމްގެ ގޮތުގައި ހިމަނާފައިވާކަމަށެވެ. އަދި 2016 ވަނަ އަހަރާއި 2017 ވަނަ އަހަރު މާކެޓުގައި ގޭހުގެ އަގުދަށްވި ނަމަވެސް މޯލްޑިވް ގޭހުން ގޭސް ގަންނަ އަގު 65-99 އިންސައްތަ ބޮޑުކޮށްފައިވާކަމަށްވެސް ރިޕޯޓްގައިވެއެވެ. އަދި 2016-2018 އަހަރާއި ހަމައަށް ގޭހުގެ ޕްރިމިއަމް އަގު ކޮންމެ ޓަނަކަށް 250-285 ޑޮލަރުގައި ހުރިއިރު، މޯލްޑިވް ގޭހަށް ގޭސް ފޮނުވައިދޭ ކުންފުނިން ގޭސް ގަތުން ހުއްޓާލިފަހުން ކޮންމެ ޝިޕްމަންޓަކުން 157 ޑޮލަރު އަގު ހެޔޮވެފައިވާކަން ފަހަގަކޮށްފައިވެއެވެ. ކޮމިޓީން ވަނީ ގޭހުގެ އަގު ކުޑަކުރުމަށް ކުރެވޭނެ މަސައްކަތްތަކާއި ގޭސް ރައްކާކުރުމަށް ކެޕޭސިޓީ އިތުރުކުރުމަށްވެސް އެކުންފުނީގައި އެދުމަށް ރިޕޯޓްގައި ހިމަނާފައެވެ.
އެސްއޯއީ ކޮމިޓީގެ ރިޕޯޓްގައި ވަނީ ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލައެއްގައި ސަސްޕެންޑްކޮށްފައިވާ އެކުންފުނީގެ މެނޭޖިންގ ޑރެކްޓަރ ޝަޒައިލް ޝިޔާމް އެކުންފުނި ބެލެހެއްޓުމުގައި އިހުމާލުވެފައިވާކަމަށާއި، އެކުންފުނީގެ ހިންގުން ހަރުދަނާކުރުމަށް އެހެން މެނޭޖިންގ ޑިރެކްޓަރަކު ޢައްޔަންކުރުމަށް ސަރުކާރާއެކު މަސައްކަތްކުރުމަށްވެސް ކަނޑައަޅާފައެވެ.
ކޮރަޕްޝަންގެ މައްސަލައެއްގެ ތުހުމަތާ އެކު މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ޝިޔާމް ސަސްޕެންޑް ކޮށްފައި ހުންނަތާ މިހާރުވަނީ އަހަރަކަށްވުރެ ގިނަ ދުވަސްވެފައެވެ. ޝަޒައިލަށް ތުހުމަތުކުރާ މައްސަލައިގެ ތަހުގީގު އޭސީސީން ފަށައި އޭނާގެ ބަޔާން ވެސް ވަނީ ނަގައިފަ އެވެ.
ކޮމެންޓު ފޮނުވާ