ކުށްކުރާ ކުދިން ހައްޔަރުކުރާތާ 24 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޒިރުކުރަން ފާސްކޮށްފި

ކުށްކުރާ ކުދިން ހައްޔަރުކުރާތާ 24 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޒިރުކުރަން ފާސްކޮށްފި

Author
މުޙައްމަދު ޖިމީ
07 ޑިސެމްބަރ 2020 05:29
0

ކުށެއްގެ ތުހުމަތުގައި ހިފެހެއްޓޭ ނުވަތަ ހައްޔަރުކުރެވޭ ކުޑަކުއްޖަކު ހައްޔަރުކުރެވޭތާ 24 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޒިރުކުރަންޖެހޭ ގޮތަށް ކުޑަކުދިންގެ ޢަދުލުގެ ޤާނޫނަށް ހުށައެޅި އިޞްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. މިގޮތަށް މަޖިލީހުން ފާސްވީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 56 މެންބަރުންގެ ވޯޓުންނެވެ.

ކުޑަކުދިންގެ ޢަދުލުގެ ޤާނޫނަށް މަޖިލީހުން ގެނައި އިޞްލާޙުތަކުގައި ވަނީ ޖުވެނައިލް ކޯޓަށް ބެލުމުގެ އިޙްތިޞާޞް ލިބިގެންވާ މައްސަލައެއް މާލެ ނޫން ރަށަކަށް ހުށަހަޅައި ޝަރީޢަތް ހިންގަން ޖެހިއްޖެ ޙާލަތެއްގައި، އެފަދަ މައްސަލަތައް ބަލާނީ އެރަށެއްގެ މެޖިސްޓްރޭޓް ކޯޓުން އިދާރީ އިންތިޒާމް ހަމަޖައްސައި، ޖުވެނައިލް ކޯޓުގެ ފަނޑިޔާރުން އެ ކޯޓަށް ހާޒިރުވާންޖެހޭނެކަމަށެވެ. އަދި ޖުވެނައިލް ކޯޓުގެ ސަރަޙައްދީ ޑިވިޜަންތަކުގައި މަސައްކަތްކުރަންވާނީ، މާލޭގައި ޤާއިމުކޮށްފައިވާ ޖުވެނައިލް ކޯޓުގައި މަސައްކަތްކުރާ ފަނޑިޔާރުންނާ އެއް ޝަރުޠުތަކެއް ކަނޑައެޅިފައިވާ ފަނޑިޔާރުންކަމަށާއި، ޖުވެނައިލް ކޯޓާއި، ޑްރަގް ކޯޓާއި، ދިވެހިރާއްޖޭގެ ހައިކޯޓާއި ސުޕްރީމް ކޯޓުގައި، ކުޑަކުދިންގެ މައްސަލަތައް ބެލުމަށްޓަކައި އެފަދަ އިންތިޒާމުތައް ހަމަޖެހިފައި ހުންނަންވާނެކަމަށްވެސް ޑަކުދިންގެ ޢަދުލުގެ ޤާނޫނަށް ގެނައި އިޞްލާހުގައިވެއެވެ.

މަޖިލީހުން ފާސްކުރި އިޞްލާހުގައި ކުށެއްގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުއްޖާ ހައްޔަރުކޮށްފައިވަނީ ޤާނޫނީ ހަމަތަކުގެ މަތިންތޯ ކަނޑައެޅުމަށްޓަކައި، ވީ އެންމެ އަވަހަކަށް، އަދި އެ ކުއްޖާ ހައްޔަރުކުރެވޭތާ ލަސްވެގެން 24 ސައުވީސް ގަޑިއިރުގެ ތެރޭގައި، ފަނޑިޔާރެއްގެ ކުރިމައްޗަށް އޭނާ ހާޒިރުކުރަންވާނެކަމަށާއި، ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ ކުދިންގެ ބަންދާމެދު ގޮތެއް ކަނޑައަޅާ މަޖިލީހުގެ އެންމެހައި އިޖުރާޢަތްތައް މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެކަމަށެވެ.

މިދިޔަ އަހަރު ފާސްކުރި ކުޑަކުދިންގެ ޢަދުލުގެ ޤާނޫނަކީ ބޮޑެތި މީހުންގެ މައްޗަށް ހިންގޭ ޢާންމު ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއަށް ކުއްޖާ ވަނުމުގެ ސަބަބުން ކުއްޖާއަށް ކުރާ ނޭދެވޭ އަސަރުތަކުން ދުރުހެލިކުރުވުމާއި، ކުށުގެ ރެކޯޑެއް އޮވެއްޖެނަމަ ކުއްޖާއަށް ކުރާނެ ނޭދެވޭ އަސަރުތަކުން ދުރުހެލިކުރުވައި، ކުއްޖާ ކުށްކުރުން ތަކުރާރުކުރުމާ ދުރުހެލިކުރުވުމުގެ މަޤްބާދުގައި އެކުލަވާލާފައިވާ ޤާނޫނެކެވެ. އަދި ކޮންމެ ކުއްޖަކީވެސް ޚާއްޞަ ޙާލަތްތަކެއްގައި ހުންނަ، ޚާއްޞަ ބޭނުންތަކެއް ހުންނާނެ ކުއްޖެއް ކަމުގައިވާއިރު، އެއިން ކޮންމެ ކުއްޖެއްގެ ޙާލަތަށް ވަކިން ރިޢާޔަތްކޮށް، އެކުދިންނާމެދު ޢަމަލުކޮށް، ހައްލެއް ހޯދައިދެވޭނެ ގޮތްތަކެއް ހޯދައިދިނުމަކީވެސް މިޤާނޫނުގެ މަޤްޞަދެކެވެ.އަދި ކުއްޖާ ކުރާ ޤާނޫނާ ޚިލާފު ޢަމަލުގެ ސަބަބުން ކުރިމަތިވާ ގެއްލުމަށް އެކުއްޖާ ޖަވާބުދާރީވާން ބާރުއެޅުންވެސް މިޤާނޫނުން ލާޒިމްކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.