ރާއްޖެ މިނިވަން ކަމާއި ސިޔާދަތާއި އިސްތިގުލާލު ގެއްލި ޤައުމު އޮތީ ނާޒުކު ފައްތަރެއްގައި ކަމަށާއި، ދިވެހިންގެ މިނިވަންކަމާއި އަދި ޤައުމުގައި ހުރި މައްސަލަތަކުން އަރައި ގަތުމަށް އޭނާއަށް މި ރިޔާސީ އިންތިޚާބުގައި ވޯޓު ދެއްވުމަށް ޤާސިމް އެދިވަޑައިގެންފިއެވެ.
ރިޔާސީ އިންތިޚާބުގެ ކެމްޕޭންގެ އެންމެ ފަހު ދުވަހު ޤާސިމް ފޮނުވި މސެޖުގައި ވިދާޅުވީ މި ޤައުމަށް އެކި އެކި ސިޔާސީ ވެރީން ޖެއްސި މާލީ މުސީބާތްތަކުން ޤައުމު ސަލާމަތް ކުރުމަށް ތަޖްރިބާ ހުރި ޤައުމު ދެކެ ހަޤީޤީ ލޯބިވާ ވެރިޔަކު އިންތިޚާބު ކޮށް އަވަހަށް މަސައްކަތް ނުފަށައިފިނަމަ މި ޤައުމާއި، ރައްޔިތުންގެ މިނިވަންކަމާއި ސިލްމާ ސަލާމަތް ނެތިދިއުމަކީ ވަރަށް ގާތުގައި އޮތް ކަމެއްކަމަށެވެ.
ޖެހިޖެހިގެން 10 އަހަރު ރާއްޖެއިން މިވަނީ ސޮވަރިން ދަރަނި އިތުރުކޮށްފަ. އަޅުގަނޑުމެންގެ ދަރަނި މިވަނީ ގާތްގަނޑަކަށް 120 ބިލިއަން ރުފިޔާ އަށްވުރެ މައްޗަށް އަރާފަ. އަދި ކުރިއަށް އޮތް 5 އަހަރު ނިމޭއިރު ދަރަނި 165 ބިލިއަން ރުފިޔާ ގާތްކުރާނެ ކަމަށް ބެލެވޭ. ހަމައެކަނި ރިޕޭމަންޓްތަކުގެ ގޮތުގައި އެކަނިވެސް 2026 ވަނަ އަހަރު 1 ބިލިއަން ޑޮލަރު ވުރެ ބޮޑު ޢަދަދެއް ރާއްޖެއިން ދަރަނިނަގާފައިވާ ޤައުމުތަކަށް ދައްކަން ޖެހޭ.
– ޤާސިމް ވިދާޅުވިއެވެ.
ޤާސިމް ވިދާޅުވީ މިދަރަނިތައް އަނބުރާ ދެއްކޭނެ އަދި ރީސްޓަކްޗާ ކުރެވޭނެ ގޮތެއް ދަންނަ މީހަކަށް މެނުވީ މި ޤައުމު މި ހާލަތުން ސަލާމަތް ނުކުރެވޭނެ ކަމަށެވެ. އަވައްޓެރި ޝްރީލަންކާ ފަދައިން މި ރާއްޖެވެސް ޑިފޯލްޓް ވުމަކީ ދުރުގައި އޮތްކަމެއްނޫން ކަމަށާއި، ހާލަތު މިހެން އޮތް އިރު، ވެރިކަމުގައި ތިބި ފަރާތްތަކުން ޤާނޫނު އަސާސީއާއި ޤާނޫންތަކާއި ޚިލާފަށް މުޅި ދައުލަތުގެ ނިޒާމުތައް ފެއިލްކޮށް، ކަރަޕްޝަންގެ ތެރެއިން ވަކި ބަޔަކަށް މަގުފަހި ކޮށްދިނުން މިވަނީ އިންތިހާއަށް ބޮޑުވެފައިކަމަށް ޤާސިމް ވިދާޅުވިއެވެ.
ޒަރޫރީ އެންމެ ކުދި ބޭނުންތަކަށްވެސް ކޮރަޕްޝަން ބޭނުންކުރުން މިވަނީ މި ގައުމުގައި އާންމުވެފަ ނޫންތޯއެވެ؟ ބޮޑެތި ބަލިތައް ތަޙައްމަލު ކުރަމުންދާ ނިކަމެތި ރައްޔިތުމީހާއަށް، އާސަންދަ ހަމަޖެހެނީވެސް ކޮންމެވެސް ވެރިޔަކަށް ދަންނަވައިގެން ވެރިކަންކުރާ ޕާޓީ އަށް ސޮއިކުރުމުން.
– ޤާސިމް ވިދާޅުވިއެވެ.
އެހެންކަމުން ކޮރަޕްޝަނާއި ޚިޔާނާތުން ދުރުވެ، ދަރަނީގެ ދަންތޫރައިން މި ގައުމާއި، ރައްޔިތުން ސަލާމަތްކޮށް، ޤާނޫން އަސާސީ އާއި ޚިލާފަށް ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ރާއްޖެއިން ބޭރުކޮށް، ސަރުކާރުން ޤަސްދުގައި ރާއްޖޭގެ ކަނޑުގެ އިޤްތިޞާދީ ސަރަޙައްދުން މޮރިޝަސް އަށް ދޫކޮށްލި ބައި އަލުން ހޯދުމަށް މަސައްކަތްކުރުމަށާއި، ޢަދުލުވެރިކަމާއި އެކު އިންސާފު ޤާއިމުކޮށް، ޤައުމުގެ އިޤްތިސާދު ހަމަމަގަށް އަޅުވައި ރައްޔިތުންނަށާއި ޤައުމަށް ލިބޭ ތަނަވަސްކަން އިތުރުކޮށް، އިލްމީ އަދި ފަންނީ ގޮތުން މި ރާއްޖޭގެ ރައްޔިތުން ކުރިއަރުވައި، ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ހަމަހަމަ ގޮތުގައި ބޯހިޔާވަހިކަން ފޯރުކޮށްދީ، ބޭސްފަރުވާ އަދި ސިއްހީ ރޮނގުން މި ރާއްޖެ ތަރައްޤީކޮށް، ޒަމާނީ ވަސީލަތްތަކާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން ރާއްޖެ ކުރިއެރުވުމަށް، ތަޖްރިބާގެ އަލީގައި ޔަޤީންކަމާއެކު، ޤައުމު ހަމަމަގަށް އެޅުވުމަށް، ޤާސިމް އިބްރާހީމް އަށާއި، ރަނިންމޭޓް ޑރ. އަމީން އިބްރާހީމް އަށް (ކެނޑިޑޭޓް ނަންބަރު 5) ވޯޓުދެއްވުމަކީ ވަރަށް ބޮޑު އެދުމެއްކަމަށް ޤާސިމް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ