ފުލުހުންގެ ހުރިހާ އޮފިސަރުން ބަދަލުކޮށްގެންވެސް ކުރީ ސަރުކާރުގެ ޖަރީމާތައް ބަލާނަން: އިލްޔާސް

ފުލުހުންގެ ހުރިހާ އޮފިސަރުން ބަދަލުކޮށްގެންވެސް ކުރީ ސަރުކާރުގެ ޖަރީމާތައް ބަލާނަން: އިލްޔާސް

Author
މުޙައްމަދު ޖިމީ
07 ޑިސެމްބަރ 2020 03:40
0

ފުލުހުންގެ ހުރިހާ އޮފިސަރުން ބަދަލުކޮށްގެންނަމަވެސް ކުރީ ސަރުކާރުގައި ހިންގާފައިވާ ޖަރީމާތައް، ބަލާނެކަމަށް ހުޅުދޫ ދާއިރާގެ އެމްޑީޕީ މެންބަރު އިލްޔާސް ލަބީބު ވިދާޅުވެއްޖެއެވެ.

ޗެނަލް 13 އިން ދިވެހި ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދޭފަދަ ދޮގު މަޢުލޫމާތު ބްރޯޑްކާސްޓްކުރި މައްސަލަ، ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ވާހަކަފުޅު ދައްކަވަމުން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން މީޑިއާގެ ވާހަކަ ދައްކަން ލަދުގަންނަން ޖެހޭނެކަމަށާއި، މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިޞްވާން ގެއްލުވާލާ، ރިޞްވަން ހޯދަން މަސައްކަތްކުރި މީހުންނަށްވެސް ހަމާލާދީފައިވާކަމަށެވެ. އަދި މިނިވަން ނޫހުގެ އިދާރާ ހިންގާ އޮފީހުގެ ދޮރަށް ކަތިވަޅި ޖަހާފައިހުރިކަމަށާއި، މިއީ މިހާރުގެ އިދިކޮޅު ފަރާތްތަކުން ހިންގާފައިވާ ކަންތައްތަކެއްކަމށްވެސް އިލްޔާސް ލަބީބު ތުހުމަތުކުރެއްވިއެވެ.

އިލްޔާސް ލަބީބުގެ މި ވާހަކަފުޅައި ގުޅިގެން ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވަނީ ނިޒާމީ ނުކުތާއެއް ނަންގަވާފައެވެ. ޝިޔާމް ވިދާޅުވީ ރިޞްވާން ގެއްލުނު މައްސަލައާއި، އެޏޫންވެސް އެތައް މައްސަލައެއް ބެލުމަށް މިސަރުކާރު ނުކުޅެދިފައިވާކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ސިޕަ މެޖޯރިޓީ އޮވެމެ، އަދި ސަރުކާރަށްދެ އަހަރު ވިއިރުވެސް އެމައްސަލަތައް ނުބެލޭކަމަށާއި، އެމްއެމްޕީއާރުސީގެ މައްސަލަވެސް ބަލަން ނުކެރުނުކަމަށް ޝިޔާމް ވިދާޅުވިއެވެ.

18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދެތިން މެންބަރުންފިޔަވާ، އިއްޒަތްތެރި މެންބަރު އީވާ ޢަބްދުﷲ، އިއްޒަތްތެރި މެންބަރު އިމްތިޔާޒް ފަހުމީ ފަދަ މަދު ދެތިން މެންބަރުން ފިޔަވާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެންބަރުން ވާނީ އެފައިސާގައި ޖެހިފައި.

– ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް

ޝިޔާމްގެ އެވާހަކަތަކާއި ގުލިގެން އިލްޔާސް ވިދާޅުވީ ރިޞްވާންގެ މައްސަލަ މިސަރކާރުން ބަލަމުން ގެންދަނީ، ކުރީ ސަރުކާރުގައި އެމައްސަލަ ނުބެލުމުންކަމަށެވެ. އިލްޔާސް ވިދާޅުވީ އެފަދަ މައްސަލަތައް ނުބަލާ ދޫކޮށް ނުލާނެކަމަށާއި، އެކަން ކުރުމަށް ފުލުހުންގެ ޤާނޫނަށް އިޞްޅާހު ގެނެސްފައިވާކަމަށެވެ. އަދި ފުލުހުންގެ މުއައްސަސާގެ ހުރިހާ އޮފިސަރުން ބަދަލުކޮށްގެންވެސް މައްސަލަތައް ބަލާނެކަމަށް އިލްޔާސް ވިދާޅުވިއެވެ.

ފުލުސް އޮފިސްތެރިން ނުބެލީމަ ފުލުހުންގެ ޤާނޫނު އިޞްލާހުކޮށްގެން މިއުޅޭނީ އެމައްސަލ ބަލަން. އެމައްސަލަ ބަލާނަން. ފުލުހުންގެ ހުރިހާ އޮފިސަރުން ބަދަލުކޮށްގެންވެސް އަޅުގަނޑުމެން އެމައްސަލަތައް ބަލާނަން. ހުއްޓައެއް ނުލާނަން. އަޅުގަނޑުމެން ދޫކުރުމެއް ނެތް. އަޅުގަނޑުމެންނަށް އިނގޭ މީގަ އަޑިގައި ހުރި ކަންތައްތައް. އެއޮތީ ހުރިހާ ރިޕޯޓެް. ޖުޑީޝަރީވެސް އިޞްޅާހުކުރީ މިކަން ކުރުމަށްޓަކައި. އަޅުގަނޑުމެން މަޖިލިސް ތެރެއިންވެސް ދައުވާކުރަން ޖެހޭ މީހުންގެ މައްސަލަތައކަށް ދައުވާކުރާނަން.

– ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު

މެންބަރު އިލްޔާސް މިހެން ވިދާޅުވެފައިވާއިރު، ފުލުހުންގެ ބައެއް މަޤާމުތައްކަށް ބޭފުޅުން އަލުން އައްޔަން ކުރާ ގޮތަށާއި، ފުލުހުންނަށް ހަތިޔާރު ގެންގުޅުމުގެ ބާރުދީ ފުލުހުންގެ ބިލު ރޭވަނީ މަޖިލީހުން ފާސްކޮށްފައެވެ. އަދި ފުލުހުންގެ ބައެއް އޮފިސަރުން ފޭސްބުކް އެކައުންޓްގެ ޕްރޮފައިލް ފޮޓޯ ކަޅު ކުލައަށް ބަދަލުކޮށްގެން އިހްތިޖާޖް ކުރި މައްސަލަ އަލުން ބަލަންވެސްމަޖިލީހުން ވަނީ ފާސްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.